ތާރީހު ނުދެކޭ ފަދަ ބަލިމަޑުކަމެއް ދުނިޔެއަށް ކުރިމަތިވެފައިވާ މިދަނޑިވަޅުގައި، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ކާރިސާގައި އެންމެ އަނިޔާއެއް ތަހައްމަލު ކުރަން ޖެހިފައިވާ ބަޔަކީ އަންހެނުންނާ އަންހެން ކުދިން ކަމަށް އދގެ އޮފިޝަލަކު ވިދާޅުވެއްޖެއެވެ.
ޖިންސީ އަދި ދަރިމައިވުމުގެ ނިޒާމާ ގުޅުންހުރި ސިއްހީ ހިދުމަތްތަކަށް ބުރޫ އެރުމާ، އާމްދަނީގެ މަގުތަކަށް ހުރަސްތަކެއް ކުރިމަތިވުމާ، ފްރަންޓްލައިން މަސައްކަތްތެރިންނަށް ކުރިމަތިލާންޖެހިފައިވާ ޕްރެޝަރުގެ އިތުރުން ޖިސްމާނީ އަނިޔާގެ މިންވަރު އިތުރުވަމުންދާއިރު، ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި އެތައް މިލިއަން އަންހެނުންނާއި އަންހެން ކުދިންނަކަށް މި ތަކުލީފުތައް އުފުލަން ޖެހިފައިވާނެ ކަމަށް އދއިން ލަފާކުރެއެވެ.
ޔޫއެން ފައުންޑޭޝަނުން ކުރިއަށް ގެންދިޔަ ވާޗުއަލް ބައްދަލުވުމެއްގައި ނޫސްވެރިންނާ މުހާތަބުކުރައްވާ ވާހަކަ ދައްކަވަމުން އދގެ އާބާދީއާއި ބެހޭ މަޝްރޫއުގެ އެގްޒެކެޓިވް ޑައިރެކްޓާ ޑރ ނެޓާލިއާ ކާނެމް ވިދާޅުވީ، އަންހެނުން ބާރުވެރި ކުރުވުމަށް މިހާތަނަށް ހާސިލުކުރެވުނު ކުރިއެރުންތައް "އަނެއް ކޮޅަށް" އެނބުރި ދިއުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ.
ކޮވިޑް-19ގެ ބަލިމަޑުކަން ފެށުނުތާ ކުރީކޮޅު އދގެ އާބާދީއާއި ބެހޭ މަޝްރޫއުއިން ލަފާކުރި ގޮތުގައި، އާއިލާ ރޭވުމާ ގުޅުންހުރި ހިދުމަތްތަކަށް ބުރޫ އަރާ، އެގޮތުގައި 6 މަހެއްހާ ދުވަސް ފާއިތުވެއްޖެނަމަ، ދޭތެރެ ދުރުކުރާ ޒަމާނީ ވަސީލަތްތައް ހޯދުމަށް، ތަރައްގީ ވަމުން އަންނަ ގައުމުތަކުގައި ދިރިއުޅޭ އަންހެނުންގެ ތެރެއިން 47 މީހަކަށް ހުރަސް އެޅޭނެއެވެ. މިއާއެކު، "ބޭނުން ނުވެ ބަލިވެ އިންނަ" 7 މިލިއަން ކޭހެއް ފެންމަތިވާނެ ކަން، ޑރ ކާނެމް ވަނީ ފާހަގަކުރައްވާފައެވެ.
ކޮވިޑް-19އާއެކު ހުއްޓުމަކަށް އައި އެއް ހިދުމަކީ، އަނިޔާ ލިބޭ އަންހެނުންނަށް ހިމާޔަތް ދިނުމަށް ގާއިމުކޮށްފައިވާ ބައެއް މަރުކަޒުތަކުން ދެމުން ދިޔަ ހިދުމަތްތަކެވެ. ކޮވިޑް-19ގެ ބަލިމަޑުކަމުގައި ހޭދަވި ފުރަތަމަ 6 މަސްދުވަހަށް ބަލާއިރު، އަންހެނުންނާ އަންހެން ކުދިންނަށް ކުރާ އަނިޔާގެ 31 މިލިއަން އިތުރު ކޭސް ހިނގާފައި ވާނެ ކަމަށް ޔޫއެންއެޕީއޭއިން ވަނީ ލަފާކޮށްފައެވެ. ޑރ ކާނެމް ވިދާޅުވި ގޮތުގައި މިމުއްދަތުގައި ފިރިހެން ގާތިލެއްގެ ސަބަބުން މަރުވި އަންހެނުންނާ އަންހެން ކުދިންގެ އަދަދުވެސް ވަނީ އިތުރުވެފައެވެ. ބައެއް ގައުމުތަކުގައި މިއަދަދު 2 ގުނަ އުފުލުނު ކަންވެސް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.
ޖިންސުގެ ފަރަގުން ކުރިމަތިލާންޖެހޭ މިފަދަ އަނިޔާތަކަކީ ބަލިމަޑުކަމުގެ ތެރެއިން އުފެދިފައިވާ އިތުރު ކާރިސާއެއް ކަމުގައި ޑރ ކާނެމް ވަނީ ސިފަކުރައްވާފައެވެ. މީގެ ކުރިން ލަފާކޮށްފައިވާ އޮތް މަންޒަރު، ގިނަ ސަރަހައްދުތަކެއްގައި ހަގީގަތަކަށް ވަމުން އަންނަ ކަމަށްވެސް ޑރ ކާނެމް ވަނީ ފާހަގަކުރައްވާފައެވެ.