ޕާކިސްތާނުގައި ހިންގާ ރޭޕްގެ ޖަރީމާތަކުގެ 82 ޕަސެންޓް ކޭހުގައި އަނިޔާ ދިނުމުގައި ހަރަކާތްތެރިވަނީ ބައްޕަ، އަޚެއް ނުވަތަ ކާފައާއި ބޮޑު ބޭބެ ފަދަ އާއިލީ ގުޅުން އޮންނަ މީހެއް ކަމަށް އެގ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރަކު ވިދާޅުވެއްޖެއެވެ.

އިންސާނީ ހައްގުތަކަށް ވާކާލާތު ކުރާ ވޯ އޮން ރޭޕް (ވޯ) އިން އެކުލަވާލާފައިވާ ތަފާސް ހިސާބުތަކަށް ރިއާޔަތް ކުރައްވާ، ޓީވީ ޝޯ އެއްގައި ވާހަކަދައްކަވަމުން ޝަންދަނާ ގުލްޒާރު ހާން ވިދާޅުވީ ޕާކިސްތާނުގައި އަންހެން ކުދިން ރޭޕް ކުރުމުގައި ގިނައިން ބައިވެރިވެފައި ވަނީ އާއިލާ މެމްބަރުން ކަމަށެވެ.

ޝަންދަނާ އިތުރަށް ވިދާޅުވީ އާއިލާ މެމްބަރުންގެ ފަރާތުން ރޭޕްގެ އަނިޔާ ލިބި، ބަލިވެ އިންނަ ހާލަތަށް ދާ ކުދިން، އެ މައްސަލަ ފުލުހުންނަށް ހުށަހެޅުމުގެ ބަދަލުގައި، އަންހެނުންގެ ހާއްސަ ޑޮކްޓަރުންގެ ގާތަށް ގޮސް އެބޯޝަން ހަދަން އިހުތިޔާރު ކުރާ ކަމަށެވެ. މިފަދަ އަންހެން ކުދިންގެ މައިންވެސް ފުލުހުންނާ ހިސާބަށް މައްސަލަ ނުގެންދާ ކަމަށާ، މައިންގެ އުޒުރަކަށް ވަނީ ފިރިމީހާ ދޫކޮށްލަން ބޭނުން ނުވުން ކަމަށްވެސް ޝަންދަނާ ވަނީ ފާހަގަކުރައްވާފައެވެ.

މި މޭރުމުން ވާހަކަދައްކަވަމުން ޝަންދަނާ ވިދާޅުވީ މި މައްސަލައާ ބެހޭ ގޮތުން ވާހަކަދެއްކުމަށް ޕާކިސްތާނުގެ މުޖުތަމައު އަދިވެސް ތައްޔާރު ނޫން ކަމަށާ، މިއީ ނުރައްކާތެރި ސިގުނަލެއް ކަމަށެވެ.

ޕާކިސްތާނުގައި ރޭޕްގެ ވާހަކަތައް ފެންމަތިވެފައި މިވަނީ، މި މަހުގެ ކުރީކޮޅު ހައިވޭއެއްގައި އަންހެނަކު ރޭޕް ކުރި ހާދިސާއަށް ފަހުގައެވެ. އޭނާ ދުއްވަމުން ދިޔަ ވެހިކަލް ހުއްޓުނު ހިސާބުން 2 ފިރިހެނެއްގެ ޝިކާރައަކަށް އޭނާ ހަދާލީ ކާރުގައި ތިބި ދަރިންގެވެސް ލޮލު ކުރިމަތީގައެވެ. މިއާއެކު، ރޭޕްގެ ޖަރީމާއަށް ހަރުކަށި އަދަބު ދިނުމަށް ޕާކިސްތާނުގައި ކުރާ ޑިމާންޑްގެ އަޑުވަނީ ގަދަވެފައެވެ.