ދެކުނު އެޝިއާ ސަރަހައްދުގެ ގުޅިފައިވާ އިއްތިހާދު (ސާކް)ގެ އިސްވެރިންގެ 19 ވަނަ ސަމިޓް ބޭއްވުމަށް ޕާކިސްތާނުން ހުށަހެޅުން ބަލައިގަތުމަށް، މެމްބަރު ގައުމުތަކުން އަނެއްކާވެސް ދެކޮޅު ހަދާ، ޕާކިސްތާނަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހިއްޖެއެވެ.

އިންޑިއާގެ މީޑިއާއިން ރިޕޯޓްކުރާ ގޮތުގައި މިވަގުތަކީ، ޕާކިސްތާނުގައި ސަމިޓް ކުރިއަށް ގެންދިއުމުގެ މަޝްވަރާތަކަށް އެންމެ އެކަށީގެންވާ ވަގުތު ނޫން ކަމަށް މެމްބަރު ގައުމުތަކުން ވަނީ ބުނެފައެވެ. ސަބަބަކަށް ވަނީ ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް (ކޮވިޑް-19)ގެ ބަލިމަޑުކަމާ ދެކޮޅަށް ގައުމުތަކުން ކުރަމުންދާ ވަރުގަދަ ހަނގުރާމަ ކަމަށްވެސް ބުނެފައިވެއެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމާ ދެކޮޅަށް ހަނގުރާމަ ކުރަމުންދާ މިވަގުތުގައި، ޕާކިސްތާނުގައި ސާކް ސަމިޓް ކުރިއަށް ގެންދިއުމާ ދެކޮޅަށް ދިވެހިރާއްޖޭގެ ހާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ވާހަކަދެއްކެވި ކަމަށް، އިންޑިއާގެ ދުވަހު ނޫހެއް ކަމަށްވާ ވިއޯންއިން ވަނީ ރިޕޯޓްކޮށްފައިވެއެވެ.

މިވަގަތަކީ ޕާކިސްތާނުގައި ސާކް ސަމިޓްގެ ބައްދަލުވުން ކުރިއަށް ގެންދިއުމަށް އެންމެ އެކަށީގެންވާ ވަގުތު ނޫންކަމަށް ދިވެހި ރާއްޖެއިން ބުނެފައި ވާކަމަށް އިންޑިއާގެ މީޑިއާއިން ރިޕޯޓް ކޮށްފައިވަނީ، ބުރާސްފަތި ދުވަހު ކުރިއަށް ގެންދިޔަ ސާކް ގައުމުތަކުގެ ހާރިޖީ ވަޒީރުންގެ ނުރަސްމީ (ވާޗުއަލް) ބައްދަލުވުމަކާ ގުޅުވައިގެންނެވެ. ނަމަވެސް އެ ބައްދަލުވުމުގައި ދިވެހި ހާރިޖީ ދެއްކެވި ވާހަކަފުޅުގައި، ކަނޑައެޅި މިފަދަ އިބާރާތެއް ބޭނުން ކުރައްވާފައި ނުވާކަން ފާހަގަކުރަންޖެހެއެވެ.

ޕާކިސްތާނުގައި ސަމިޓް ބޭއްވުމާ ދެކޮޅަށް އެންމެ ހަރުއަޑު ވަކާލާތު ކުރާ އިންޑިއާއަކީ، މިއަދު ދިވެހިރާއްޖޭގެ އެންމެ ބޮޑު އެހީދޭ ޑޯނަރަށް ވެފައިވާއިރު، ކޮވިޑް-19ގެ ބަލިމަޑުކަން ނެތް ދުނިޔެއެއްގައި ޕާކިސްތާނުގައި ސާކް ސަމިޓް ބޭއްވުމަށް ދިވެހިރާއްޖެއިން ތާއީދުކޮށްފާނެތޯ ދަ ޕްރެސްއިން ދިވެހި ހާރިޖިއްޔާއަށް ސުވާލު ދެންނެވުމުން، އެ ވުޒާރާގެ އޮފިޝަލަކު ވަނީ، މިވަގުތު އެކަމަށް އެއްޗެއް ދެންނެވެން ނެތް ކަމަށް ވިދާޅުވެފައެވެ.

މި ފަހަކަށް އައިސް ބައިނަލްއަގުވާމީ ސިޔާސީ ޕޯޑިއަމްތަކުގައި ދިވެހިރާއްޖެއިން ވަނީ ޕާކިސްތާނުގެ ޒަމާންވީ ހަތުރުގެ ގޮތުގައި ދިވެހިރާއްޖެ "ދޯސްތު" ކަމަށްވާ، އިންޑިއާއަށް ތާއީދުކޮށް އަޑުއުފުލާފައެވެ. އެގޮތުން މިއަހަރުގެ މެއި މަހު ކުރިއަށްދިޔަ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ ބައްދަލުވުމުގައި، އިންޑިއާއަކީ މުސްލިމުންނާ އިސްލާމް ދިނާ މެދު އެހެން މީހުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް އަމަލުކުރާ ގައުމެއް ކަމަށް ބުނެ ޕާކިސްތާނުން ދެއްކި ވާހަކަތަކަކާ ގުޅިގެން، ދިވެހިރާއްޖެއިން އިންޑިއާގެ ދިފާއުގައި ތެދުވެ، ދުނިޔެ ސިއްސުވާލިކަން ފާހަގަކުރަންޖެއެވެ.