ކޮންމެ އަހަރެއްގެވެސް އޮކްޓޯބަރު މަހުގެ 1 ވަނަ ދުވަހަކީ، ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަ ކުރާ، ދޮށީ އުމުރުގެ މީހުންގެ ދުވަހެވެ. މި ދުވަހަކީ 1990 ވަނަ އަހަރުން ފެށިގެން އދއިން ހާއްސަ އިސްކަމެއް ދީގެން ފާހަގަ ކުރަމުން އަންނަ ދުވަހެކެވެ. މިއީ ބައިނަލްއަގުވާމީ ފެންވަރުގައި މިފަދަ ދުވަހެއް ފާހަގަކުރާ 30 ވަނަ އަހަރެވެ. ނަމަވެސް، ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަ ކުރާ، ދޮށީ އުމުރުގެ މީހުންގެ ދުވަހާ ކުރިމަތިލާން ޖެހިފައި މިވަނީ ފަހުގެ ތާރީހު ނުދެކޭ ވަރުގެ ބަލިމަޑުކަމެއްގެ ތެރޭގައެވެ.

މިދިޔަ އަހަރުގެ ފަހުކޮޅު ޗައިނާއިން ރިޕޯޓް ކުރަން ފެށި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ސަބަބުން، ދޮށީ އުމުރުމުގެ މީހުންނާ ފޯރާފައިވާ އަސަރު ވަޒަން ކުރަންޖެހެއެވެ. މި ބަލިމަޑުކަމުގެ ސަބަބުން އަސަރު ފޯރާފައިވަނީ ދޮށީ އުމުރުގެ މީހުންގެ ސިއްހަތަށް އެކަނި އެނޫން ކަމަށާ، އެމީހުންގެ ހައްގުތަކާ، އާންމު ދުޅަހެޔޮ ކަމަށްވެސް ނޭދެވޭ އަސަރު ފޯރާފައި ވާ ކަން، ދުވަހާ ގުޅިގެން ދެއްވި ހާއްސަ މެސެޖުގައި، އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭޒް ވަނީ ފާހަގަކުރައްވާފައެވެ.

ހާސްކަމެއް ތަހައްމަލު ކުރަމުންދާ ދޮށީ އުމުރުގެ މީހެއް/ފޮޓޯ: ޓީޔޫބީ

2020 ފަށައިގެން ކުރިއަށް އޮތް 10 އަހަރުގެ ރާސްތާއަކީ "ދުޅަހެޔޮ ސިއްހަތެއްގައި އުމުރުން ދުވަސްވުން" ޕްރޮމޯޓް ކުރުމަށް އދއިން ކަނޑައަޅާފައިވާ 10 އަހަރު ކަންވެސް ފާޙަގަކުރަންޖެހެއެވެ. 2030 އަށް ގައުމުތަކުން ކަނޑައަޅާފައިވާ ދެމެހެއްޓެނިވި ތަރައްގީގެ އަމާޒުތަކަށް ވާސިލު ވާ އިރު، އެއްވެސް އުމުރެއްގެ ބަޔަކު ބާކީ ނުކުރުން، މި ޕްލޭންގައި ހިމެނެއެވެ. މިއީ އަބުރުވެރި ދިރިއުޅުމެއް އުޅުމުގެ ފުރުސަތު، ހަމަ ކޮންމެ މީހަކަށްމެ ހަމަހަމަކަމާއެކު ލިއްބައިދެނިވި ޕްލޭނެކެވެ.

ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަ ކުރާ، ދޮށީ އުމުރުގެ މީހުންގެ ދުވަހުގެ މިއަހަރުގެ ޝިއާރު އަމާޒު ކޮށްފައި ވަނީ މައިގަނޑު 5 ކަމެއްގެ މައްޗަށެވެ.

