ފަތުރުވެރިންނަށް ހާއްސަކޮށްގެން ދުނިޔޭގައި މިހާތަނަށް ތަރައްގީ ކޮށްފައިވާ އެންމެ ބޮޑު ވޯޓާވިލާ ނުވަތަ މޫދުކޮޓަރިތައް، ދިވެހިރާއްޖޭގައި ހުޅުވައިފިއެވެ.

1 ކޮޓަރިއާއި 2 ކޮޓަރީގެ މައްޗަށް އެކުލެވޭ ވޯޓާވިލާތައް ހުޅުވާފައިވަނީ ލަގްޒަރީ ފަތުރުވެރިކަމުގެ ލިސްޓުގެ އެންމެ ކުރިން ޖާގަ ހޯދަމުން އަންނަ ސޮނޭވާ ފުށީގައެވެ.

ސެޕްޓެމްބަރު މަހުގެ 25 ވަނަ ދުވަހު ހުޅުވި މި ވޯޓާވިލާތަކުގެ ސައިޒަށް ބަލާއިރު 1 ކޮޓަރީގެ ވިލާގެ ބޮޑު މިނަކީ 6286 އަކަފޫޓެވެ. 2 ކޮޓަރީގެ ވިލާގެ ބޮޑު މިނަކީ 9224 އަކަފޫޓެވެ.

ވޯޓާރޫމްސްގެ ނަމުގައި ސޮނޭވާ ފުށީގައި މިފަދަ 8 ސުއީޓެއް ތަރައްގީކޮށް، މިހާރު ވަނީ ބުކިންގްއަށް ހުޅުވާލާފައެވެ.

މި ވޯޓާވިލާތައް ފަރުމާކޮށްފައިވަނީ މުދާއި ފަރުތަކުގެ ދިރުންތައް ސާފުކޮށް ފެންނާނެހެން ބިއްލޫރި ތަޅުމެއްގެ މަތީގައެވެ. މީގެ އިތުރުން ޕްރައިވެޓް އައުޓްޑޯ ބާތުޓަބާ، ސަންލޯންޖުތަކުގެ އިތުރުން، ޕޫލްތައްވެސް މި ވިލާތަކުގައި ގާއިމުކޮށްފައިވެއެވެ. އަދި، ރޭގަނޑުގެ ވަގުތަކުގައި، އުޑުމަތީގެ ހިތްގައިމު މަންޒަރު، އެއްވެސް ހުރަހެއް ނެތި ބަލާލެވޭ ގޮތަށް، ވިލާތަކުގެ ސީލިންގް ފަރުމާކޮށްފައިވަނީ ކަހާލެވޭ ގޮތަށް ކަންވެސް ފާހަގަކުރަންޖެހެއެވެ.

ދުނިޔޭގެ ފެންވަރުގައި ގުނާލެވޭ ބައޮސްފިއާ ރިޒާވް އޮތް ބ އަތޮޅު ކުންފުނަދޫގައި ތަރައްގީ ކޮށްފައިވާ ސޮނޭވާ ފުއްޓަކީ ޕްރައިވެޓް އައިލެންޑް ރިސޯޓެވެ. އިންޑިއާގައި ކަނޑުގެ ސަރަހައްދުގައި ގާއިމު ކޮށްފައިވާ އެންމެ ބޮޑު އައުޓްޑޯ ފިލްމް ސްކްރީންވެސް ތަރައްގީ ކޮށްފައިވަނީ ސޮނޭވާފުށީގައެވެ.

ދުނިޔޭގެ ރެކޯޑު ފޮތުގައި ރާއްޖޭގެ "ފްރީޑައިވިންގް ވޯލްޑް ރެކޯޑް" ހިމެނީ 2019 ވަނަ އަހަރުގެ ނޮވެމްބަރުމަހުއެވެ. މި ހަރަކާތަކީ 2019 ވަނަ އަހަރުގެ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 1 ވަނަ ދުވަހު ބަރޮސް ރިސޯޓު ކައިރީގައި "ނޭވާ"ގެ ނަމުގައި ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.