ޗައިނާއިން ތަރައްގީކޮށް ފުޅާ ދާއިރާއެއްގައި ހިންގަމުން އަންނަ މެސެޖިންގް އަދި ޕޭމަންޓް އެޕްލިކެޝަން – "ވަޓްސްއެޕް" އެމެރިކާގައި ދެން އިތުރަށް ޑައުންލޯޑް ނުކުރެވޭ ގޮތް ހެދުމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ސުންގަޑި ހަމަވާން ދަނިކޮށް، އެކަން ތަންފީޒު ވިޔަ ނުދިނުމަށް، އެމެރިކާގެ ފަނޑިޔާރަކު ހުރަސް އަޅުއްވައިފިއެވެ.

އެމެރިކާގައި މެޖިސްޓްރޭޓެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުން ގެންދަވާ ފަނޑިޔާރު ލޯރެލް ބީލާ ވިދާޅުވީ، އެޕް މަނާ ކުރުމަށް ނެރުއްވާފައިވާ އަމުރަކީ، އެމެރިކާގެ ގާނޫނު އަސާސީއަށް ގެނެވުނު ފުރަތަމަ އިސްލާހު ނުވަތަ ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ހައްގާ ގުޅިގެން ސުވާލު އުފެދޭ ކަންތައްތަކެއް ހުރި އަމުރެއް ކަމަށެވެ.

އެމެރިކާގެ ޑިޕާޓްމަންޓް އޮފް ކޮމާސްއިންވަނީ އާދީއްތަ ދުވަހުން ފަށައިގެން އެމެރިކާގެ އެޕްސްޓޯތަކުން ވީޗެޓް ޑައުންލޯޑް ކުރުމުގެ ފުރުސަތު އޮވެގެން ނުވާނެ ކަމަށް އިއުލާންކޮށްފައެވެ. އަދި އެ ވަގުތުން ފެށިގެން، އެމެރިކާގެ ވީޗެޓް އޮޕަރޭޝަންތައްވެސް ހުއްޓާލުމަށް އެ ވުޒާރާއިން އޮތީ އިއުލާންކޮށްފައެވެ.

އެމެރިކާއިން ވީޗެޓް މަނާ ކުރުމަށް ކުރަމުންދާ މަސައްކަތް ރަމްޒުކޮށްދިނުމަށް ބޭނުންކޮށްފައިވާ ތަސްވީރެއް/ފޮޓޯ: ރޮއިޓާޒް

ޓްރަމްޕްގެ ސަރުކާރުން ތުހުމަތު ކުރާ ގޮތުގައި ޗައިނާގެ އެޕްލިކޭޝަންތަކަކީ އެމެރިކާގެ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެކެވެ. އެހެނީ، ޗައިނާގެ އެޕްލިކޭޝަންތަކަކީ އެގައުމުގެ ސަރުކާރަށް ޖާސޫސީ/ޒާތީ މައުލޫމާތު ފޯރުކޮށްދޭ މަސްދަރެއް ކަމަށް ޓްރަމްޕްގެ ސަރުކާރުން ތުހުމަތު ކުރެއެވެ. ނަމަވެސް އެމެރިކާގެ ތުހުމަތުތަކަށް ޗައިނާއިން އިންކާރު ކުރެއެވެ.

އެމެރިކާއިންވަނީ މަޝްހޫރު ވީޑިއޯ އެޕްލިކެޝަން – "ޓިކްޓޮކް"އާއި ދެކޮޅަށްވެސް ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން ޓިކްޓޮކްގެ އޮޕަރޭޝަންތައް އެމެރިކާގެ ކުންފުންޏަކާ ހަވާލުކުރުމަށް އާދީއްތަ ދުވަހުގެ ނިޔަލަށް އޮތީ ސުންގަޑި ދީފައެވެ. އެ މުހުލަތު ހަމަވިއިރު، ޓިކްޓޮކް ކުންފުނިން ވަނީ އެމެރިކާގެ އޮރަކަލްއާއި ވޯލްމާޓާއެކު އެއްބަސްވުމަކަށް އައިސްފައި ކަމަށް ޚަބަރު ލިބެއެވެ.

ވީޗެޓް މަނާ ކުރުމަށް ޓްރަމްޕްގެ ސަރުކާރުން ނެރުނު އަމުރާ ދެކޮޅަށް ކޯޓަށް މައްސަލަ ވެއްދީ، އެ އެޕްލިކޭޝަން ބޭނުން ކުރަމުންދާ މީހުންގެ ގުރޫޕަކުންނެވެ. މި ގުރޫޕާ އެއްކޮޅަށް ކޯޓުން މައްސަލަ ނިންމިއިރު، އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ބުނީ، ރިޔާސީ ގަރާރަކާ ދެކޮޅަށް މައްސަލަ ނިންމުމަކީ، ގައުމީ ސަލާމަތަށް ނުރައްކާ އޮތް މައްސަލަތަކުގައި ރިޔާސީ ބާރުން ރިއާޔަތް ކުރުމުގެ ރޫހަށް އުނިކަން ގެނުވަނިވި ކަމެއް ކަމަށެވެ.

ކަން މިހެން އޮތް ނަމަވެސް، ފަނޑިޔާރު ބީލާ ވިދާޅުވީ ޗައިނާގެ ސަބަބުން އެމެރިކާގެ ގައުމީ ސަލާމަތަށް ނުރައްކާ ވާ ކަމަށް ބުނާ މައްސަލައަކީ ވިސްނާލުން ރަނގަޅު މައްސަލައެއް ކަމަށާ، ނަމަވެސް، އެކަން ސާބިތު ކޮށްދެވޭ ވަރަށް ހެކި ލިބިފައި ނުވާ ކަމަށެވެ.

އެމެރިކާގައި ވީޗެޓް ބޭނުންކުރާ 20 މިލިއަން ޔޫޒާސް ތިބިއިރު، މީގެ ތެރޭގައި ގިނައީ ޗައިނާ އަދި ދެކުނުއިރުމަތީ އޭޝިއާ ގައުމުތަކަށް ނިސްބަތްވާ މީހުންނެވެ. އެމީހުންގެ ހުރިހާވެސް އެއްޗަކީ ވީޗެޓްއެވެ. ވީޗެޓް ބަންދުކުރުން ވާނީ އެ އާބާދީގެ ދިރިއުޅުމަށް އެޅޭ ބޮޑު ހުރަހަކަށް ކަމަށްވެސް ބުނެވެއެވެ.

ވީޗެޓަކީ ހަމައެކަނި މެސެޖު ކުރާ އެޕްލިކޭޝަނެއް ނޫނެވެ. 2011 ވަނަ އަހަރު ލޯންޗުކުރި ވީޗެޓްއަކީ މޯބައިލް ޕޭމަންޓް ހެދުމުގެ އިތުރު ސަރަހައްދީ ފެންވަރުގައި ދޫކުރާ އިތުރު ހިދުމަތްތައް ހޯދުމަށްވެސް ބޭނުން ކުރެވޭ ގޮތަށް ފަރުމާ ކޮށްފައިވާ އެޕްލިކޭޝަނެކެވެ.