މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން އިންޑިއާގެ އަންދްރަޕްރަދޭޝް ސްޓޭޓްގައި ފެތުރެމުންދިޔަ ގޮތް ނޭނގޭ ބަލިމަޑުކަމުގެ އަސަރު ކުރި ޕޭޝަންޓުންގެ ހަށިގަނޑުން ނެގި ލޭގެ ސާމްޕަލްގައި ގިނަ އަދަދަކަށް ލެޑްއާއި ނިކަލްގެ މާއްދާގެ އަސަރު ހުރި ކަން ހާމަވެއްޖެއެވެ.

އަންދްރަޕްރަދޭޝްގެ އެލޫރޭ ކިއުނު ސަރަހައްދުގައި، މޭ ނުބައި ކުރުމާއި، ފިޓް ޖެހުމާއި ހެއަށް ގޮތް ވުން ފަދަ އަލާމާތްތަކާއެކު ފެތުރެމުންދިޔަ ގޮތް ނޭނގޭ ބަލީގެ އަސަރު، މިހާތަނަށް 500 އެއްހާ މީހުންނަށް ކޮށްފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ. މި ބަލީގައި އެކަކު ވަނީ މަރުވެފައެވެ.

ސިއްހީ ތަޖުރިބާކާރުންގެ އިބްތިދާއީ ހޯދުންތަކަށް ބިނާކޮށް ލޯކަލް ގަވަމަންޓުން އާންމުކޮށްފައިވާ ބަޔާނުގައި ވާ ގޮތުން، މި ބަލީގެ ފަހަތުގައި ލެޑްއާއި ނިކަލް ވިހައިގެ އަސަރު އެކުލެވުން އެކަށީގެންވެއެވެ. އެއިމްސް ހޮސްޕިޓަލުގައި ހޯދި ހޯދުންތަކުން، ލޭގެ ސާމްޕަލްތަކުގައި ލެޑްއާއި ނިކަލްގެ އަސަރު، ގިނަ އަދަދަކަށް ހުރި ކަމަށް މެޑިކަލް ސުޕްރިންޓެންޑެންޓް ޑރ އޭވީއާރް މޯހާން ވަނީ ހާމަ ކުރައްވާފައެވެ.

ގޮތް ނޭނގޭ ބަލީގެ އަސަރުކޮށްގެން ހޮސްޕިޓަލުގައި ފަރުވާ ދިން ހުރިހާ ޕޭޝަންޓުންވެސް ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އަށް ނެގެޓިވް ކަމަށް ވަނީ ހާމަކޮށްފައެވެ. އަދި މިއީ ފެން ތަޣައްޔަރުވުމުގެ މައްސަލައެއް ނެތް ކަމަށްވެސް ކަމާ ބެހޭ ފަރާތްތަކުން ވަނީ ބުނެފައެވެ. ނަމަވެސް، ޕޭޝަންޓުންގެ ހަށިގަނޑަށް ލެޑްއާއި ނިކަލްގެ އަސަރު ކުރި ގޮތެއް ސާފެއް ނުވެއެވެ.