ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އާ އެކު ދިރިއުޅުމުގެ އާދަތަކަށް އައިސްފައިވާ ބޮޑު ބަދަލުގެ އެންމެ ބޮޑު އެއް ހިއްސާއެއް އަދާކުރަމުން އަންނަ ގޫގްލްމީޓްގެ ފްރީޕްލޭން ޕެކޭޖުގައި އެއް ބައްދަލުވުމެއް އެންމެ ގިނަ ވެގެން ކުރިއަށް ގެންދެވޭނެ ވަގުތު 60 މިނެޓަށް ކުރުކުރުމަށް ނިންމާފައިވާ ނިންމުމަށް ބަދަލެއް ގެނައުމަށް ގޫގްލްއިން އަދި އިތުރު ގޮތެއް ކަނޑައަޅާފައި ނުވާކަމަށް ޓެކްނޮލޮޖީ ދުނިޔޭގެ ޚަބަރުތައް ބުނެފިއެވެ.
ގޫގްލް ކުންފުނިން މިދިޔަ އޭޕްރިލް މަހު ވަނީ، ގޫގްލްމީޓް ފްރީޕްލޭން ޕެކޭޖުގެ ދަށުން ބައްދަލުވުންތައް ކުރިއަށް ގެންދެވޭނެ އެންމެ ދިގު ވަގުތަކީ 60 މިނެޓް ކަމަށް ސެޕްޓެމްބަރު 30 ވަނަ ދުވަހު ކަނޑައަޅާނެ ކަމަށް ބުނެފައެވެ. މި ނިންމުމަށް ބަދަލެއް ގެނައުމަށް ގޫގްލްއިން އަދި ނިންމިކަމެއް ހާމަކޮށްފައެއް ނުވެއެވެ.
ގޫގްލްމީޓްގެ ފްރީޕްލޭން އުސޫލުތައް މިހާރު ހަމަޖެހިފައި އޮތް ގޮތުން، 100 ބައިވެރިންނާއެކު ބޭނުން އިރެއް ވަންދެން ބައްދަލުވުންތައް ކުރިއަށް ގެންދިއުމުގެ ފުރުސަތު އޮވެއެވެ.
ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހުން ފަށައިގެން ގޫގްލް ފްރީޕްލޭންގެ ތެރެއިން އުވިގެންދާ އިތުރު ޚިދުމަތްތަކުގެ ތެރޭގައި ޖީ-ސޫޓްގެ އެޑްވާންސް ފީޗާ އެކްސެސް، ޖީ-ސޫޓް ފޮ އެޑިއުކޭޝަން އަދި ގޫގްލްޑްރައިވްއަށް ބައްދަލުވުންތަކުގެ ރެކޯޑިންގް ސޭވް ކުރުމުގެ ފީޗާ ފާހަގަކުރެވެއެވެ.
ކޮވިޑް-19ގެ ބަލިމަޑުކަމާއެކު އޮންލައިން ޕްލެޓްފޯމަށް އާންމު ދިރިއުޅުމުގެ ހުރިހާ ކަމެއްހެން ބަދަލުވެފައިވާއިރު، ގޫގްލްމީޓުންވެސް ދަނީ، މި ސިނާއަތުގައި އެންމެ ކާމިޔާބު އެއް ކުންފުނީގެ ގޮތުގައި މިހާރު ބަލަމުން އަންނަ ޒޫމްއާއި އެއް ހަމައަކަށް ދަތުރު ކުރުމަށް މަސައްކަތް ކުރަމުންނެވެ. ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި ޒޫމްއަށް ލިބެމުންދާ އާމްދަނީ، އެތައް ސަތޭކަ ގުނަ އިތުރުވަމުން އަންނަ ކަމަށް ރެކޯޑްތަކުން ދައްކައެވެ.