ބޮއިންގް 737 މެކްސް މޮޑެލްގެ މަތިންދާބޯޓުތަކެއް ވެއްޓިގެން މިފަހުގެ ތާރީހުގައި ހިނގި ނުރައްކާތެރި ހާދިސާތަކުގެ ފަހަތުގައި އޮތް އެއް ސަބަބަކީ، ފަންނީ ތަފްސީލުތައް ހިއްސާކުރުމަށް ބޮއިންގް ކުންފުނިން ފަސްޖެހޭ ފަސްޖެހުން ކަމަށް، އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުން ކުރިއަށް ގެންދިޔަ ތަހުގީގަށް ހާމަވެއްޖެއެވެ.
ގިނަ ބައެއްގެ ފުރާނަ ގެއްލިދިޔަ ހިތާމަވެރި ހާދިސާތައް ހިނގާފައިވަނީ ބޮއިންގް ކުންފުނީގައި އޮތް "މައުލޫމާތު ސިއްރުކުރުމުގެ ސަގާފަތުގެ" ސަބަބުން ކަމަށާ، މީގެ އިތުރުން ރެގިއުލޭޓަރީ ނިޒާމުގެ އަސާސްގައިވެސް މައްސަލަތަކެއް ހުރި ކަމަށް މި ތަހުގީގުތަކުން ތުހުމަތު ކުރެއެވެ.
ބޮއންގް ކުންފުނިން ބުނީ ހިނގާދިޔަ ހިތްދަތި ހާދިސާތަކުން "ބޮޑެތި ފިލާވަޅުތަކެއް" ދަސްވެއްޖެ ކަމަށެވެ. ނަމަވެސް ބޮއިންގް ކުންފުންޏާއި ރެގިއުލޭޓަރު (ފެޑަރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަން – އެފްއޭއޭ) އިން އަދިވެސް ދަނީ މައުލޫމާތު ސިއްރު ކުރަމުން ކަމަށް، ހާދިސާގައި ގެއްލުން ކުރިމަތިވި އާއިލާތަކުން ތުހުމަތު ކުރެއެވެ.
ގާނޫނު ހަދާ މަޖިލީހުން ކުރިއަށް ގެންދިޔަ 18 މަސްދުވަހުގެ ތަހުގީގުތައް ނިންމާލަމުން ބުނެފައިވަނީ، މެކްސް މޮޑެލްގެ ބޯޓުތައް ފަރުމާ ކުރުމާއި ތަރައްގީ ކުރުމުގައި ބޮއިންގް ކުންފުނި ފެއިލްވެފައި ވާ ކަމަށާ، ބޮއިންގް ކުންފުނީގެ ކަންކަން ވިލަރެސްކޮށް، އެއާކްރާފްޓަށް ސެޓިފިކޭޝަން ދޫކުރުމުގައި އެފްއޭއޭވެސް ފެއިލްވެފައި ވާ ކަމަށެވެ.
250 އަށް ސޮފުހާގެ ތަހުގީގު ރިޕޯޓް ބުނާ ގޮތުގައި، ބޮއިންގް ބޯޓުގެ ޑިޒައިންގައި މައްސަލަތަކެއް އެބަހުއްޓެވެ. މީގެ އިތުރުން، ބޮއިންގް ކުންފުންޏާއި އެފްއޭއޭއާއި ދެމެދު އޮތް "ގާތްކަމެއް"ގެ ސަބަބުން އެކަންކަން ބެލުމަށް ރެގިއުލޭޓަރު ވަނީ ފެއިލްވެފައެވެ. ފަންނީ ގޮތުން ކަންކަން ލަފާކުރުމުގައި ބޮއިންގްގެ އިންޖިނޭރުން ފެއިލްވެފައި ވާ ކަމަށާ، ކަންކަން ހާމަކުރުމަށް ބޮއިންގްގެ މެނޭޖްމަންޓްވެސް ފެއިލްވެފައި ވާކަމަށް މި ރިޕޯޓްގައިވެއެވެ. އަދި މިކަންކަން ބެލުމަށް އެފްއޭއޭ ފެއިލްވި ކަމަށްވެސް ބުނެފައިވެއެވެ.
ޚަރަދު ކުޑަކުރުމުގެ ފަލްސަފާގެ ސަބަބުން، ވައިގެމަގުން ދަތުރުކުރާ އާންމުންނަށް އޮތް ސަލާމަތްތެރިކަން ގެއްލިދިޔަ ކަމަށް ތަހުގީގު ރިޕޯޓްގައިވެއެވެ.
އިންޑޮނޭޝިއާއާއި އިތިއޮޕިއާއަށް ބޮއިންގް މަރުކާގެ މަތިންދާބޯޓުތަކެއް ވެއްޓި، 346 މީހެއްގެ ފުރާނަ ގެއްލިދިޔަ ހިތާމަވެރި ހާދިސާތަކަށްފަހު، 2019 ވަނަ އަހަރުގެ މާޗް މަހުން ފެށިގެން ބޮއިންގް 737 މެކްސް މޮޑެލްގެ ބޯޓުތައް ވަނީ ގްރައުންޑް ކޮށްފައެވެ.