އަދު އުޅެން ޖެހިފައި މިވަނީ ކައިރި މާޒީއެއްގައި އެއްވެސް މީހަކު އެކަމެއް ތަޖުރިބާކޮށްފައި ނުވާ ފަދަ ހާލެއްގައެވެ. ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ ބަލިމަޑުކަމާ ދިމާލަށް މުޅި ސިއްހީ ނިޒާމުގެ ސަމުގާ އަނބުރާލާފައިވާއިރު، އަމިއްލަ ނަފުސާ މުޖުތަމައުގެ ސަލާމަތާ ރައްކާތެރި ކަމަށްޓަކައި ދުޅަހެޔޮ ސިއްހަތެއްގެ މުހިންމުކަން ކިތަންމެ ހާ ވެސް ރަނގަޅަކަށް އަންގައިދީފި ކަމާ މެދު ދެބަސްވެވޭކަށް ނެތެވެ.

ކޮވިޑް-19 ގަދަ ކޮޅިގަނޑުގައި ހަޔާތުގެ ނައު ބެހިގެންދާނީ ކޮން ދިމާލަކަށް ކަން ލަފާކުރާކަށް އަދިވެސް ނޭނގެއެވެ. ނަމަވެސް އެނގި، ސާފުވާ އެއް ކަމެއް އެބައޮތެވެ. އެއީ ކޮންމެ މީހަކަށްވެސް ލިބިފައިވާ އެންމެ މުހިންމު ގުނަވަން ކަމުގައިވާ ހިތުގެ ސިއްހަތާ، ދުޅަހެޔޮކަމަށް ފަރުވާތެރިވެ، އިހު ނުވާ ލޯބި އެ ހިތަށްޓަކައި ވާން ޖެހިފައިވާ އޮތް ކަމެވެ.

ދިވެހިރާއްޖޭގެ ރަސްމީ ޢިއްޒުއްދީން ފާލަން ދުނިޔޭގެ ހިތުގެ ދުވަހުގެ މުނާސަބާއަށް ހާއްސަކޮށްގެން ދިއްލާފަ/ފޮޓޯ: ވާލްޑް ހާޓް ފެޑަރޭޝަން

ކޮންމެ އަހަރެއްގެވެސް ސެޕްޓެމްބަރު މަހުގެ 29 ވަނަ ދުވަސް ފާހަގަ ކުރަނީ، ދުނިޔޭގެ ހިތުގެ ދުވަހުގެ ގޮތުގައެވެ. ދުވާހުގެ ޝިއާރެއް ކަމުގައި ވޯލްޑް ހާޓް ފެޑަރޭޝަނުން މިއަހަރަށް ކަނޑައަޅާފައިވަނީ "ޔޫޒް ހާޓް" – މި ޝިއާރެވެ. ހިތާއި ލޭހޮޅިތަކަށް ޖެހޭ ބަލިތަކުން ދުރުވުމަށް ހިތް ބޭނުން ކުރުމަށާ، މުޖުތަމައުއާއި، ލޯބިވާ މީހުންނާއި އަމިއްލަ ނަފްސަށްޓަކައި "ހިތް ބޭނުން" ކުރުމަށް މި ޝިއާރު ބާރު އަޅައެވެ.

ހިތް ބޭނުން ކުރުމަކީ ކޮބާ؟

"ހިތް ބޭނުން" ކުރުމޭ ބުނާއިރު އެއީ އެއް ކަމަކަށް ވުރެ ގިނަ ކަންތައްތަކަކާ ގުޅިފައިވާ ކަމެކެވެ. ހިތް ބޭނުން ކުރުމަށްޓަކައި، ބޭނުން ކުރަންވީ އިތުރު ކަންތައްތަކެއް އެބަހުއްޓެވެ.

ބޮލުގެ ބޭނުން ކުރުން

ބޮލުގެ ބޭނުން ކުރަންވީ ދުޅަހެޔޮ ހިތެއްގެ ވެރިއެއްގެ ގޮތުގައި، ފުރިހަމަ ސިއްހަތެއް ލިބިފައިވާ ހާލު ދިރިއުޅެވޭނެ ގޮތްތައް ދެނެގަނެ، އެކަންކަމަށް އަހުލުވެރިވާ ގޮތަށް ދިރިއުޅުމުގެ ވައްޓަފާޅި އިސްލާހު ކުރުމަށެވެ. އަދާއި މުސްތަގުބަލުގެ ހަޔާތް އުޖާލާ ކުރުމަށްޓަކައެވެ.

ބޮޑީބިލްޑުކުރުމަށް ބަރު ކަސްރަތުކުރަނީ/ފޮޓޯ: ގެޓީއިމޭޖަޒް

ބާރާއި ނުފޫޒު ބޭނުން ކުރުން

ފަރުދެއްގެ ހައިސިއްޔަތުން އަނެކުންނަށް ހެޔޮ މިސާލަކަށް ވުމަކީ ހެޔޮ ގޮތުގައި ނުފޫޒުގެ ބޭނުން ކުރުމެވެ.

ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މީހެއްގެ ހައިސިއްޔަތުން، ދުޅަހެޔޮ ހިތުގެ ސިއްހަތަށް މަގުފަހި ކުރަނިވި އާދަތަކަށް ޕޭޝަންޓުގެ ދިރިއުޅުމުގެ ވައްޓަފާޅި ބަދަލު ކުރުމަށް އެހީތެރިކަމާއި ހިތްވަރު ދެވިދާނެއެވެ.

