ހުޅުމާލޭ ދެވަނަ ފިޔަވައްސަށް ވަދެ ނުކުތުމަށް ނިރޮޅުމަގާ ގުޅިފައިވާ ބުރިޖު ހުޅުވަން ހަމަޖެހިފައިވާ ކަމަށް އެޗްޑީސީން ބުނެފިއެވެ.

އެޗްޑީސީން ބުނީ، ހުޅުމާލޭ ދެވަނަ ފިޔަވަހިން ދޫކޮށްފައިވާ ގޯތިތަކުގައި އާއްމު ފަރާތްތަކުން ދިރިއުޅެން ފަށާފައި ވުމާ ގުޅިގެން، އެފަރާތްތަކަށް އެ ސަރަހައްދަށް އަރައި ފޭބުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން، އަންނަ ބުރާސްފަތި ދުވަހުން ފެށިގެން، ނިރޮޅު މަގާއި ގުޅިފައިވާ ބުރިޖުން ދެވަނަ ފިޔަވައްސަށް ފަސޭހަކަމާއެކު އަރައިފޭބޭނެ އިންތިޒާމުތައް ހަމަޖެހޭނެ ކަމަށެވެ.

މި ގޮތަށް ހަމަޖެހުނުކަމުގައި ވިޔަސް، ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އެހެން ސަރަހައްދުތަކަށް އެޗްޑީސީގެ ހުއްދަ ނެތި އާއްމު ފަރާތްތަކުން ވަދެނިކުމެ އުޅުމާއި އަރައި ފޭބުމަކީ މަނާ ކަމެއް ކަމަށް ބުނެއެވެ. އަދި ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ބީޗް ސަރަހައްދު ބޭނުންކުރާ ފަރާތްތަކުން އެ ކޯޕަރޭޝަނުން ކަނޑައަޅާފައިވާ އުސޫލުތަކާއި ދިވެހިރާއްޖޭގެ ގާނޫނުތަކާއި ގަވައިދުތަކާ އެއްގޮތް ވާ ގޮތުގެ މަތިން އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސް ކުރެއެވެ.