މޫސުމީ ބަދަލުތަކާ ގުޅިގެން ކުރިމަތިވެފައިވާ ފެނަށްޖެހުމުގެ މައްސަލަ ހައްލު ކުރުމުގެ ގޮތުން، 29 ރަށެއްގައި ފެނާއި ގުޅުންހުރި މަޝްރޫއުތައް ހިންގުމަށް ނިންމައިފިއެވެ.

އެގޮތުން، 25 ރަށެއްގައި އިނޖްތިމާއީ ފުރާޅުތަކުން ލިބޭ ވާރޭގެން ނަގައި ރައްކާކުރުމަށް، ވަރޭފެން ރައްކާކުރުމުގެ ނިޒާމު އެކުލަވާލުމަށް 126 މިލިއަން ރުފިޔާ ހަރަދު ކުރުމަށް ވަނީ ނިންމާފައެވެ. އަދި 4 ރަށެއްގައި ލޮނުފެން ޑީސެލިނޭޓްކޮށް އުފައްދާ މީރުފެން ގޭބިސީތަކަށް ފޯރުކޮށްދިނުމަށް ފެނުގެ ނިޒާމު ގާއިމް ކުރުމަށް 144 މިލިއަން ރުފިޔާ ހަރަދު ކުރުމަށް ވަނީ ނިންމާފައެވެ.

ފެނުގެ ނިޒާމު ގާއިމް ކުރުމަށް ނިންމާފައި ވަނީ ހދ. ނޮޅިވަރަމްފަރު، ށ. ފޯކައިދޫ، ރ. މަޑުއްވަރީ، ބ. ދަރަވަންދޫގައެވެ. މި ރަށްތަކުގައި ފެން ފޯރުކޮށްދިނުމަށްޓަކައި 45000 މީޓަރުގެ ހޮޅީގެ ވިއުގަ އެޅިގެން ދާނެއެވެ. އަދި ޑީސެލިނޭޝަން ޕްލާންޓުތަކުން 322 ޓަނުގެ ފެން ކޮންމެ ދުވަހަކު އުފައްދާއިރު، ފެންރައްކާކުރާ ތާނގީތަކުގައި 1300 ޓަނުގެ ފެން ރައްކާކުރެވޭނެއެވެ.

ވާރޭފެން ރައްކާކުރެވޭ ނިޒާމު ގާއިމް ކުރުމަށް ނިންމާފައިވާ ރަށްތައް:

  • އއ. މަތިވެރި، ބޮޑުފުޅުދޫ، ހިމަންދޫ
  • އދ. ކުނބުރުދޫ، ދިގުރަށް
  • ދ. މީދޫ، ބަނޑިދޫ، ހުޅުދެލި
  • މ. ރަތްމަންދޫ، ވޭވަށް، ނާލާފުށި
  • ތ. ދިޔަމިގިލި، ކަނޑޫދޫ، ވަންދޫ، ގާދިއްފުށި، ކިނބިދޫ، އޮމަދޫ
  • ގއ. މާމެންދޫ، ނިލަންދޫ، ކޮނޑޭ
  • ގދ. ހޯޑެއްދޫ، ނަޑެއްލާ، ރަތަފަންދޫ، ފިޔޯރީ، ފަރެސްމާތޮޑާ

މި ރަށްތަކުގައި އަލްޓަރާ ފިލްޓްރޭޝަން ސިސްޓަމް މެދުވެރިކޮށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާގެ މިންގަނޑަށް ފެން ސާފުކޮށް ހުރިހާ ޖަރާސީމެއް ނެތި ކޮށްލާނެއެވެ. އަދި ފެންރައްކާކުރާ ރާނގީތަކުގައި 3750 ޓަނުގެ ފެން ރައްކާ ކުރެވޭއިރު، ފެން ދޫ ކުރުމަށްޓަކައި އެކު ޖުމްލަ 91 އިސްކުރުބަރި ބެހެއްޓުމަށް ވަނީ ނިންމާފައެވެ.

މި މަޝްރޫގތަކުގެ މަންފާ 1 ލައްކަ ރަައްޔިތުންނަށް ކުރާނެ ކަމަށް އެންވާރަމަންޓް މިނިސްޓްރީން ބުނެއެވެ.