އިންގްލިޝް ޕްރިމިއާ ލީގުގައި ރޭ ފުލަމާ ލީޑްސް ޔުނައިޑެޓް ކުޅުނު މެޗު 4-3ގެ ވާދެވެރި ސްކޯއަކުން ލީޑްސް ކާމިޔާބުކޮށްފިއެވެ.
މިސީޒަންގައި އަލަށް ޕްރޮމޯޓްވި މި ދެކްލަބް ލީގު ފެށިފަހުން ކުޅުނު ދެވަނަ މެޗުގައި ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ އިރު މެޗުގެ 5 ވަނަ މިނެޓްގައި ލީޑްސް އަށް ލީޑު ނަގައިދިނީ ހެލްޑާ ކޯސްޓާއެވެ.
އެހެން ނަމަވެސް މެޗުގެ 34 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ފުލަމް ސްކޯ 1-1 އަކަށް ހެދި އިރު މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެލެގްޒަންޑާ މިޓްރިވިޗެވެ.
ނަމަވެސް ފުރަތަމަ ހާފް ނިމުމުގެ ކުރިން ލީޑްސްއިން ވަނީ މެޗުގެ ލީޑު ދެވަނަ ފަހަރަށް ހޯދާފައެވެ. މިފަހަރު އެޓީމަށް ލިބުނު ޕެނަލްޓީއެއް ގޯލުގެ ތެރެއަށް ވައްދާލައިގެން 2-1ގެ ލީޑެއް ހޯދައިދިނީ ކިލިޗްއެވެ.
މެޗުގެ ދެވަނަ ހާފްގައި ވެސް ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ އިރު ސްކޯ 3-1 އަކަށް ހެދީ ލީޑްސްގެ ބޭމްފޯޑެވެ. 50 ވަނަ މިނެޓްގައި އޭނާ މި ލަނޑު ކާމިޔާބުކުރުމަށް ފަހު 57 ވަނަ މިނެޓްގައި ވަނީ ޓީމުގެ އެހެން ކުޅުންތެރިއަކަށް ލަނޑު ޖަހާ ދިނުމަށް ރީތި ހުރަހެއް ވެސް ކޮށްދީފައެވެ. އެލަނޑު ލީޑްސްއަށް ކާމިޔާބުކޮށް ދިނީ ކޯސްޓާއެވެ.
1-4 އަކުން މެޗު ނިމޭނެ ކަމަށް ބެލެވުނު ނަމަވެސް ފަހު 30 މިނެޓްގައި ފުލަމްއިން ކައިރި ކައިރީގައި ދެލަނޑު ޖަހާ ސްކޯ 4-3 އަކަށް ހެދިއެވެ.
މި ލަނޑުތައް ފުލަމްއަށް ކާމިޔާބުކޮށްދިނީ ޑެކޯޑޯވާ-ރީޑް އަދި މިޓްރޮވިޗެވެ.
ލީގުގެ ފުރަތަމަ މެޗުގައި މި ސްކޯލައިނުން ޗެމްޕިއަންސް ލިވަޕޫލް އަތުން ބަލިވި ލީޑްސްގެ ކޯޗް މާސެލޯ ބިލްސާ ބުނީ ކޮންމެ މެޗެއްގައި ތިން ލަނޑު ހަތަރު ލަނޑު ޖެހުމަކީ ފަސޭހަ ކަމެއް ނޫން ކަމަށާ މުޅި ސީޒަންގައި އެއްކޮށް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި މިހާތަނަށް ކުޅުނު ދެ މަޗަކީ ވެސް ތަފާތު ދެމެޗު ކަމަށާ ގިނަ ފިލާވަޅުތަކެއް ލިބިގެން ދިޔަ ދެ މެޗު ކަމަށް ވެސް އޭނާ ބުންޏެވެ.
ސީޒަންގައި ކުޅުނު ދެމެޗުން ވެސް ބަލިވެފައިވާ ފުލަމްގެ ކޯޗް ސްކޮޓް ޕާކާ ބުނީ ރޭގެ މެޗުގައި ޓީމުގެ ފަރާތުން ފެނުނު ހިތްވަރާ މެދު އުފާވާ ކަމަށާ 4-1 އަކުން ބަލިވަމުން ދިޔަ ނަމަވެސް ކަރުއެލުވާނުލާ 4-3 އަކަށް ސްކޯ ހެދުމަކީ ފަސޭހަ ކަމެއް ނޫން ކަމަށެވެ. އެހެން ނަމަވެސް ބައިކޮޅަށް ވަދެފައިވާ ގޯލްތަކާ މެދު ހިތް ހަމަނުޖެހޭ ކަމަށާ މި ފެންވަރުގައި ކުޅޭ އިރު މެޗެއްގައި ހަތަރު ލަނޑު ފަސް ލަނޑު ޖަހައިގެން މޮޅުވާން ޖެހިގެން ނުވާނެ ކަމަށެވެ.