އައްޑޫ ސިޓީގެ އިތުރު 18 މަގެއްގައި ތާރު އަޅަން ބޭނުންވާ ސާމާނު އައްޑޫއަށް ގެންގޮސްފިއެވެ.
އައްޑޫ ކައުންސިލުން ބުނީ ޖީކޭ ޑިވެލޮޕްމަންޓްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން އައްޑޫ ސިޓީގެ 18 މަގެއްގައި އަލަށް ތާރު އެޅުމަށް ހަމަޖެހިފައިވާއިރު، މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫގެ ބޮޑުމަގުގެ އިތުރުން ފޭދޫ ރަށްދެބައި މަގު ރީސަފޭސް ކުރުމަށްވެސް ހަމެޖިފައިވާ ކަމަށެވެ.
އެ މަޝްރޫއު ޖީކޭ ޑިވެލޮޕްމަންޓްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ 23 ޑިސެންބަރު 2019 ގައެވެ. އެ އެއްބަސްވުމާއިއެކު މަޝްރޫއު ފެށުމަށް ބޭނުންވާ ކަންކަން ފެށިގެން ކުރިއަށް ގޮސްފައިވާ ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.
މަގު ހެދުމުގެ މަޝްރޫއުގެ މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށް ގެންދިއުމަށް، އައްޑޫ ސިޓީ ކައުންސިލުން ކަމާ ގުޅޭ ފަރާތްތަކާއެކު މަޝްވަރާގެ ބައްދަލުވުންތައް ބާއްވައި ކުރި ބުރަ މަސައްކަތުގެ ނަތީޖާއެއްގޮ ގޮތުން ޖެނުއަރީ30، 2020 ވަނަ ދުވަހު ތާރު އެޅުމުގެ މަސައްކަތަށް ބޭނުންވާ ފުރަތަމަ ޝިޕްމަންޓް އައްޑޫ ސިޓީ އަށް ލިބިފައިވާކަން އައްޑޫ ސިޓީގެ ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ.
134 މިލިއަން ރުފިޔާ އަށްވުރެ ގިނަ ދިވެހި ފައިސާ ހަރަދުކޮށްގެން ސަރުކާރުން ކުރިއަށްގެންދާ އެމަޝްރޫއުގެ ސަބަބުން އައްޑޫ ސިޓީގެ މަގުތަކުގެ ހާލަތު ގޯސްވުމުގެ ސަބަބުން ކުރިމަތިވަމުން ދިޔަ ގޮންޖެހުންތަކަށް ހައްލެއް ލިބިގެންދާނެއެވެ.
އައްޑޫ ކައުންސިލުން ބުނީ އައްޑޫ ސިޓީގައި މަގު ހެދުމުގެ ދެވަނަ މަޝްރޫއެއްވެސް އެކު އެކީގައި ފެށުމަށް ތައްޔާރުވަމުން ދާކަމަށެވެ. އެގޮތުން ޑިސެންބަރު 12، 2019 ގައި އައްޑޫ ސިޓީގެ 25 ކިލޯމީޓަރުގެ މަގު ހެދުމާއި 228 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތުގެ ޑިޒައިން އަދި ކޮންސްޓްރަކްޝަން ކޮންސަލްޓެންސީ، އެލް އެންޑް ޓީ އިންފްރާސްޓްރަކްޗަރ އިންޖިނިއަރިން ލިމިޓެޑާއި، އެލް އީއޭ އެސޯސިއޭޓްސް ސައުތު އޭޝިއާ ޕްރައިވެޓް ލިމިޓެޑާ ވަނީ ހަވާލުކޮށްފައިވާއިރު، މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާ ކަމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އިން މައުލޫމާތު ދީފައިވާ ކަމަށް ބުނެއެވެ.
އެ މަޝްރޫއުގެ ތެރޭގައި ހިތަދޫ އަވަށުން 90 ހެކްޓަރުގެ ބިމަކާއި މަރަދޫ އަދި މަރަދޫފޭދޫ އިން 75 ހެކްޓަރު އަދި ހުޅުދޫ އާއި މީދޫން 38 ހެކްޓަރުގެ އިތުރުން 25 ހެކްޓަރުގެ ބިން ރިސޯޓް ތަރައްގީ ކުރުމަށް ހިއްކުމަށް ހަމަޖެހިފައިވެއެވެ. އެ މަޝްރޫއުގެ ދަށުން އައްޑޫ ސިޓީގެ ހުރިހާ މަގެއްގެ ފެން ހިންދާ ނިޒާމް ގާއިމުކުރެވޭއިރު، މަގު ބައްތި ޖެހުމުގެ މަސައްކަތާއެކު ސީސީޓީވީ ސިސްޓަމް ގާއިމުކުރެވިގެންދާނެއެވެ.