މިއަދު ހެނދުނު ކުރިއަށް ގެންދިޔަ 72 ވަނަ އެމީ އެވޯޑްސް ހަފުލާގެ ގިނަ އެވޯޑްތަކެއް، "ޝިޓްސް ކްރީކް" އާއި "ވޮޗްމަން" ކަށަވަރުކޮށްފިއެވެ.

ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމުގެ ސަބަބުން ވާޗުއަލް ޕްލެޓްފޯމެއްގައި ކުރިއަށް ގެންދިޔަ ހަފުލާގައި "ޝިޓްސް ކްރީކް" އިން ވަނީ 9 އެވޯޑެއް ހޯދާފައެވެ. މިއީ އެއް ސީޒަނަކުން އެއް ފަހަރާ އެންމެ ގިނަ އަދަދަކަށް އެމީ އެވޯޑް ހޯދި ކޮމެޑީ ސީރީޒްއެވެ.

ކެނެޑާގެ ކޮމެޑީ ސީރީސް "ޝިޓްސް ކްރީކް" އަކީ ޔޫޖީންއާއި ޑޭން ލީވައިގެ ދެބަފައިންގެ އުފެއްދުމެކެވެ. 2015 ވަނަ އަހަރުގެ ޖަނަވަރީ މަހު ދައްކަން ފެށި "ޝިޓްސް ކްރީކް" ގައި ފެނިގެންދަނީ، މުއްސަނދި ދިރިއުޅުމެއް އުޅެމުންދިޔަ އާއިލާއަކަށް މާލީ ހީނަރުކަން ކުރިމަތިވެ، ދަށް ފަންތީގެ ދިރިއުޅުމެއްގައި ދުވަސްތައް ހޭދަ ކުރަން ޖެހުމުން ދެން ހިނގައިދާ ހާދިސާތެކެކެވެ.

ޕޮޕް ޓީވީއިން ދައްކަން ފެށި މި ޝޯއަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބެން ފެށި ނެޓްފްލިކްސް ޕްލެޓްފޯމަށް ބަދަލު ކުރި ހިސާބުންނެވެ.

"ވޮޗްމަން" އިން ވަނީ 11 އެވޯޑެއް ހާސިލުކޮށްފައެވެ.

މީގެ އިތުރުން "ޔުފޯރިއާ" އިން ބެސްޓް ޑްރާމާ އެކްޓްރެސްގެ އެވޯޑް ގެންދިޔަ ޒެންޑާޔާ، 24، އަކީ އެންމެ ހަގު އުމުރެއްގައި މި އެވޯޑް ހޯދި ބަތޮލާއެވެ.

1949 ވަނަ އަހަރުން ފަށައިގެން ދެމުން އަންނަ އެމީ އެވޯޑު ހާސިލުކުރާ ފަރާތް ކަނޑައަޅާނީ، 25000 އަށް ވުރެ ގިނަ މެމްބަރުންގެ މައްޗަށް އެކުލެވޭ ޓެލެވިޝަން އެކަޑަމީއިން ދޭ ވޯޓަށް ބިނާ ކޮށެވެ.