އޮސްޓްރޭލިއާގެ ފަޅުތެރެއަށް ތިލަވެ، ގޮނޑުދޮށުގައި ތާށިވެފައިވާ އެތައް ސަތޭކަ ބޮޑުމަހެއްގެ ތެރެއިން 380 މަހެއް، ސަލާމަތް ނުކުރެވި، މިހާރު މަރުވެފައި ވާ ކަމަށް އޮފިޝަލުން ވިދާޅުވެއްޖެއެވެ.

މިއީ އޮސްޓްރޭލިއާގެ ތާރީހުގައިވެސް މިފަދަ ގޮތަކަށް، މިހާ ގިނަ އަދަދަކަށް ބޮޑުމަސް މަރުވި ފަހަރެވެ.

މިދިޔަ ހޯމަ ދުވަހުން ފަށައިގެން އެތައް ސަތޭކަ ބޮޑުމަހެއް، ޓެސްމޭނިއާ ސަރަހައްދުގެ ހުޅަނގު އައްސޭރިފަށުގައި ވަނީ ތާށިވެފައެވެ. ބޮޑުމަސްތައް ސަލާމަތްކޮށް ފުން ސަރަހައްދުތަކަށް ދޫކޮށްލުމުގެ މަސައްކަތް ކަމާ ބެހޭ ފަރާތްތަކުން ކުރިއަށް ގެންދާއިރު، މިހާތަނަށް ސަލާމަތް ކުރެވިފައި ވަނީ އެންމެ 50 މަސް ކަމަށް ޚަބަރު ލިބެއެވެ. އަދި ބާކީ އޮތް 30 ބޮޑުމަހެއް ސަލާމަތް ކުރުމަށް އޮޕަރޭޝަން ކުރިއަށް ގެންދާ ކަމަށް މައުލޫމާތު ލިބެއެވެ. ބޮޑުމަސްތައް ދިރިހުރިހާ ހިނދަކު އޮޕަރޭޝަން ކުރިއަށްދާނެ ކަމަށް އޮސްޓްރޭލިއާގެ ކަމާބެހޭ ފަރާތްތަކުން ވަނީ ބުނެފައެވެ.

އޮސްޓްރޭލިއާގެ ޓެސްމޭނިއާ ސަރަހައްދުގެ އައްސޭރިފަށުގެ ސަރަހައްދަށް ތިލަވި ބޮޑުމަހެއް/ފޮޓޯ: ބިލާލް ރާޝިދު

ޓެސްމޭނިއާގެ އޮފިޝަލުން ވިދާޅުވީ، މިވަގުތު އެންމެ އިސްކަމެއް ދީގެން ކުރިއަށް ދަނީ ގޮނޑުދޮށުގައި މަރުވެފައިވާ ބޮޑުމަސްތަކުގެ ހަށިތައް، އެ ސަރަހައްދުން ނެގުމުގެ މަސައްކަތް ކަމަށެވެ. ސާފު ކުރުމުގެ ޕްލޭން އަދިވެސް ރާވަމުން އަންނަ ކަމަށް ޓެސްމޭނިއާގެ ޑިޕާޓްމަންޓް އޮފް ޕްރައިމަތީ އިންޑަސްޓްރީޒްގެ ނިކް ދޭކާ ވަނީ ވިދާޅުވެފައެވެ.

މީގެ ކުރިން ގޮނޑުދޮށުގައި މަރުވާ ބޮޑުމަސްތައް، އެ ސަރަހައްދުގައި ވަޅުލަނީއެވެ. ނުވަތަ ކަނޑަށް ބޭރުކޮށްލަނީއެވެ.

ޓެސްމޭނިއާގެ އައްސޭރިފަށުގެ ސަރަހައްދަށް މިހާ ގިނަ އަދަދަކަށް ބޮޑުމަސް ތިލަވެ، ގޮނދުދޮށުގައި ތާށިވި ސަބަބެއް އަދިވެސް ކަށަވަރެއް ނުވެއެވެ.

ސައެންސްވެރިން ގަބޫލުކުރާ ގޮތުގައި މިފަދަ ގޮތަކަށް ގޮނޑުދޮށަށް މަސްތިލަވާން ދިމާވާ ގިނަ ސަބަބުތަކެއް ހުރެއެވެ. އެތަނުން އެއް ނަޒަރިއްޔާއަކީ، މަސްމަހާމެހީގެ އަވައިގައި ޖެހިގެން އެއްގަމާ ހިސާބަށް އާދެވި، ބޮޑުމަހުގެ ހަރަކާތް ހުއްޓޭ ގޮތްވުމެވެ. ބޮޑުމަހުގެ އާބާދީއަކީ އައިން އައިނަށް ދަތުރުކުރާ ބާވަތެއް ކަމުން، ގިނަ ފަހަރަށް މިފަދަ ބޮޑުމަސް ތިލަވަނީވެސް އެކު އެކީގައެވެ.

އެންމެ ފަހުން ޓެސްމޭނިއާގައި މިފަދަ ހާދިސާއެއް ހިނގާފައިވަނީ 2009 ވަނަ އަހަރުއެވެ. ނަމަވެސް އެފަހަރުގެ ހާދިސާގައި "ޝާމިލުވީ" 200 އެއްހާ ބޮޑުމަހެވެ.