އުތުރު ކޮރެއާއިން، ދެކުނު ކޮރެއާގެ އޮފިޝަލެއް މަރާލި ކަމީ ހައިރާންވެވަޑައިގަންނަވާ ކަމެއް ކަމަށާ، މިއީ މައާފު ދެވޭނެ ވަރުގެ ކަމެއް ނޫން ކަމަށް، ދެކުނު ކޮރެއާގެ ރައީސް މޫން ޖެއި-އިން ވިދާޅުވެއްޖެއެވެ.

އުތުރު ކޮރެއާއިން ވަނީ، ހުސްވި ހަފުތާ ތެރޭގައި ވީ ނުވީ އެއް ނޭނގި ގެއްލުނު ދެކުނު ކޮރެއާގެ މަސްވެރިކަމާ ބެހޭ އޮފިޝަލެއްގެ ގަޔަށް ބަޑިޖަހާ މަރާލާއެވެ. އަދި ތެލުން ހަށިގަނޑު ފޯކުރުމަށްފަހު ރޯކޮށް އަންދާލާފައެވެ. މިކަމަކީ، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އާ ގުޅިގެން އެޅި ފިޔަވަޅެއް ކަމަށް ބުނެވެއެވެ.

ކަން މިހެން އޮތް އިރު، މޫން ވަނީ، ދެކުނު ކޮރެއާގެ ރައްޔިތުންގެ ފުރާނަ ސަލާމަތް ކުރުމަށް އަސްކަރިއްޔާއިން އެލާޓްގައި ތިބޭ މިންވަރު އިތުރަށް ހަރުދަނާ ކުރުމަށް ގޮވާލައްވާފައެވެ.

ދެކުނު ކޮރެއާގެ އަސްކަރިއްޔާއިން ބުނީ، ހިނގާދިޔަ ކަންތައްތަކާ ގުޅިގެން ތަފްސީލު ފޯރުކޮށްދޮނުމަށް އެދި، ބޯޑަރު ހުރަސްކޮށް، އުތުރު ކޮރެއާއަށް މެސެޖެއް ފޮނުވާފައި ވާނެ ކަމަށެވެ. ނަމަވެސް، މިދިޔަ ބުދަ ދުވަހު ފޮނުވި މެސެޖަށް، އުތުރު ކޮރެއާއިން އަދި އެއްވެސް ޖަވާބެއް ދީފައި ނުވާކަމަށްވެސް ދެކުނު ކޮރެއާގެ އަސްކަރިއްޔާއިން ބުނެއެވެ.

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމުގެ ނަމުގައި އުތުރު ކޮރެއާއިން މިވަގުތު ދަނީ ހަރުކަށި ފިޔަވަޅުތަކެއް ތަންފީޒު ކުރަމުންނެވެ. އެގޮތުން ގައުމަށް ވައިރަސް އެތެރެވުން ހުއްޓުވުމަށް ކަމަށް ބުނެ، އުތުރު ކޮރެއާއިން ވަނީ ބޯޑަރު ހުރަސް ކުރާ މީހުންގެ ގަޔަށް ބަޑިޖަހައިގެން މެރުމުގެ އަމުރެއް ނެރެފައެވެ.