ޗައިނާގެ ކުންފުންޏަކުން ތަރައްގީ ކޮށްފައިވާ މަޝްހޫރު ވީޑިއޯ އެޕްލިކޭޝަން "ޓިކްޓޮކް" އަކީ އެމެރިކާގެ ނެޓްވޯކުގެ ތެރެއިން ކުރިއަށް އޮތް ތަނުގައި ޑައުންލޯޑް ނުކުރެވޭނެ އެޕްލިކޭޝަނެއް ކަމުގައި ހެއްދެވުމަށް އެމެރިކާ ރައީސް ޑޮނާލްޑް ޓްރަމްޕް ނެރުއްވި އަމުރާ ދެކޮޅަށް، އެކަން މަޑުޖައްސާލުމަށް، އެމެރިކާގެ ފަނޑިޔާރަކު ވަގުތީ އަމުރެއް ނެރުއްވައިފިއެވެ.

އެމެރިކާ ގަޑިން މިރޭ 23:59 އިން ފަށައިގެން އެޕަލްގެ އެޕްސްޓޯ އަދި އެންޑްރޮއިޑްގެ ގޫގްލް ޕްލޭ މެދުވެރިކޮށް ޓިކްޓޮކް ޑައުންލޯޑް ނުކުރެވޭ ގޮތަށް ޓްރަމްޕް ނެރުއްވި ރިޔާސީ ގަރާރާ ދެކޮޅަށް، އެކަން މަޑުޖައްސާލުމަށް ވަގުތީ އަމުރެއް ނެރުއްވީ ޑިސްޓްރިކްޓް އޮފް ކޮލަމްބިއާގެ ޑިސްޓްރިކްޓް ކޯޓުގެ ފަނޑިޔާރު ކާލް ނިކޯލްސްއެވެ.

މިރެއިން ފަށައިން އެމެރިކާގައި އިތުރަށް ޓިކްޓޮކް ޑައުންލޯޑް ނުކުރެވޭ ގޮތަށް ޓްރަމްޕް ކަނޑައެޅުއްވިއިރު، މިހާރުވެސް އެޕްލިކޭޝަން ބޭނުންކުރާ ފަރާތްތަކަށް އެ ފުރުސަތު އޮންނަ ގޮތަށް އޮތީ ހަމަޖެހިފައެވެ. ނަމަވެސް ސޮފްޓްވެއާ އަޕްޑޭޓެއް އަންނަ ހިސާބުން އެކަން ނިމުނީއެވެ.

ޗައިނާގެ ޓިކްޓޮކް އެޕްލިކޭޝަނާ ދެކޮޅަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ކުރައްވާ ވަރުގަދަ ހަނގުރާމަ ރަމްޒުކޮށްދިނުމަށް ބޭނުންކޮށްފައިވާ ތަސްވީރެއް/ފޮޓޯ: އޭޝިއާ ޓައިމްސް

ޓިކްޓޮކްއާއި ދެކޮޅަށް ޓްރަމްޕް މަސައްކަތް ކުރައްވަމުންދަނީ، އެމެރިކާއާއި ޗައިނާއާއި ދެމެދު އުފެދިފައިވާ ޒަމާންވީ ހަތުރުވެރި ހަސަދައިގެ ސަބަބުންނެވެ. ޓްރަމްޕްގެ ސަރުކާރުން ބުނާ ގޮތުގައި، މި އެޕްލިކޭޝަންތައް މެދުވެރިކޮށް، ޒާތީ މައުލޫމާތުތަކެއް ޗައިނާގެ ސަރުކާރާ ހިއްސާކުރެވެއެވެ. އަދި މިއީ އެމެރިކާގެ ގައިމީ ސަލާމަތަށް އޮތް ނުރައްކަލެކެވެ. ނަމަވެސް މިކަމާ ޗައިނާއިން ދެކޮޅު ހަދައެވެ.

ޓިކްޓޮކް ކުންފުނިން ބުނާ ގޮތުގައި، ކުރިއަށް އޮތްތަނުގައި އެ އެޕްލިކޭޝަން ބޭނުން ކުރުން މަނާ ކުރުމަކީ އެމެރިކާގެ ގާނޫނަށް ގެނައި ހިޔާލުފާޅުކުރުމުގެ އިސްލާހުގެ ރޫހާ ހިލާފު، ޣައިރު ގާނޫނީ ނިންމުމެކެވެ.

ޓިކްޓޮކް މަނާ ކުރުމަށް ޓްރަމްޕް ނެރުއްވި ރިޔާސީ އަމުރު ތަންފީޒު ކުރުން މަޑުޖައްސާލުމަށް ފަނޑިޔާރަކު ވަގުތީ އަމުރެއް ނެރުއްވާފައި ވާއިރު، ޗައިނާގެ ވީޗެޓް މަނާ ކުރުމަށް ޓްރަމްޕް ކުރެއްވި މަސައްކަތާ ދެކޮޅަށްވެސް އެމެރިކާގެ ފަނޑިޔާރަކު ވަނީ ހުސްވި ހަފުތާގައި ކާމިޔާބު މަސައްކަތްތަކެއް ކުރައްވާފައި ކަން ފާހަގަކުރަންޖެހެއެވެ.