ދާހިލީ ކަންކަމުގެ ތެރެއަށް ޗައިނާއިން އަސްކަރީ ނުފޫޒު ފޯރުވަމުން ދާ ކަމަށާ، "ހަގީގީ ހަނގުރާމައަކަށް" ފުރުސަތު އެބައޮތް ކަމަށް ވިދާޅުވެ، ޓައިވާންގެ ހާރިޖީ ވަޒީރު ޖޯސެފް ވޫ، ގައުމު ދިފާއު ކުރެއްވުމުގެ ނަމުގައި، ބައިނަލްއަގުވާމީ މުޖުތަމައުގެ އެހީތެރިކަމަށް އެދިވަޑައިގެންފިއެވެ.

ޓައިވާންގެ ދިފާއީ ވުޒާރާއިން ވަނީ، ބުދަ ދުވަހުގެ ވަގުތެއްގައި، ޗައިނާގެ އެންޓި-ސަބްމެރިން އެއާކްރާފްޓެއް، ޓައިވާންގެ އެއާ ޑިފެންސް އައިޑީ ޒޯނުގައި ހަރަކާތްތެރިވި ކަމަށާ، އެ ސަރަހައްދު ދޫކޮށް ދިއުމަށް އެ ފްލީޓަށް ޓައިވާންގެ ވައިގެ އަސްކަރިއްޔާއިން އަންގާފައި ވާނެ ކަން ހާމަކޮށްފައެވެ.

ޓައިވާންއިން މިފަދަ ރޫހެއްގައި ވާހަކަދައްކާފައިވާ މި ދަނޑިވަޅަކީ އެމެރިކާގެ އިސް އޮފިޝަލަކު އެ ގައުމަށް ޒިޔާރަތް ކުރައްވާ ދަނޑިވަޅެކެވެ. އެމެރިކާގެ މަގުސަދަކީ، ވިހާވެސް ގިނަ އަދަދެއްގެ ދިފާއީ ހަތިޔާރު ޓައިވާންއަށް ވިއްކާލުން ކަމަށް ޚަބަރު ލިބެއެވެ.

ޓައިވާންއަކީ ހަގީގަތުގައި ރިޕަބްލިކް އޮފް ޗައިނާއެވެ. ނަމަވެސް، 1950 ވަނަ އަހަރުން ފަށައިގެން ޓައިވާން ދެމި އޮންނަނީ މިނިވަން ޖަޒީރާއެއްގެ ގޮތުގައެވެ. ކަން މިހެން އޮތްއިރު، ޗައިނާއިން ބުނާ ގޮތުގައި ޓައިވާންއަކީ ޗައިނާގެ ދަށުގައި އޮންނަންޖެހޭ، އެގައުމުގެ ބައެކެވެ. އަދި ގަދަ ބާރުންވިއަސް، ޗައިނާގެ މައި ސަރުކާރުގެ ކޮންޓްރޯލްގެ ދަށަށް ޓައިވާން ގެންދިއުމަށް ޗައިނާގެ ކޮމިއުނިސްޓް ސަރުކާރު އޮންނަނީ ތައްޔާރަށެވެ.