މުޅި ދުނިޔެއަށް މިއަދު ކުރިމަތިލާން ޖެހިފައިވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަން އަންގައިދިނީ، ކަނޑުދަތުރުފަތުގެ މުހިންމު ކަން ކަމަށް ބައިނަލްއަގުވާމީ މެރިޓައިމް ޖަމިއްޔާ (އައިއެމްއޯ) އިން ބުނެފިއެވެ.

އައިއެމްއޭއޯއިން މިހެން ބުނެފައިވަނީ، ބައިނަލްއަގުވާމީ ފެންވަރުގައި މިއަދު ފާހަގަކުރަމުންދާ ކަނޑުދަތުރުފަތުރުގެ ދުވަހުގެ މުނާސަބަތުގައި އާންމުކުރި މެސެޖުގައެވެ.

ބައިނަލްއަގުވާމީ މެރިޓައިމް ދުވަހުގެ މި އަހަރުގެ ޝިއާރެއް ކަމުގައި ކަނޑައަޅާފައިވަނީ، "ދެމެހެއްޓިނިވި ދުނިޔެއަކަށް، ދެމެހެއްޓެނިވި ކަނޑުދަތުރުފަތުރު" މި ޝިއާރެވެ.

ދުވަހާ ގުޅުވައިގެން ދެއްވި ހާއްސަ މެސެޖުގައި އައިއެމްއޯގެ ސެކްރެޓަރީ ޖެނެރަލް ކިޓަކް ލިމް ވިދާޅުވީ، މިއަހަރަކީ ކޮވިޑް-19ގެ ބަލިމަޑުކަމުގެ އަސަރު މުޅި ދުނިޔެއަށް ފޯރާފައި އޮތް އަހަރެއް ކަމަށާ، ނަމަވެސް މި ބަލިމަޑުކަން އަންގައިދިނީ ކަނޑުދަތުރުފަތުރުގެ މުހިންމު ކަން ކަމަށެވެ. މިފަދަ ހާލެއްގައި ބައިނަލްއަގުވާމީ ފެންވަރުގައި އެއްތަނުން އަނެއް ތަނަށް މުދާ އުފުލުމުގައި އެންމެ އިތުބާރު ކުރެވޭ، އަދި އެންމެ ޖީބަށް ލުއި ގޮތަކީ ކަނޑުދަތުރުފަތުރުގެ ސިނާއަތްކަން ހާމަވެފައި ވާ ކަމަށް އައިއެމްއޯގެ ސެކްރެޓަރީ ޖެނެރަލް ވަނީ ފާހަގަކުރައްވާފައެވެ.

އިންޑިއާގެ ކޮޗިންގެ ބަނދަރު ސަރަހައްދު ރަމްޒުކޮށްދިނުމަށް ބޭނުން ކޮށްފައިވާ ތަސްވީރެއް/ފޮޓޯ: އިކޮނޮމިކް ޓައިމްސް

ދުނިޔޭގެ އިގުތިސޯދަށް މަގު ތަނަވަސްކޮށްދިނުމުގެ އިސް މޭސްތިރީގެ ގޮތުގައި އަދިވެސް އޮތީ ކަނޑުދަތުރުފަތުރު ކުރުން ކަމަށާ، ބައިނަލްއަގުވާމީ ވިޔަފާރީގައި އެއްތަނުން އަނެއް އުފުލާ މުދަލުގެ 80 ޕަސެންޓަކީ ކަނޑުމަގުން އުފުލާ މުދާކަންވެސް އައިއެމްއޯގެ ސެކްރެޓަރީ ޖެނެރަލްގެ މެސެޖުގައި ވަނީ ފާހަގަކުރައްވާފައެވެ.

ކަން މިހެން އޮތްއިރު، އިގުތިސޯދު ނަގަހައްޓާ، މުސްތަގުބަލުގައި ދެމެހެއްޓެނިވި ތަރައްގީ ހާސިލުކުރުމުގެ މައި ގުނަވަނެއްގެ ގޮތުގައި އޮންނާނީ ކަނޑުދަތުރުފަތުރުގެ ސިނާއަތާ ބޯޓުދަތުރުކުރުން ކަމަށް އައިއެމްއޯގެ ސެކްރެޓަރީ ޖެނެރަލް ވަނީ ވިދާޅުވެފައެވެ. ކޮވިޑް-19ގެ ބަލިމަޑުކަމަށްފަހު ދުނިޔެއިން އެންމެ އިސް ސަމާލުކަމެއް ދޭނީ 2030 އަށް ކަނޑައަޅާފައިވާ ދެމެހެއްޓެނިވި ތަރައްގީގެ އެޖެންޑާ ހާސިލު ކުރުމަށް ކަމަށްވާއިރު، ދުނިޔޭގެ ވިޔަފާރިއާއި އިގުތިސޯދަށް، ދެމެހެއްޓެނިވި ދަތުރުފަތުރުގެ ނިޒާމު މުހިންމު ކަމަށްވެސް އައިއެމްއޯގެ އިސްވެރިޔާ ވަނީ ފާހަގަކުރައްވާފައެވެ.

ދުވަހާ ގުޅުވައިގެން ދެއްވި ހާއްސަ މެސެޖުގައި އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭޒް ވަނީ ކަނޑުމަތީގައި ހާލުގައި ޖެހިފައި ތިބި ބޯޓުދަތުރުކުރާ މީހުންގެ ހާލާއި މެދު ކަންބޮޑުވުން ފާޅު ކުރައްވާ، ގައުމުތަކުގެ ސަރުކާރުން މިކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ގޮވާލައްވާފައެވެ. އެގޮތުން ބޯޓުދަތުރު ކުރާ މީހުންނާ، ކަނޑުމަތީގައި އެކި މަސައްކަތްތަކުގައި ޝާމިލުވެ އުޅޭ މީހުންނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމާ، ކްރޫއިން ޝިފްޓު އެކަށީގެންވާ ގޮތެއްގައި ބަދަލު ކުރުމާ، ބައިނަލްއަގުވާމީ ކަނޑުދަތުރުފަތުރާ ގުޅުންހުރި އދގެ މުއާހަދާތައް ތަންފީޒު ކުރުން ފަދަ ކަންކަމަށް، ކަމާ ބެހޭ ފަރާތްތަކުން ސަމާލު ކަން ދިނުމަށްވެސް ގުޓެރޭޒް ވަނީ ގައުމުތަކުގެ ސަރުކާރުތަކަށް ގޮވާލައްވާފައެވެ.

ކޮންމެ އަހަރެއްގެވެސް ސެޕްޓެމްބަރު މަހުގެ 24 ވަނަ ދުވަސް ފާހަގަކުރަނީ، ބައިނަލްއަގުވާމީ މެރިޓައިމް ދުވަހުގެ ގޮތުގައެވެ. ބައިނަލްއަގުވާމީ ފެންވަރުގައި މިފަދަ ދުވަހެއް ފާހަގަކުރުމުގެ މައިގަނޑު މަގުސަދަކީ ކަނޑުގެ ވެއްޓާ، ސިނާއީ އުފެއްދުންތެރިކަމުގެ ސަބަބުން ކަނޑުތަކާ، ކަނޑުގެ ދިރުންތަކަށް ކުރާ އަސަރާ، އަމިއްލަ ގެދޮރާ ދުރުގައި، ކަނޑުމަތީގައި އެތައް ދުވަހެއް ހޭދަކުރާ ބޯޓުދަތުރުކުރާ މީހުންގެ ހާލަތު ވަޒަން ކުރުމެވެ.