އެމެރިކާގެ ސުޕްރީމް ކޯޓުގެ ބެންޗުން ޖާގަ ކަށަވަރުކުރެއްވި 2 ވަނަ އަންހެން ފަނޑިޔާރުގެ ޝަރަފު ހޯއްދެވި ރޫތު ބާޑާ ގިންސްބާގް ފުރުއްވި ގޮނޑިކޮޅަށް އާ ފަނޑިޔާރަކު އައްޔަން ކުރަންވާނީ، ކުރިއަށް އޮތް އިންތިހާބުގައި ރައްޔިތުން ކަނޑައަޅާ ރައީސަކު ކަމަށް، އެމެރިކާގެ ކުރީގެ ނައިބު ރައީސް އަދި ޑިމޮކްރަޓިކް ރިޔާސީ ކެންޑިޑޭޓު ޖޯ ބައިޑަން ވިދާޅުވެއްޖެއެވެ.

ބައިޑަން މިހެން ވިދާޅުވީ، އެމެރިކާގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ގިންސްބާގް، 87، ކެންސަރު ބަލީގައި ނިޔާވުމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.

ފަނޑިޔާރު ގިންސްބާގްއަކީ އެމެރިކާގައި މިނިވަން ކަމަށް ވަކާލާތު ކުރަމުންދާ އެންމެންވެސް ލީޑަރެއްގެ ގޮތުގައި ބަލާ ޝަހްސެކެވެ. އަންހެނުންގެ ހައްގުތަކަށް ވަކާލާތު ކުރެއްވުމުގައިވެސް، ފަނޑިޔާރު ގިންސްބާގް ވަނީ ގިނަ ބައެއްގެ ސަމާލުކަން ހޯދާފައެވެ.

ފަނޑިޔާރު ގިންސްބާގްއަކީ އެމެރިކާގެ އެންމެ މަތީ ކޯޓު ކަމަށްވާ ސުޕްރީމް ކޯޓުގައި މިހާތަނަށް އެންމެ ގިނަ ދުވަހު ހިދުމަތް ކުރެއްވި ފަނޑިޔާރުވެސްމެއެވެ. ގިންސްބާގް ވަނީ އެމެރިކާގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި 27 އަހަރު ހިދުމަތް ކުރައްވާފައެވެ.

ގިންސްބާގް ވަނީ 5 ފަހަރެއްގެ މަތިން ކެންސަރު ބަލީގެ ވޭން އުފުއްލަވާފައެވެ. އެންމެ ފަހުން ކެންސަރަށް ފަރުވާ ކުރައްވަން ފެއްޓެވީ މިއަހަރުގެ ކުރީކޮޅުގައެވެ. ނިޔާވެދިޔައީވެސް ބައްޔަށް ފުރިހަމަ ފަރުވާ ލިބިވަޑައިނުގަނެއެވެ.

އެމެރިކާގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ދައުރަކީ އުމުރު ދުވަހުގެ ދައުރެކެވެ. އަމިއްލައަށް އިސްތިއުފާ ދިނުންވެސް އޮވެއެވެ. ފަނޑިޔާރު ގިންސްބާގްގެ ބަދަލުގައި އެ ގޮނޑޮކޮޅަށް އައްޔަން ކުރެވޭނެ ފަނޑިޔާރަކާ މެދު އެމެރިކާގައި އޮތީ ކަންބޮޑުވުން އުފެދިފައެވެ.

އެމެރިކާގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ޑޮނާލްޑް ޓްރަމްޕް ވަނީ ސުޕްރީމް ކޯޓަށް 2 ފަނޑިޔާރަކު އައްޔަން ކުރައްވާފައެވެ. ސުޕްރީމް ކޯޓުގެ މައްސަލަތައް އަގުލަބިއްޔަތުން ނިންމާލަނީ ޓްރަމްޕްގެ ފިކުރާ އެއްގޮތަށް ކަމަށްވެސް ބުނެވިދާނެއެވެ. ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު އެމެރިކާގައި ކުރިއަށް ގެންދާ ރިޔާސީ އިންތިހާބުގެ ކުރިން ފަނޑިޔާރުންގެ ބެންޗަށް އާ ބޭފުޅަކު އައްޔަން ކުރެއްވުމަށް ޓްރަމްޕް މަސައްކަތްޕުޅު ކުރައްވާނެ ކަމަށް ބެލެވެއެވެ.