މިހާތަނަށް އަދި ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ޖެހިގެން ވިލާތު ބައްރުގެ ބައެއް ގައުމުތަކުން ހޮސްޕިޓަލުގައި އެޑްމިޓްކުރާ ޕޭޝަންޓުންނާއި، އިންޓެންސިވް ކެއާ ޔުނިޓްގައި ފަރުވާ ދޭންޖެހޭ ޕޭޝަންޓުންގެ އަދަދު، ކަންބޮޑުވާ ދަރަޖައަކަށް އިތުރު ވަމުން އަންނަ ކަމަށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ގެ ހެލްތް އެމާޖެންސީސް ޕްރޮގްރާމް ކޮވިޑް-19ގެ ފަންނީ އިސްވެރިޔާ މާރިއާ ވެން ކެރްކޯވް ވިދާޅުވެއްޖެއެވެ.

އިންފެކްޝަސް ޑިޒީޒް އެޕިޑެމިއޮލޮޖިސްޓް ވެން ކެރްކޯވް ވިދާޅުވީ ފްލޫ ސީޒަން ނުވަތަ މޫސުމީ ރޯގާގެ ދުވަސްވަރާ ހިސާބަށް އަދި ނުދެވޭ ކަމަށާ، ނަމަވެސް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދޭންޖެހޭ މީހުންނާއި، އައިސީޔޫއަށް ލާންޖެހޭ މީހުންގެ އަދަދު އިތުރު ވުމަކީ ހޮސްޕިޓަލިތަކަށް ބާރު ބޮޑުވެދާނެ ކަމުގެ ބިރު އުފައްދަނިވި ކަމެއް ކަމަށެވެ.

ކޮވިޑް-19ގެ ފުރަތަމަ ރާޅާއެކު އިއުލާންކުރި ހަރުކަށި ފިޔަވަޅުތަކަށް ލުއިދީ، އާބާދީތައް އަލުން ހުޅުވާލަން ފެށުމާއެކު އަނެއްކާވެސް ކޭސް ނަމްބަރު އިތުރުވާން ފަށާފައި ވާކަމަށާ، ޅަ އަމުރުގެ ޒުވާނުންގެ މެދުގައިވެސް އިންތިހާއަށް ބަލިމަޑުކަން ފެތުރެމުން އަންނަ ކަމަށް ޑަބްލިއުއެޗްއޯގެ އޮފިޝަލު ވިދާޅުވިއެވެ.

ވެން ކެރްކޯވް ވިދާލުވީ އިނގިރޭސިވިލާތުގައި ހޮސްޕިޓަލުތަކުގައި އެޑްމިޓް ކޮށްގެން ފަރުވާ ދޭންޖެހޭ މީހުންގެ އަދަދު ކޮންމެ 8 ދުވަހަކުން 2 ގުނަ އިތުރުވަމުން އަންނަ ކަމަށާ، ފަރަންސޭސިވިލާތުގެ ބައެއް ސަރަހައްދުތަކުގައި އައިސީޔޫތައް ފުރުމާ ގާތްވެފައި ވާ ކަމަށެވެ.

ހޮސްޕިޓަލުގެ އެނދުތައް ފުރުމަކީ، ނޭވާލާ ނިޒާމުގެ އެހެން ބަލިތަކަށް ފަރުވާ ދިނުމުގައި، ސިއްހީ ނިޒާމަށް ގޮންޖެހުންތަކެއް ކުރުމަތި ކުރުވާނެ ކަމެއް ކަމަށް ވެން ކެރްކޯވް ވިދާޅުވިއެވެ. މިއާއެކު އޭނާ ވަނީ މޫސުމީ ރޯގާއިން ދިފާއުވުމަށް، ފްލޫ ޝޮޓްސް ޖެހުމަށް އިލްތިމާސް ކުރައްވާފައެވެ.

މިފަދަ ރޫހެއްގައި ވެން ކެރްކޯވް ފާހަގަ ދައްކަވާފައި ވާއިރު، ވިލާތުގައި ކޭސް އިތުރު ވަމުން އަންނަކަން ފާހަގަކޮށް، ޑަބްލިއުއެޗްއޯއިން އިއްޔެވެސް ވަނީ އިންޒާރުގެ ރޫހެއްގައި ވާހަކަދައްކާފައެވެ.