އެންމެ ފަހު ވަގުތުގައިވެސް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް އެއްބަސްވުމަކަށް ރުހިވަޑައިނުގެންފި ނަމަ، މަޝްހޫރު ޓިކްޓޮކްއާއި ވީޗެޓް އެޕްލިކޭޝަން، އެމެރިކާގެ އެޕް ސްޓޯތަކުން ލިބޭން ހުންނާނެ ސުންގަޑި ހަމަވާން ވަގުތު ކުޑަތަން ވެއްޖެއެވެ.
ފަހު މިނެޓްގެ އެއްބަސްވުމަކަށް ޓްރަމަޕް ރުހުން ނުދެއްވައިފިނަމަ އަންނަ އާދީއްތަ ދުވަހުން ފަށައިގެން އެމެރިކާގެ އެޕް ސްޓޯތަކުން ޓިކްޓޮކްއާއި ވީޗެޓް އެޕްލިކޭޝަނެއް ނުލިބޭނެއެވެ. އެމެރިކާގެ ޑިޕާޓްމަންޓް އޮފް ކޮމާސްއިން ވަނީ އެއްވެސް ޕްލެޓްފޯމެއް މެދުވެރިކޮށް އެމެރިކާގައި އެޕްލިކޭޝަންތައް ޑައުންލޯޑް ނުކުރެވޭ ގޮތް ހަދާނެ ކަމުގެ އިންޒާރު ދީފައެވެ.
ޓްރަމްޕްގެ ސަރުކާރުން ތުހުމަތު ކުރާ ގޮތުގައި ޗައިނާގެ އެޕްތަކަކީ، އެމެރިކާގެ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެކެވެ. އެމެރިކާއިން ތުހުމަތު ކުރާ ގޮތުގައި މި އެޕްތައް މެދުވެރިކޮށް، ޗައިނާގެ ސަރުކާރަށް ޒާތީ މައުލޫމާތު ފޯރުކޮށްދެއެވެ. ނަމަވެސް ޗައިނާގެ ކުންފުނިތަކުން ވަނީ އެމެރިކާގެ ތުހުމަތުތަކަށް އިންކާރު ކޮށްފައެވެ.
އެއްބަސްވުމަކަށް ނާދެވިއްޖެނަމަ، އާދީއްތަ ދުވަހުން ފަށައިގެން އެމެރިކާގައި ދެން އެއްވެސް ގޮތަކަށް ވީޗެޓް އެޕްލިކޭޝަން ބޭނުމެއް ނުކުރެވޭނެއެވެ. ޓިކްޓޮކް ޑައުންލޯޑް ކުރުންވެސް އާދީއްތަ ދުވަހު ހުއްޓުމަކަށް ގެނައި ކަމުގައި ވީ ނަމަވެސް، ނޮވެމްބަރު މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް އެޕްލިކޭޝަން ބޭނުން ކުރެވޭނެ ކަމަށް ޚަބަރު ލިބެއެވެ.
ޓިކްޓޮކް ކުންފުނިން ބުނީ އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ނެރުއްވާފައިވާ ގަރަރަކީ އެކަށީގެންވާ އިޖުރާއަތުތައް ފުރިހަމަ ކުރެއްވުމަކާ ނުލާ ތަންފީޒު ކުރެއްވި ގަރާރެއް ކަމަށާ، މިއީ އެމެރިކާގެ އާންމު ރައްޔިތުންނާ ކުދި ވިޔަފާރިތަކުގެ އަޑު އިއްވާލަން އޮތް ޕްލެޓްފޯމަކަށް ހުރަސް އަޅަނިވި ކަމެއް ކަމަށެވެ.
ވީޗެޓްގެ ބެލެނިވެރި ޓެންސެންޓް ކުންފުނިން ބުނީ މިއީ ވަރަށް ދެރަކޮށް ހިނގާ ކަމެއް ކަމަށާ، ދިގު މުއްދަތުގެ ހައްލެއް ހޯދުމަށް އެމެރިކާގެ ސަރުކާރާއެކު މަޝްވަރާތައް ކުރިއަށް ގެންދާނެ ކަމަށެވެ.
ގައުމީ ސަލާމަތަށް ނުރައްކާ ވާ ކަމަށް ވިދާޅުވެ، ޗައިނާގެ ގިނަ އެޕްލިކޭޝަންތައް ބަންދު ކުރުމަށް އެމެރިކާގެ ރައީސް އަމާޒު ހިއްޕަވާފައިވާ މި ވަގުތަކީ، ދުނިޔޭގެ ސުޕާޕަވާގެ މަގާމަށް އަތްގަދަ ކުރަމުން އަންނަ ޗައިނާއާއި އެމެރިކާއާ ދެމެދު ވިޔަފާރީގެ ހަނގުރާމައެއް ފެށި، މަސްރަހު ނުތަނަވަސްވެފައިވާ ވަގުތެކެވެ.