އިންގްލިޝް ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓަޑް މިސީޒަންގައި ކުޅުނު ފުރަތަމަ މެޗުން 3-1 އަކުން ކްރިސްޓަލް ޕެލަސްގެ އަތުން ބަލިވެއްޖެއެވެ.
ސަޕޯޓަރުންނާ ނުލާ ޔުނައިޑެޓްގެ ދަނޑުގައި ކުޅުނު މިމެޗުގެ ފުރަތަމަ ލަނޑު ފުރަތަމަ ހާފްގެ 7 ވަނަ މިނެޓްގައި ޖަހާ ދިނީ ޕެލަސްގެ ފޯވަޑް އެންޑްރޯސް ޓައުންސެންޑެވެ.
ޕެލަސްގެ ފަރާތުން ހިތްގައިމު ކުޅުމެއް ފެނިގެން ދިޔަ މިމެޗުގެ ދެވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ ޔުނައިޓެޑަށް ކުރިން ކުޅުނު ވިލްފްރިޑް ޒަހާއެވެ. އޭނާ މި ގޯލް ކާމިޔާބުކުރީ ޕެލަސްއަށް ލިބުނު ޕެނަލްޓީއަކުންނެވެ. ޒަހާ ޕެނަލްޓީ ޖެހީ ޕެލަސްގެ އާޔޫ ޖެހި ޕެނަލްޓީ ޔުނައިޓެޑްގެ ކީޕަރު ޑިހިޔާ ސޭވް ކުރި ނަމަވެސް ޕެނަލްޓީ ޖެހުމުގެ ކުރިން ކީޕަރު ގޯލު ލައިނަށް ވުރެ ކުރިއަށް ނިކުމެ ހުރި ކަމަށް ރެފްރީ ނިންމުމުންނެވެ.
ރޭގެ މެޗުގައި ޔުނައިޑެޓްގެ ފަރާތުން އެދެވޭ ކުޅުމެއް ފެނިފައި ނުވާ އިރު މިސީޒަންގައި އަލަށް ޔުނައިޓެޑާ ގުޅުނު ޑޮނީ ވެންޑާ ބީކް ވަނީ މެޗުގެ 80 ވަނަ މިނެޓްގައި ލަނޑެއް ޖަހާފައެވެ. އެހެން ނަމަވެސް ބާކީ އޮތް 10 މިނެޓްގެ ތެރޭގައި ޔުނައިޓެޑަށް ސްކޯ އެއްވަރު ކުރެވޭނެ ކަމަށް ކުރި އުއްމީދު ނިއްވާލީ 85 ވަނަ މިނެޓްގައި ޒަހާ ޕެލަސްއަށް ކާމިޔާބުކޮށްދިން ދެވަނަ ލަނޑާއެކުއެވެ.
މެޗަށް ފަހު ޔުނައިޓެޑްގެ ކޯޗު އޮލެގުނަ ޝޮލްސްކިއާ ބުނީ ރޭގެ ކުޅުމަކީ މިިހާރުގެ ޓީމުގެ ފަރާތުން އާއްމުކޮށް ފެންނާނެ ފަދަ ކުޅުމެއް ނޫން ކަމަށާ މިއަށް ވުރެ މާރަނގަޅަށް ކުޅެވޭނެ ކަމަށް ހުރިހާ ކުޅުންތެރިން ވެސް ޤަބޫލުކުރާނެ ކަމަށެވެ.
ލީގުގައި ކުޅުނު ދެމެޗުން ވެސް މޮޅުވި ޕެލަސްގެ ކޯޗް ރޮއީ ހޮޖްސަން ބުނީ ރޭގެ މެޗުގައި ހަމަލާ އުފެއްދުމުގައި އަދި ހަމަލާ ދިފާޢުކުރުމުގައި ވެސް އޭނާގެ ޓީމުގެ ފަރާތުން ތަޢުރީފު ހައްޤު ކުޅުމެއް ފެނިގެން ދިޔަ ކަމަށެވެ.