އަހަރެއްގެ މައްޗަށް އުފަންވާ ކުދިންނަށް ބަލާއިރު 2 މިލިއަނެއްހާ ކުދިން އުފަންވާއިރުވެސް އޮންނަނީ މަރުވެފައި ކަމަށް އދިން ބުނެފިއެވެ.

ނިސްބަތުން ބަލާނަމަ، ކޮންމެ 16 ސިކުންތަކުން 1 ކުއްޖަކު އުފަންވާއިރުވެސް އޮންނަނީ މަރުވެފައެވެ.

ކަންމިހެން އޮތްއިރު، މިއަދު ކުރިމަތިލާން ޖެހިފައި މިވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ ބަލިމަޑުކަމުގެ ކާރިސާއާއެކު، މީގެ ތެރެއަށް 200000 މަރުގެ ކޭސް އިތުރުވުމުގެ ފުރުސަތު އެބައޮތް ކަމަށްވެސް އދއިން ލަފާ ކުރެއެވެ.

ހޮސްޕިޓަަލަކަށް އަލަށް އުފަންވި ކުދިންގެ ތެރެއިން އާދަޔާ ހިލާފަށް ބިޔަ ތުއްތު ކުއްޖެއް/ފޮޓޯ: އެންވައިޕީ

ކުޑަކުދިންނާ ބެހޭ އދގެ އިދާރާ (ޔުނިސެފް)، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އަދި ވޯލްޑް ބޭންކު ގުރޫޕު ގުޅިގެން އެކުލަވާލި ރިޕޯޓު ބުނާ ގޮތުގައި، އުފަންވާއިރު މަރުވެފައި އޮންނަ ކުދިންގެ 84 ޕަސެންޓް ކޭސް ހިއްސާކުރަނީ، ދަށް އަދި މެދު ފަންތީގެ އާމްދަނީ ލިބޭ ގައުމުތަކުންނެވެ. މިކަން މިހެން ދިމާވަނީ، ސިއްހީ ނިޒާމުގެ ފެންވަރު ދަށް ވުމާއި، އެކަށީގެންވާ އަދަދަކަށް ފޫޅުމައިން ނުލިބުމުގެ ސަބަބުން ކަމަށްވެއެވެ.

ވިހެއުމުގެ ތެރޭގައި ދަރިފުޅު މަރުވުމާއި، މާބަނޑު ދުވަސްވަރު ބަނޑަށް ދަރިއަކު މަރުވުމަކީ އާއިލާއަކަށް ފުން ހިތްދަތިކަމެއް ގެނުވާ ކަމެއް ކަމަށާ، މި ހިތާމައަކީ ގިނަ ފަހަރު ހިމޭން ކަމުގެ ތެރޭގައި އޮންނަ ކަމެއް ކަމުގައި ވީ ނަމަވެސް، މިއީ ދުނިޔޭގެ ހުރިހާ ހިސާބެއްގައި އާންމު ކޮށް ހިނގަމުން އަންނަ ކަމެއް ކަމަށް، ޔުނިސެފްގެ ޑައިރެކްޓާ ޖެނެރަލް ހެންރިއޭޓާ ފޯ ވަނީ ވިދާޅުވެފައެވެ.

ފުރާނައެއް ގެއްލި ދިއުމުގެ އިތުރުން މިކަމުގެ ސަބަބުން އަންހެނުންނާ، އާއިލާތަކާ، މުޖުތަމައަށް ނަފްސާނީ ގޮތުންނާއި މާލީ ގޮތުންވެސް މައްސަލަތަކެއް ކުރިމަތިވާކަން ފޯ ވަނީ ފާހަގަކުރައްވާފައެވެ.

ޔުނިސެފް، ޑަބްލިއުއެޗްއޯ އަދި ވޯލްޑް ބޭންކު ގުރޫޕުން ބުނާ ގޮތުގައި، މާބަނޑުވުމުގެ ސިއްހަތާ ގުޅުންހުރި އަސާސީ ހިދުމަތްތައް ކުރިއަރުވައިގެން އިތުރު އެތައް ސަތޭކަ ހާސް ފުރާނައެއް ސަލާމަތް ކުރުމުގެ ފުރުސަތު އެބަ އޮތެވެ.