ހުޅުމާލެ ޖެޓީ އާއި ސެންޓްރަލް ޕާކް ތަރައްގީ ކުރުމުގެ މަޝްރޫއުގެ އަމަަލީ މަސައްކަތް ފަށައިފިއެވެ.

އެޗްޑީސީން ބުނީ، ހުޅުމާލޭގެ ސެންޓްރަލް ޕާކްގެ ފަސްގަނޑު އެއްވަރު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށެވެ. މީގެ އިތުރުން ސެންޓްރަލް ޕާކްގައި ހުރި ހިތްފަސޭހަ މައިޒާންތަކުގައި ވާ ގޮނޑިތަކާއި އެހެނިހެން ތަންތަން މަރާމާތު ކުރަމުންދާ ކަމަށް އެޗްޑީށީން ބުނެއެވެ.

ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ބުނީ، އެޗްޑީސީއާ ގުޅިގެން ހުޅުމާލޭގައި ހުންނަ ސެންޓްރަލް ޕާކް ތަރައްގީ ކުރުމާއި އަދި ހުޅުމާލޭ އެރައިވަލް ޖެޓީ މަރާމާތު ކުރުމަކީ ހިތާ ގުޅިފައިވާ މަޝްރޫއުތަކެއް ކަމަށެވެ. އެގޮތުން ސެންޓްރަލް ޕާކް ހުންނަ ސަރަހައްދަކީ ހިތްހަމަޖައްސާލުމަށާއި ކުޅިވަރު ކުޅުމަށާއި އަދި ހުޅުމާލެއަށް ޒިޔާރަތްކުރާ މީހުންނަށް ފަސޭހައިން ވަދެ ނުކުމެވޭ ގޮތަށް ހުރި ސަރަހައްދެއް ކަމަށް ހައި ކޮމިޝަނުން ބުނެއެވެ.

މި ދެ މަޝްރޫއުއަކީ އިންޑިއާ ސަރުކާރުގެ އެހީގައި 9.989 މިލިއަން ދިވެހި ރުފިޔާ ހޭދަކޮށްގެން ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނާ އަދި ހުޅުމާލެއަށް ޒިޔާރަތްކުރާ ފަރާތްތަކަށް ހިތްފަސޭހަ މާހައުލެއް ހޯދައިދިނުމަށް ފަށާފައިވާ މަޝްރޫއެކެވެ.

އެ 2 ޕްރޮޖެކްޓްވެސް ހިންގާނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ) އިންނެވެ. އެ ޕްރޮޖެކްޓްތަކަށް ފައިސާ ހަމަޖައްސާފައިވަނީ 2019 ވަނަ އަހަރު މާޗް މަހު ދިވެހި ސަރުކާރަށް އިންޑިއާ ސަރުކާރުން ހަމަޖައްސައިދިން 106 މިލިއަން ދިވެހި ރުފިޔާގެ ހިލޭ އެހީގެ ތެރެއިން ކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.

ސެންޓްރަލް ޕާކް މަރާމާތުކުރުމަށް 8،9 މިލިއަން ރުފިޔާ ހަރަދުކުރުމަށް ހަމަޖެހިފައިވާއިރު އެމަރާމާތުގެ މަސައްކަތުގެ ތެރޭގައި ހިނގާ ޕާތުވޭތައް ހެދުމާއި، ލައިޓިންގެ ބައެއް މަސައްކަތް އަދި އިށީންނާނެ ތަންތަން ހެދުން ހިމެނެއެވެ. އަދި ބައިސްކަލް ދުއްވާނެ ލޭނެއްވެސް ޕާކް ތެރެއިން ހެދޭނެ ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތު ދެއެވެ.

ފޮރިން މިނިސްޓްރީން ބުނީ އިރުމަތީ ފަރާތު އެރައިވަލް ޖެޓީ މަރާމާތުކުރުމަށް 995 ހާސް ރުފިޔާ ހަރަދުކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް މިނިސްޓްރީން މައުލޫމާތު ދެއެވެ.