ކަނޑުމަގުން ނުރައްކާތެރި މާއްދާތައް އުފުލުމުގެ ގާނޫނާއި ގަވައިދާ ހިލާފަށް އިނގިރޭސިވިލާތުން ސްރީލަންކާއަށް އެކްސްޕޯޓް ކޮށްފައި ވާ ގިނަ އަދަދެއްގެ ކުނި ކޮންޓޭނަރުތަކެއް، އަނބުރާ އިނގިރޭސިވިލާތަށް ފޮނުވާލައިފިއެވެ.

ޣައިރު ގާނޫނީ ގޮތެއްގައި ސްރީލަންކާއަށް އެކްސްޕޯޓް ކޮށްފައިވާ 21 ކުނި ކޮންޓޭނަރެއް އަނބުރާ އިނގިރޭސިވިލާތަށް ފޮނުވާލާފައި ވާއިރު، މި ކޮންޓޭނަރުތަކުގައި ހުރި ކުނީގެ ބަރުދަނުގައި ގާތްގަނޑަކަށް 260 ޓަނު ހުންނާނެ ކަމަށް މައުލޫމާތު ލިބެއެވެ. މި ކުނި ކޮންޓޭނަރުތައް އެންމެ ފުރަތަމަ ލަންކާގެ މައި ބަނދަރަށް އެތެރެކުރީ 2017 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހާއި 2018 ވަނަ އަހަރުގެ މާޗް މަހުގެ ތެރޭގައި ކަމަށް ލަންކާގެ ކަސްޓަމްސްއިން މައުލޫމާތު ދެއެވެ.

ލަންކާގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި މި ކޮންޓޭނަރުތަކުގައި ހުންނަންޖެހޭ ކުންޏަކީ، ބާ ގޮދަޑި، ކާޕެޓް އަދި ފައިފުހި ޒާތުގެ ތަކެތި ކަމަށާ، ނަމަވެސް ހޮސްޕިޓަލުތަކުން އުކާލާ ނުރައްކާތެރި ކުނިބުނިވެސް މީގެ ތެރޭގައި ހުރި ކަމަށެވެ.

ކަނޑުމަގުން ނުރައްކާތެރި މާއްދާތައް އުފުލުމުގެ ގާނޫނާއި ގަވައިދާ ހިލާފަށް އިނގިރޭސިވިލާތުން ސްރީލަންކާއަށް އެކްސްޕޯޓް ކޮށްފައި ވާ ކުނި/ފޮޓޯ: ބެސެލް އެކްޝަން ނެޓްވޯކް

މިފަހަރުގެ ކޮންޓޭނަރުތަކުގައި ހުރީ ކޮންކޮން ބާވަތްތަކެއްކަން ކަނޑައެޅިގެން ބަޔާންކޮށްދީފައެއް ނުވެއެވެ. ނަމަވެސް މީގެ ކުރިން ފާހަގަކުރެވުނު މިފަދަ ކޮންޓޭނަރުތަކުގައި ހޮސްޕިޓަލުތަކުން އުކާލާ ބެންޑޭޖު ޒާތުގެ ތަކެއްޗާ، މޯޗަރީތަކުން އުކާލާފައިވާ އިންސާނުންގެ ހަށިގަނޑުގެ ބައިތައްވެސް ހިމެނޭ ކަމަށް ޚަބަރު ލިބެއެވެ.

21 ކޮންޓޭނެއް އަނބުރާ ފޮނުވާލި ނަމަވެސް، ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފަށް އިނގިރޭސިވިލާތުން ސްރީލަންކާއަށް އެކްސްޕޯޓް ކޮށްފައިވާ 242 ކޮންޓޭނަރުގެ ކުނި، އަދިވެސް ސްރީލަންކާގެ އެކި ހިސާބުތަކުގައި، "ދޫކޮށްލެވިފައި" އެބަހުއްޓެވެ. މި ތަކެއްޗަކީވެސް 2017 ވަނަ އަހަރާއި 2018 ވަނަ އަހަރު އިނގިރޭސިވިލާތުން އެކްސްޕޯޓްކުރި ތަކެއްޗެވެ.

ސްރީލަންކާގެ ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ، މިކަމުގައި ޒިންމާ އުފުލަންޖެހޭ ފަރާތާ ދެކޮޅަށް ޝަރުއީ އިމުގެ ތެރެއިން ގާނޫނީ ބާރުގެ ބޭނުން ކޮށްގެން، މި ކޮންޓޭނަރުތައް ލަންކާއިން ބޭރު ކުރުވުމަށް މަސައްކަތް ކުރަމުންނެވެ.

އޭޝިއާގެ ބައެއް ގައުމުތަކަކީ ތަރައްގީ ވެފައިވާ ބޮޑެތި ގައުމުތަކުން އުފައްދާ ކުނިބުންޏާ ހަވާލުވާ ގައުމުތަކެކެވެ. ނަމަވެސް ތަރައްގީ ވެފައިވާ ބޮޑެތި ގައުމުތަކުން މިކަމުގެ ނާޖާއިޒު ފައިދާ ނަގާ މައްސަލަ ވަނީ، މި ފަހަކަށް އައިސް އިންތިހާއަށް ބޮޑުވެފައެވެ.