ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ ބަލިމަޑުކަމާ ދެކޮޅަށް ދުނިޔޭގެ ލީޑަރުން އެކަތިގަނޑަކަށް ވުމަށް، އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން ގޮވާލައްވައިފިއެވެ.

މިހާރު ކުރިއަށްދާ އދގެ 75 ވަނަ އާންމު މަޖިލީހުގެ އިސްވެރިންގެ ބައްދަލުވުމަށް ދެއްވި ވީޑިއޯ ތަގުރީރުގައި ޖޯންސަން ވިދާޅުވީ، ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި ގައުމުތަކުގެ އިސްވެރިންގެ މެދުގައި އޮތް ބައެއް ގުޅުންތައް ހީނަރުވެ، ނުތަނަވަސްވެފައި ވާ ކަމަށެވެ.

މި މޭރުމުން ވާހަކަފުޅުދައްކަވަމުން ޖޯންސަން ވިދާޅުވީ، ކޮވިޑް-19ގެ ބަލިމަޑުކަމުގައި 9 މަހެއްހާ ދުވަސް ފާއިތުވެދިޔައިރު، ބައިނަލްއަގުވާމީ މުޖުތަމައުގެ ރޫހު ބަލިކަށިވެ، ވީރާވަމުންދާތީ ފެނިވަޑައިގަންނަވާ ކަމަށެވެ.

މިއާއެކު، ޖޯންސަންވަނީ ކުރިއަށް އޮތްތަނުގައި ކުރިމަތިލާންޖެހިދާނެ ބަލިމަޑުކަމަކާ ކުރިމަތިލުމަށް ތައްޔާރުވުމަށް، 5 ނުކުތާއެއްގެ މައްޗަށް އެކުލެވޭ ޕްލޭނެއްވެސް އދގެ އާންމު މަޖިލީހަށް ހުށަހަޅުއްވާފައެވެ.

ކޮވިޑް-19 އިން ދިފާއުވުމަށް ވެކްސިނެއް ތަރައްގީ ކުރުމުގެ މަސައްކަތް އަދިވެސް ހަލުވި ދުވެލީގައި ކުރިއަށްދާއިރު، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ކުރިއަށް ގެންދާ މަޝްރޫއަށް އިތުރު އެހީތަކެއް ފޯރުކޮށްދެއްވާނެ ކަމަށްވެސް އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ވަނީ ހާމަކުރައްވާފައެވެ.

ކޮވިޑް-19ގެ ޝިކާރައަކަށްވެ، އިންޓެންސިވް ކެއާ ޔުނިޓްގައި ފަރުވާ ހޯއްދެވި ޖޯންސަންގެ ކޮންޓްރޯލްގެ ދަށުގައި އިނގިރޭސިވިލާތުގައި އެންމެ އެކަށީގެން ވާ ގޮތަށް ކޮވިޑް-19 މެނޭޖު ކުރެވެމުން ނުދާކަމުގެ ފާޑުކިއުންތައް ދަނީ އަމާޒުވަމުންނެވެ.