މުޅި ދުނިޔޭގެ ސިއްހީ ނިޒާމު އެފުށް މިފުށަށް ޖަހާލި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ ބަލިމަޑުކަމާއެކު ގިނަ ހިދުމަތްތަކަށް ބުރޫއެރިއެވެ. ބޮޑެތި ބަލިތަކަކަށް ފަރުވާ ހޯދަމުން ދިޔަ އެތައް ބައެއްގެ ފުރާނައަށް ނުރައްކާ ކުރިމަތި ކުރުވިއެވެ.

ބަލިމަޑުކަމުގެ ތެރޭގައި ތަންފީޒު ކުރަން ފެށި އެކި އުސޫލުތަކާ، އަމަލު ކުރަންޖެހުނު ގޮތެއްގެ ސަބަބުން، އެމްއާރްއައިއެއް ނުހެއްދިގެން ސަލާން ޖަހަމުން ދިޔަ ޒުވާނާ މި ދުނިޔެ ދޫކޮށްފިއެވެ. ދެ ދަރިންނާއި އަނބިމީހާ، މި އެކަނިވެރި ދުނިޔެއަށް ދޫކޮށް ތާއަބަދަށް ވަދާއުގެ ސަލާމް ކުރީ ކެންސަރު ބަލީގެ ޝިކާރައެއްގެ ގޮތުގައެވެ.

މިއީ ވެސްޓް ޔޯކްޝަޔާއަށް ނިސްބަތްވާ، އުމުރުން އެންމެ 27 އަހަރުގެ ޝާވިން ހޯލްގެ ވާހަކައެވެ. މާޗް މަހުގެ 23 ވަނަ ދުވަހެވެ. ހޮސްޕިޓަލަށް ދިޔައީ ފައެއްގައި ރިއްސާތީއެވެ. ބައްޔަކީ ޕްރޮސްޓެޓައިޓިސް ކަމަށް ނިންމާ، އެންޓިބައޮޓިކްތަކެއް ދިނެވެ. ނަމަވެސް އެއީ އޭނާގެ އަސްލު ބަލި ނޫންކަން އޭރަކު ނޭނގެއެވެ.

ކޮވިޑް-19އާއެކު އެމްއާރްއާރް އައި ލަސްވެ ކެންސަރު ބަލީގައި މަރުވި ޝާވިން ހޯލް، އޭނާގެ ތުއްތު ދަރިފުޅާއެކު / ފޮޓޯ: ރޯޔަލް ގެޒެޓް

ސްކޭން ކޮށްދިނުމަށް އެދި ހޯލް ދިޔައީ "ސަލާންޖަހަމުންނެވެ". 4 ހަފުތާގެ ތެރޭގައި 13 ފަހަރު ހޮސްޕިޓަލަށް ގޮސް ސަލާން ޖެހިފަހުން، މެއި މަހުގެ 26 ވަނަ ދުވަހު އެމްއާރްއައިއެއް ހެދޭ ގޮތްވިއެވެ. ނަތިޖާއިން އިންތިހާ ބިރުވެރި މެސެޖެކެވެ. ޕެލްވިސްއޭ ކިއާ ސަރަހައްދުގައި 14 ސެންޓިމީތަރުގެ، ނުރައްކާ ޓިއުމަރެއް އުފެދިފައި ހުއްޓެވެ. ފުއްޕާމާގައި ކުދިކުދި 30 ޓިއުމަރު ހުއްޓެވެ. ހޯލް މަރުވީ ހުސްވި ހަފުތާގެ ތެރޭގައެވެ.

"އަހަރެން އާދޭސް ކުރިން. އޭޕްރިލް މަހާއި މޭ މަހު... އެމްއާރްއައި ސްކޭނެއް ހަދާދޭތޯ. އެކަމަކު އެކަކުވެސް އަޑު ނޭހި. ގަވައިދުން ދައްކަމުން އަންނަ ޑޮކްޓަރުވެސް، ކޮންސަލްޓަންޓްވެސް ބުނީ ޓެސްޓެއް ހަދާ ދެވެން ނެތް ކަމަށް... ސަބަކަށް ވީ، ކޮވިޑްގެ ސަބަބުން ހިދުމަތްތަކުގެ ދުވެލި މަޑުޖެހިފައި އޮތުން" މަރުވުމުގެ ކުރިން، އޭނާ އުފުލި ތަކުލިފުތައް ކިޔައި ދެމުން ހޯލް ބުނެފައިވެއެވެ.

ހޯލްގެ ހުވަފަތް ވެފައިވާ އަނބިމީހާއަކީ މިއަދު "ކެޗް އަޕް ވިތު ކެންސާ ކެމްޕޭން"ގެ އެހީ ލިބޭ މީހެކެވެ. ނަމަވެސް، ހަޔާތަށް އައި މި ތޫފާނުގައި އެއީ ތަސައްލީއަކަށް ނުވެއެވެ.

ކޮވިޑް-19އާއެކު އެމްއާރްއާރް އައި ލަސްވެ ކެންސަރު ބަލީގައި މަރުވި ޝާވިން ހޯލް / ފޮޓޯ: ދަ ގާޑިއަން

"އަހަރެން މުޅިން ހަލާކުވެއްޖެ. ހަޔާތުގައި އެންމެ ލޯބިވީ މީހާ އަހަރެންނާ ވަކިވެ އެދިޔައީ... ޝާވިން (ހޯލް) އަށް ކެންސަރު ޖެހިފައިވާކަން ކުރިން ދެނެގަނެވުނު ނަމަ، އޭނާ އަދިވެސް އަހަރަމެންނާ އެކު ހުރުން އެކަށީގެންވޭ" ލަޓްރޯޔާ ބުންޏެވެ.

ލަޓްރޯޔާ މިއަދު އަމާޒު ހިފާފައި ހުރީ އެ އާއިލާއިން ތަޖުރިބާ ކުރި ފަދަ ކަމެއް ތަޖުރިބާ ކުރަން ޖެހިދާނެ އިތުރު އާއިލާތަކެއް އެ ކަމުން ސަލާމަތް ކުރުމަށެވެ. އެއީ ހޯލް އެދޭނެ ގޮތް ކަމަށްވެސް ލަޓްރޯޔާ ބުނެއެވެ.

ކޮވިޑް-19ގެ ސަބަބުން ބުރޫއެރި ހިދުމަތްތައް އަލުން ދޭން ފަށާފައިވާކަމަށް އިނގިރޭސިވިލާތުގެ ކަމާ ބެހޭ ފަރާތްތަކުން ބުނި ނަމަވެސް، ލަޓްރޯޔާ އެކަމަށް އިންކާރު ކުރެއެވެ. ލަޓްރޯޔާ ބުނާ ގޮތުގައި ކެންސަރު ޕޭޝަންޓުންގެ ބޮޑު ބެކްލޮގެއް އެބައޮތެވެ.