ޓިއުބާކިއުލޯސިސް (ޓީބީ) ބައްޔާ ދެކޮޅަށް ދުނިޔެއިން މިހާތަނަށް ހޯދި ކުރިއެރުންތަކަށް، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމުގެ ސަބަބުން ހިޔަނި އެޅި، ކުރިއެރުންތަކަށް ނުރައްކާ ވަމުން އަންނަ ކަމުގެ އިންޒާރު، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ދީފިއެވެ.
ހަމަ މިއާއެކު، ޓީބީ ބައްޔާ މީހުން ދުރުކޮށް، އެ ބަލި ޖެހިފައިވާ މީހުންނަށް ފަރުވާ ކުރުމަށް ކަނޑައަޅާފައިވާ އަމާޒުތައް ހާސިލު ނުވެ ދިއުން ގާތް ކަމަށްވެސް ޑަބްލިއުއެޗްއޯއިން ވަނީ އިންޒާރު ކޮށްފައެވެ.
ޑަބްލިއުއެޗްއޯއިން ބުނާ ގޮތުގައި، 2015 ވަނަ އަހަރާއި 2019 ވަނަ އަހަރާ ދެމެދު، ޓީބީގެ ކޭސްތައް ފެނުނު މިންވަރު 9 ޕަސެންޓް ދަށްވެ، އެ ބަލީގައި މީހުން މަރުވި ނިސްބަތް 14 ޕަސެންޓް ދަށްވި ކަމުގައި ވީ ނަމަވެސް، ޓީބީ ބައްޔާ ގުޅޭ ފަރުވާގެ ހިދުމަތްތަކަށް ވާސިލުވުމުގައި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ.
ޓީބީ ބައްޔާ ދެކޮޅަށް، 2022 ވަނަ އަހަރު އަންނައިރު ހާސިލު ކުރަން ކަނޑައަޅާފައިވާ އަމާޒުތަކަށް ވާސިލުވާން އެދޭނަމަ، މި ރޮނގުން އިތުރު ފިޔަވަޅުތަކެއް، މިހާރުން މިހާރަށް އަޅަންޖެހޭ ކަމަށް ޑަބްލިއުއެޗްއޯގެ ޑައިރެކްޓާ ޖެނެރަލް ޑރ ޓެޑްރޯޒް އެޑަނޮމް ގެބްރިޔޭސޫސް ވަނީ ގޮވާލައްވާފައެވެ.
ޓީބީ ނުވަތަ ކެއްސުން ބައްޔަކީ ''މައިކޮބެކްޓީރިއަމް ޓިއުބަކިއުލޯސިސް" އޭކިޔާ ޖަރާސީމަކުން ޖެހޭ ގައިންގަޔަށްއަރާ ބައްޔެ ކެވެ. މިއީ އާންމު ގޮތެއްގައި ވައިގެ ޒަރީޢާއިން ފެތުރޭ ބައްޔެކެވެ. މިއީ ދިގުމުއްދަތަކަށް ފަރުވާކޮށްގެން މުޅިން ރަގަޅުކުރެވޭ ބައްޔެކެވެ. އާންމު ގޮތެއްގައި ޓީބީ ޖެހެނީ ފުއްޕާމެޔަށް ކަމަށްވިޔަސް ކުޑަކަމުދާ ނިޒާމްގެ ބައިތައް، ނާރުތަކުގެ ނިޒާމްގެ ބައިތައް، ގޮހޮރު، ހުޅުތައް މައިބަދަ، ސިކުނޑި އަދި ކަށިތަކަށް ވެސް ޓީބީ ޖެހެއެވެ. މިބައިތަކަށް ޖެހޭ ޓީބީ ގައިން ގަޔަށް އެރުމުގެ ފުރުޞަތު ކުޑައެވެ. ގައިން ގަޔަށްޖެހުމުގެ ފުރުޞަތު ބޮޑީ ފުއްޕާމެޔަށް ޖެހޭ ޓީބީގައެވެ. ޓީބީ އިން ދިފާއުވުމަށް، ތުއްތު ދަރިފުޅަށް ބީސީޖީ ވެކްސިން ދިނުން އިންތިހާއަށް މުހިންމެވެ.