ރާއްޖެއިން ބޭރުގައި ތިބި ދިވެހިންނަށް ސަރުކާރުން ވޭން ޖައްސާ ކަމަށް ބުނެ އިދިކޮޅު ސިޔާސީ ޕާޓީން ސަރުކާރަށް ފާޑު ކިޔައިފިއެވެ. އިދިކޮޅުން ނެރެފައިވާ ބަޔާނެއްގައި ބުނީ އެކަމުގެ ބަދަލު ދެން އަންނަ ރިޔާސީ އިންތިހާބުގައި ރައްޔިތުންގެ ފަރާތުން ފެންނާ ކަމަށެވެ.

އިދިކޮޅުން މި ބަޔާން ނެރުނީ، ބޭންކް އޮފް މޯލްޑިވްސްގެ ޑެބިޓް އަދު ކްރެޑިޓް ކާޑުން ކުރެވޭ ޑޮލަރުގެ މުއާމަލާތް ލިމިޓް ކުރުމާ ގުޅިގެންނެވެ. އިދިކޮޅުން ބުނީ، ސަރުކާރުން ބާރު އަޅައިގެން ބޭންކުން ނިންމި އެ ނިންމުގެ ސަބަބުން ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހި އާއިލާތައް ނިކަމެތިވާނެ ކަމަށާއި އެއީ އަނިޔާވެރި މާލީ ސިޔާސަތުތެއް ކަމަށެވެ. އަދި އެފަދަ ސިޔާސަތުތައް ހުއްޓާލުމަށް އިދިކޮޅުން ސަރުކާރަށް ވަނީ ގޮވާލައިފައެވެ.

ސަރުކާރުގެ އިހުމާލާއި ފަސާދަ އަދި ނާގާބިލުކަމުގެ ސަބަބުން، އިގްތިސޯދު ހީނަރުވަމުން ދާ ކަމަށާއި، ރާއްޖޭގައި ހުރި ބޭރު ފައިސާގެ ރިޒާވް ބޮޑުތަނުން ދަށްވެ، ޑޮލަރުގެ އަގު އިންތިހާއަށް އުފުލެމުން ދަނީ މާލީ ސިޔާސަތުތައް ތަންފީޒު ކުރުމުގައި ސަރުކާރުގައި ގާބިލުކަން ނެތުމުން ކަމަށް ބުނެވެސް އިދިކޮޅުން ވަނީ ފާޑުކިޔާފައެވެ.

ސަރުކާރުގެ ހަރަދުތައް ކުޑަކުރުމުގެ ބަދަލުގައި، ތައުލީމީ ފެންވަރެއް އަދި އުރަތްޕެއް ނެތް، އެމްޑީޕީ އެކްޓިވިސްޓުންނަށް، ބޮޑެތި މުސާރަތައް ދީގެން ކުރަނީ ބޭކާރު ހަރަދު ކަމަށާއި، ރައްޔިތުންނަށް ލިބެމުން ދާ އަނިޔާއާއި ވޭނުގެ ނަތީޖާއަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމުން ބާލާ ވަގުތު ކައިރިވުން ކަމަށް ވެސް އިދިކޮޅުން ބުނެއެވެ.

އެ ބަޔާނުގައި އިތުރަށް ބުނީ ޖުޑިޝަރީ މިނިވަންވާ ދުވަހަކުން، ރައްޔިތުންނަށް އަނިޔާވެރިވާ މި ސަރުކާރު ފަދަ ހުރިހާ ފަރާތްތަކާ ގާނޫނު އަރާ ހަމަކުރާނެ ކަމަށާއި އެފަދަ އެންމެހާ ފަރާތްތައް ދިގު މުއްދަތަށް ޖަލަށް ދާން ޖެހޭނެކަން ކަމަށެވެ.