ހުޅުމާލޭ ފްލެޓް ކައިރީ ޕާކްކޮށްފައި ހުއްޓާ ސައިލަުގައި ސްޓިކާ ޖެހާފައި ވަނީ އެއީ އެންމެން ބޭނުން ކުރަން އޮންނަ ތަނަކަށް ވުމުން ކަމަށް ފުލުހުން ބުނެފިއެވެ.

ސޯޝަލް މީޑިއާގައި ދައުރުވި ވީޑިއޯއަކާ ގުޅިގެން ފުލުހުން ބުނީ އެ ވީޑިއޯއިން ފެނިގެން ދަނީ ހުޅުމާލެ ހައުސިން ފްލެޓެއްގެ ސިޑި ކައިރީގައި އަރާފައިބާ މީހުންނަށް ދަތިވާގޮތަށް ބަހައްޓާފައިވާ ސައިކަލަކަށް ވާތީ ފުލުހަކު ސްޓިކާ ޖަހާ މަންޒަރު ކަމަށެވެ.

އެގޮތުން އެއީ ވަކި އެޕާޓްމަންޓަކަށް ނިސްބަތް ނުވާ ގޮތަށް އެ ބިލްޑިންގެ އެންމެން ބޭނުން ކުރަން އޮންނަ ތަނެއް ކަމަށާއި އެތަނުގައި ޕާކު ކުރުމަކީ މަނާ ކަމެއް ކަމަށް އެޗްޑީސީން އޮންނާނީ އެތަނުގައި އުޅޭ މީހުންނަށް އަންގާފައި ކަމަށެވެ.

ހުރިހާ ފްލެޓެއްގައި އުޅޭ މީހުންނަށް ވެސް އެތަނުގައި ޕާކު ނުކުރުމަށް އަންގާފައި ވާނެ ކަމަށާއި އެއީ ފްލެޓަށް ވަންނަން އޮންނަ ވޯކްވޭއެއް ކަމުން، އެތަނުގެ ތިރީ ފްލެޓް ބޭނުން ކުރާ މީހުން ޕާކުކޮށް އެއްޗެހި ބެހެއްޓުމުން މަތީ ފްލެޓުތަކަށް އަރާއި ފައިބާ މީހުންނަށް ދަތިވާ ކަމަށަވެސް ފުލުހުން ބުނެއެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ އެ ވީޑިއޯ އިން ފެނިގެންދަނީ ޓްރެފިކް ދެ ފުލުހަކު ފްލެޓެއްގެ ސިނޑި ކައިރީ ޕާކްކޮށްފައި ހުރި ސައިކަލެއްގައި ސްޓިކާ ޖަހާ މަންޒަރެވެ. އެކަމާ ގުޅިގެން ގިނަ ބަޔަކު ދަނީ އެކަމަކީ ސްޓިކާ ޖަހައިގެން ފައިސާ ހޯދަން ފުލުހުން ކުރާ ކަމެއް ކަމަށް ބުނެ ފާޑުކިޔަމުންނެވެ.