ވެރިއެއްގެ ހައިސިއްޔަތުން، ތިބާގެ ދަށުން މަސައްކަތް ކުރާ މުވައްޒަފުންނަށް ދުޅަހެޔޮ ހިތުގެ ސިއްހަތަކަށް މަގުފަހިކޮށްދެވިދާނެއެވެ. ކަސްރަތު ކުރުމާ، ޕްރެޝަރު ކޮންޓްރޯލް ކުރަނިވި ވެއްޓެއް ބިނާކޮށްދެވިދާނެއެވެ.

ސަރުކާރުތަކަށްވެސް ހިތުގެ ބޭނުން ކުރެވެއެވެ. މުޖުތަމައަކީ ދުޅަހެޔޮ ހިތުގެ ސިއްހަތަށް އަހުލުވެރި މުޖުތަމައެއް ކަމުގައި ހެދުމުގެ އިސް މޭސްތިރިއަކީ ހަގީގަތުގައިވެސް ސަރުކާރެވެ. އެގޮތުން، ފައިދާ ކުޑަ، ސިއްހަތަށް ގެއްލުން ދެނިވި އުފެއްދުންތަކުން ނަގާ ޓެކްސް ބޮޑު ކުރުމާ، ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ކުރުމާ، ވައިގެ ތަގައްޔަރުކަން ކުޑަ ކުރުމަށް ފިޔަވަޅުތަކެއް އެޅުން ފަދަ ކިތަންމެ ކަމެއް ކުރުމުގެ ބާރު، ސަރުކާރަށް އެބައޮތެވެ.

އުފާވެރި ވަގުތަކޮޅެއް ހޭދަކުރަމުންދާ ޒުވާނުންތަކެއް/ފޮޓޯ: މީޑިއަމް

ހަމްދަރުދީ ބޭނުން ކުރުން

އަމިއްލަ ނަފުސުގެ 'ބަބްލް' އިން ބޭރަށް ނަޒަރު ހިންގުން މުހިންމެވެ. މުޖުތަމައުގައި ތިބި އެންމެ ނާޒުކު މީހުންނަށް އޯގާތެރިކަމާ އަޅާލުން ދެވިދާނެއެވެ. ވަކިން ހާއްސަކޮށް، ހިތުގެ ބަލިތައް ހުންނަ މީހުންނަށް، ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި ވަކިން ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެވިދާނެއެވެ. މިސާލަކަށް، އެކުގައި މަސައްކަތްކުރާ މުވައްޒަފަކީ ހިތުގެ ބަލިތަކުގެ ނުރައްކާ އޮތް މީހެއް ނަމަ، ވީވަރަކުން ގޭގައި ހުރެގެން، ޕްރެޝަރު ލުއި ގޮތަކަށް މަސައްކަތް ކުރުމުގެ ފުރުސަތު، އެމީހަކަށް ތަނަވަސްކޮށްދިނުމަކީވެސް ކުރެވިދާނެ ކަމެކެވެ.

ދުޅަހެޔޮ ހިތެއް ހޯދުމަށްޓަކައި ހިތް ބޭނުން ކުރެވިދާނެ އިތުރު ގޮތްތައްވެސް އެބަހުއްޓެވެ. އެގޮތުން، ފައިދާ ހުރި ކާނާ ބޭނުން ކުރުމާ، ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ހުރިހާ އާދަތަކަކުން ދުރުވުމާ، ގަވައިދުން ކަސްރަތު ކުރުމުގެ އާދަ، އެންމެ ޅަ ދުވަހުން ފެށިގެން އަށަގެންނެވުމަށް މަސައްކަތް ކުރެވިދާނެއެވެ.

ތިބާއަކީ ހިތާއި ލޭ ހޯޅިތަކުގެ ބަލި (ކާޑިއޯވެސްކިއުލާ ޑީޒީސަސް)ގެ ޕޭޝަންޓެއް ނަމަ، ކޮވިޑް-19އަކީ އެކަމަކަށް ގަވައިދުން ބޭނުންވާ ސިއްހީ ފަރުވާއަށް އެޅޭ ހިޔަންޏެއް ކަމުގައި ނުހަދާށެވެ. ގަވައިދުން ޗެކްއަޕްތައް ހަދާށެވެ. ސިއްހީ މާހިރުންނާ، ޑޮކްޓަރުންގެ އިރުޝާދުތަކަށް ކަމޭ ހިތާށެވެ.

ފާއިތުވީ ދޮޅުމަހެއްހާ ދުވަހު އެންމެ ގިނަ އަދަދަކަށް ކޮވިޑް-19ގެ ކޭސްތައް ރެކޯޑް ކޮށްފައި ވަނީ އިންޑިއާއިން/ފޮޓޯ: ގެޓީ އިމޭޖަޒް

އަނެކާއަކީވެސް ތިބާ ފަދައިން، ހިތެއް އޮތް މީހެއް ކަން ދެނެގަނެ، އޭނާއަށްވެސް ދުޅަހެޔޮ ދިރިއުޅުމެއް ހޯދާދެވޭތޯ މަސައްކަތް ކުރާށެވެ. ހިތާއި ލޭހޮޅިތަކަށް ޖެހޭ ބަލިތަކަކީ، މިއަދު މި ދުނިޔޭގައި އެންމެ ގިނަ ބަޔަކު، އެ ބައްޔެއްގައި މަރުވެދާ، ނުރައްކާތެރި ބައްޔެއްކަން ހަނދާންކޮށް، ތިބާއާއި ތިބާގެ ލޯބިވާ މީހުންނާއި މުޖުތަމައު، މިފަދަ ބަލިތަކުން ސަލާމަތް ކުރެވޭތޯ ގަދައަޅާ މަސައްކަތް ކުރާށެވެ.