އަޒަރުބައިޖާންއާއި އަރުމީނިއާ ހިއްސާކުރާ ނަގޮރްނޯ-ކަރަބަޚް ސަރަހައްދުގައި ދެ ގައުމުގެ ބާރުތަކުން ކުރިމަތިލާ، ދެ ފަރާތަށްވެސް ނިސްބަތްވާ އާންމުންގެ ބައެއްގެ ފުރާނަ ގެއްލިފައި ވާ ކަމަށް ޚަބަރު ލިބިއްޖެއެވެ.

މިއަދުގެ ހަމަލާ ބަދަލުކުރުންތަކުގައި މަރުވީ ކިތައް މީހުން ކަމެއް އަދި ސާފެއް ނުވެއެވެ.

އަރުމީނިއާއިން ބުނާ ގޮތުގައި ބަރު ހަތިޔާރު ބޭނުންކޮށްގެން ހަމަލާ ދޭން ފެށީ އަޒަރުބައިޖާންއިން ކަމަށެވެ. އަދި ފަހުން މާޝަލް ލޯ ތަންފީޒުކޮށް، އަސްކަރިއްޔާ ރުކުރުވަލީ ކަމަށެވެ.

އަޒަރުބައިޖާންއިން އިލްޒާމު އަޅުވަނީ އަރުމީނިއާގެ ބޮލުގައެވެ. އަޒަރުބައިޖާންއިން ބުނާ ގޮތުގައި ހަމަލާދީފައިވާނީ ރައްދުގައެވެ.

ނަގޮރްނޯ-ކަރަބަޚް ސަރަހައްދަކީ އަޒަރުބައިޖާންއާއި އަރުމީނިއާއާ ދެމެދު ސިލްސިލާ ގޮތެއްގައި ދެބަސްވުންތައް އުފެދޭ ސަރަހައްދެކެވެ. ނަމަވެސް، މި ފަހަކަށް އައިސް، މަސްރަހު ވަނީ އިންތިހާއަށް ނުތަނަވަސްވާން ފަށާފައެވެ.

އަޒަރުބައިޖާންއަށް ތާއީދު ކުރައްވަމުން ގެންދަވާ ތުރުކީވިލާތުގެ ރައީސް ރަޖަބު ތޮއްޔިބު އުރުދުގާން ވިދާޅުވީ އަރުމީނިއާއަކީ މުޅި ސަރަހައްދުގެ ސުލްހައާއި ހަމަޖެހުމަށް އޮތް ނުރައްކަލެއް ކަމަށެވެ. ކަން މިހެން އޮތް އިރު، ރަޝިއާގެ ހާރިޖިއްޔާއިން ވަނީ، މިހާރުން މިހާރަށް ހަމަލާތައް ހުއްޓާލުމަށް ދެ ފަރާތަށްވެސް ގޮވާލާފައެވެ.

އަރުމީނިއާއާއި އަޒަރުބައިޖާންއަކީ 1991 ވަނަ އަހަރު ރޫޅާލި ސޯވިއެޓް ޔޫނިއަންގެ ބައެކެވެ. ނަގޮރްނޯ-ކަރަބަޚް ސަރަހައްދުގެ މިލްކުވެރިކަމުގެ މައްސަލަ އެތައް އަހަރަކަށް ދިގުލާ ގޮސްފައި ވާއިރު، ބައިނަލްއަގުވާމީ ފެންވަރުގައި މި ސަރަހައްދު ބަލައިގެންފައި ވަނީ އަޒަރުބައިޖާންގެ ބައެއްގެ ގޮތުގައެވެ. ނަމަވެސް މި ސަރަހައްދު ކޮންޓްރޯލް ކުރަމުންދަނީ އަރުމީނިއާ ދަރިކޮޅުގެ މީހުންނެވެ.

ޖުލައި މަހުވެސް އަޒަރުބައިޖާންއާއި އަރުމީނިއާއިން ބޯޑަރު ހަނގުރާމައަކަށް ގޮސްފައި ވާއިރު، 16 މީހެއްގެ ފުރާނަ ވަނީ ގެއްލިފައެވެ.