އެކި ސަބަބުތަކާ ހެދި އަމިއްލައަށް އަރުވާލެވިގެން ގައުމުން ބޭރުގައި ދިރިއުޅެމުންދާ ސައުދީ އަރަބިއްޔާގެ ރައްޔިތުންގެ ގުރޫޕަކުން، އިދިކޮޅު ސިޔާސީ ޕާޓީއެއް ލޯންޗުކޮށްފިއެވެ.

މިއީ ސައުދީގެ ސަލްމާން ރަސްގެފާނުގެ ވެރިކަމާ ދެކޮޅަށް މިފަދަ ގޮތަކަށް ރާވައިގެން، ސިޔާސީ އިދިކޮޅު ހަރަކާތްތަކެއް ހިންގަން މަސައްކަތް ކުރާ ފުރަތަމަ ފަހަރެވެ.

ވިރާސީ ވެރިކަމެއް ކުރަމުން އަންނަ ސައުދީ ސަރުކާރާ ދެކޮޅަށް ސިޔާސީ ހަރަކާތް ހިންގުމަށް ޕާޓީ ލޯންޗްކުރި ގުރޫޕުގައި، އިނގިރޭސިވިލާތާ އެމެރިކާގައި ދިރިއުޅޭ ސައުދީ އަރަބިއްޔާގެ ރައްޔިތުން ހިމެނެއެވެ.

ސައުދީ އަރަބިއްޔާގެ ވެރިކަމުގެ ބާރު ރޭވިފައި އޮންނަ ގޮތުން، ސިޔާސީ އިދިކޮޅު ފިކުރަށް ފުރުސަތެއް ނޯވެއެވެ. ނަމަވެސް، ނޭޝަނަލް އެސެމްބްލީ ޕާޓީގެ ނަމުގައި ސައުދީގެ އިދިކޮޅު ސިޔާސީ ޕާޓީއެއް އުފައްދާފައި މިވަނީ، ސައުދީ އަރަބިއްޔާގެ އުފެދުމުގެ މުނާސަބައާވެސް ގުޅުވައިގެންކަން ފާހަގަކުރަންޖެހެއެވެ.

2007 ވަނަ އަހަރާއި 2011 ވަނަ އަހަރުވެސް ސައުދީގައި އިދިކޮޅު ސިޔާސީ ޕާޓީ އުފެއްދުމަށް މަސައްކަތްތަކެއް ކުރެވުނެވެ. ނަމަވެސް އެ ހުރިހާ ފަހަރަކު، އެ މަސައްކަތްތައް ހުއްޓުވާފައި ވަނީ، އެ ކަމުގައި ޝާމިލުވީ މީހުން ހައްޔަރުކޮށްގެންނެވެ.

ނޭޝަނަލް އެސެމްބްލީ ޕާޓީއަކީ، ސައުދީގެ ސަރުކާރަކީ ޑިމޮކްރަޓިކް އުސޫލުން ހިންގާ ސަރުކާރަކަށް ހެދުމުގެ މަގުސަދުގައި އުފެއްދި ސިޔާސީ ޕާޓީއެއް ކަމަށް މައުލޫމާތު ލިބެއެވެ. މިއީ ސައުދީގެ ނުފޫޒުގެ ޝާޙީ އާއިލާގެ ބާރާއި ހައިބަތަށް އުނިކަން ގެނުވާނެ ޕާޓީއެއް ކަމަކަށް ނުބެލެވެއެވެ. އެއާ ހިލާފަށް ނޭޝަނަލް އެސެމްބްލީ ޕާޓީ ވާނީ، ސައުދީގެ ޝާހީ ވެރިންނަށް ކުރިމަތިވާ ގޮންޖެހުމަކަށެވެ.

ނޭޝަނަލް އެސެމްބްލީ ޕާޓީގެ އިސް ލީޑަރެއްގެ ގޮތުގައި މިވަގުތު ހުރީ، ލަންޑަންގައި ދިރިއުޅެމުންދާ އިންސާނީ ހައްގަތުތަކުގެ އެކްޓިވިސްޓް ޔަހުޔާ އަސީރީއެވެ. އަސީރީއަކީ ރޯޔަލް ސައުދީ އެއާފޯސް އޮފިސަރެއްގެ ގޮތުގައި އެ ގައުމަށް ހިދުމަތް ކޮށްފައިވާ މީހެކެވެ.