  1. ދުޅަހެޔޮ ކަމާއެކު އުމުރުން ދުވަސްވުމުގެ 10 އަހަރުގެ ރާސްތާ ޕްލޭންގެ އިސްތިރާޖުތައް، ބައިވެރިންނަށް ފަހުމް ކޮށްދިނުން
  2. ދޮށީ އުމުރުގެ މީހުންނަށް ބޭނުންވާ ހާއްސަ ސިއްހީ އަޅާލުމާ، އަމިއްލަ ސިއްހަތުގެ ދުޅަހެޔޮ ކަމަށް ކުރެވިދާނެ ކަންކަމާ، މުޖުތަމައުގެ ބައިވެރިންގެ ގޮތުގައި ހަރަކާތްތެރި ވެވިދާނެ ގޮތްތަކާ ބެހޭ ގޮތުން ހޭލުންތެރި ކުރުވުން
  3. ދޮށީ އުމުރުގެ މީހުންނަށް ސިއްހީ އަޅާލުމާ އެހީތެރިކަން ފޯރުކޮށްދިނުމަށް ހާއްސަ ވެފައިވާ ހެލްތުކެއާ ވޯކަރުން ހޭލުންތެރި ކޮށް، އެމީހުންގެ ޒިންމާތަކުގެ އަގު ވަޒަން ކުރުން
  4. "އެއްވެސް މީހަކު ބާކީ ނުކުރުމުގެ" ފަލްސަފާގެ ދަށުން، ތަރައްގީ ވެފައިވާ ގައުމުތަކާ، ތަރައްގީ ވަމުން އަންނަ ގައުމުތަކުގައި ދޮށީ އުމުރުގެ މީހުންގެ ސިއްހަތާ މެދު އޮންނަ ފަރަގު ކުޑަކުރުން
  5. ކޮވިޑް-19ގެ ސަބަބުން ދޮށީ އުމުރުގެ މީހުންނަށް ކޮށްފައިވާ އަސަރު ދެނެގަނެ، ސިއްހީ ފަރުވާގެ ސިޔާސަތުތައް އެކުލަވާލުމާ، ރޭވުމާ، ދެކޭ ގޮތް ފަހުމް ވުމުގެ ފުރުސަތު އިތުރު ކުރުން. މިއެވެ.
ދޮށީ އުމުރުގެ ދެމީހަކު ހިނގާލަން ނިކުމެ/ފޮޓޯ: ޓްވިޓާ

ތަރައްގީއާއި ތަހުޒީބުގެ ރޮނގުން ދުނިޔެ ހޯދަމުންދާ ކުރިއެރުންތަކާއެކު ދުނިޔޭގެ އާބާދީގެ ސިފަތަކަށްވެސް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. 1950-2010 ވަނަ އަހަރުގެ ނިޔަލަށް ބަލާއިރު، އިންސާނުން ދިރިއުޅޭނެ ކަމަށް ލަފާ ކުރާ އެންމެ ދޮށީ އުމުރު ނުވަތަ ލައިފް އެކްސްޕެކްޓަންސީ ވަނީ 46 އިން 68 އަށް އިތުރުވެފައެވެ. 2019 ވަނަ އަހަރަށް ބަލާއިރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި، 65 އަހަރުން މަތީގެ ދުވަސްތައް ގުނަމުންދާ 703 މީހުން ދަފުތަރުކޮށްފައިވެއެވެ. ދޮށީ އުމުރުގެ މީހުންގެ އާބާދީ އެންމެ ދުނިޔޭގެ އިރުމަތީ ބިތާއި، ހުޅަނގު އިރުމަތީ އޭޝިއާ ސަރަހައްދުގެ ގައުމުތަކުގައި ކަންވެސް ފާހަގަކުރަން ޖެހެއެވެ.

ކުޑަ ކުއްޖަކާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކުރަމުންދާ ދޮށީ އުމުރުގެ މީހެއް/ފޮޓޯ: ދަ ނޭޝަނަލް

ކުރިއަށް އޮތް 30 އަހަރެއް ހާ ދުވަހަށް ބަލާއިރު، ދޮށީ އުމުރުގެ މީހުންގެ އާބާދީ 2 ގުނަ އިތުރު ވާނެކަމަށް ލަފާކުރެވެއެވެ. 2050 ވަނަ އަހަރު އަންނައިރު، ދޮށީ އުމުރުގެ މީހުންގެ އާބާދީ 1.5 ބިލިއަނަށް އަރާނެ ކަމަށް ބެލެވެއެވެ. 2019-2050 އާ ދެމެދު، ގައުމުތަކުގެ ދޮށީ އުމުރުގެ އާބާދީ އިތުރުވެގެންދާ މަންޒަރު ފެންނާނެއެވެ. ކުޑަކޮށް ތަރައްގީ ވެފައިވާ ގައުމުތައް ވެގެންދާނީ ދޮށީ އުމުރުގެ މީހުންގެ އާބާދީގެ 3 ބައިކުޅަ 2 ބައަށްވުރެ ބޮޑު އާބާދީއެއް ހިއްސާކުރާ ގައުމުތަކަކަށެވެ.

2020 ގައި، 5 އަހަރުން ދަށުގެ ކުދިންގެ އާބާދީއަށް ވުރެ، ދޮށީ އުމުރުގެ (60 އަހަރުން މަތީ) މީހުންގެ އާބާދީ އިތުރު ވާނެ ކަމަށް އދއިން ވަނީ ލަފާކޮށްފައެވެ.