ވޭތުވެދިޔަ 24 ގަޑިއިރު ތެރޭ ރާއްޖެއިން އިތުރު 74 މީހަކު ކޮވިޑް-19އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭން ބުނީ މިއަދު ޕޮޒިޓިވް ވެފައިވާ 74 މީހުންގެ ތެރޭގައި ހިމެނެނީ 37 ދިވެހިންނާއި 37 ބިދޭސީން ކަމަށެވެ. އެއީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 70 މީހަކާއި އަތޮޅު ތެރެއިން ޕޮޒިޓިވްވި 4 މީހެކެވެ. އެއާއެކު ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 9568 އަށް އަރާފައެވެ.

މިއަދު އިތުރު 44 މީހަކު ބަލިން ރަނގަޅުވެފައި ވާއިރު، ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު ވަނީ 8077 އަށް އަރާފައެވެ.

އެކްޓިވް ކޭސްގެ ގޮތުގައި ޖުމްލަ 1452 ކޭސް ހުރިއިރު، ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާ ދެމުންދާ މީހުންގެ އަދަދު ވަނީ 106 އަށް އަރާފައެވެ. އައިސޮލޭޝަން ފެސިލިޓީގައި 642 މީހަކު އެބަތިއްބެވެ.

މި ބައްޔަށް ޕޮޒިޓިވްވި 9568 މީހުންގެ ތެރެއިން 33 މީހަކު ވަނީ ނިޔާވެފައެވެ. އޭގެ ތެރޭގައި ގިނައީ އުމުރުން ދުވަސްވީ މީހުންނެވެ. ރާއްޖެއިން ކޮވިޑް ޖެހި މަރުވި މީހުންގެ ތެރޭގައި ހިމެނެނީ 27 ދިވެހިންނާއި 6 ބިދޭސީންނެވެ.

މިވަގުތު އެކްޓިވް ކޭސްގެ މާލޭ ސަރަޙައްދުގެ އިތުރުން ރާއްޖޭގެ މީހުން ދިރިއުޅޭ 21 ރަށަކުންނާއި، 27 ރިސޯޓަކުން ފެނިފައިވެއެވެ. އޭގެ ތެރޭގައި ޕޮޒިޓިވްވެފައިވާ 18 ފަތުރުވެރިއަކާއި، 39 ރިސޯޓް މުއައްޒަފުން ހިމެނެއެވެ.

މިވަގުތު އަތޮޅުތަކުގައި 34 ދިވެއްސަކަށާއި، 14 ބިދޭސީންނަށް ބަލި ޖެހި ފަރުވާދެމުންދާއިރު، މޮނީޓަރިންގެ ހާލަތުގައި އޮތީ ގދ. ހޯނޑެއްދޫއާއި، ގދ. މަޑަވެލިއެވެ.