ގިނަ އަދަދެއްގެ ތެޔޮ ބަރުކޮށްގެން ކުވައިތުން ފުރައިގެން އަވަށްޓެރި ސްރީލަންކާގެ ކަނޑުގެ ސަރަހައްދުން ދަތުރުކުރަމުންދަނިކޮށް މައި އިންޖީންރޫމްގެ ބޮއިލަރެއް ގޮވާ އަލިފާން ރޯވެ، ހާލުގައި ޖެހިފައިވާ ޕެނަމާގެ "ނިއު ޑައިމަންޑް" ގެ ކެޕްޓަނާ ދެކޮޅަށް ދައުވާ ކުރުމަށް ސްރީލަންކާގެ ކަމާބެހޭ ފަރާތްތަކުން ނިންމައިފިއެވެ.

ހަފުތާއަކަށްވުރެ ގިނަ ދުވަހަށް އަލިފާން ރޯވެފައި އޮތް މި ބޯޓުގެ ކެޕްޓަނާ ދެކޮޅަށް ސްރީލަންކާއިން ދައުވާ ކުރަނީ އިހުމާލުވުމާ ވެށި ތަޣައްޔަރު ކުރުމުގެ ކުށުގެ ތުހުމަތުގައެވެ.

ބޯޓުގައި އަލިފާން ރޯވެގެން ހިނގި ހާދިސާގައި އިންޑިއާ ކަނޑުގެ ސަރަހަށް ތެޔޮ ބޭރުވެފައި ވާއިރު، ކަމާބެހޭ ފަރާތްތަކުން ދަނީ ގާތްގަނޑަކަށް 2 ކިލޯމީޓަރެއްހާ ބޮޑު ސަރަހައްދަކަށް ފެތުރިފައިވާ ބޯ ތެޔޮގަނޑު އިތުރަށް ފެތުރުނަ ނުދީ ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރަމުންނެވެ.

ސްރީލަންކާގެ ރަށް ބޭރުގައި އޮތް ޕެނަމާގެ އެމްޓީ ނިއު ޑައިމަންޑް ތެޔޮ ބޯޓުގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށް ކަނޑުގެ އަސްކަރީ ފައުޖުތަކުން ހަރަކާތްތެރިވަނީ/ފޮޓޯ: ޑީއެންއޭ އިންޑިއާ

ބޭރުވި ތެޔޮގަނޑުގެ ބޮޑު ބައެއް ކޮންޓްރޯލް ކޮށްފައިވާއިރު، މިދިޔަ ހުކުރު ދުވަހުން ފަށައިގެން ބޯޓުން އިތުރަށް ތެޔޮ ބޭރު ވެފައިނުވާކަމަށް ޚަބަރު ލިބެއެވެ. ބޯޓުން ބޭރުވި ތެޔޮގަނޑު، އެއްގަމާ ހިސާބަށް ފޯރާފައިވާކަމުގެ ނިޝާނެއް އަދި ނުފެނެއެވެ.

ވެރިރަށް ކޮޅުނބުގައި ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން، އެޓާނީ ޖެނެރަލް ޑަޕުލާ ޑި ލިވޭރާގެ ތަރުޖަމާނަކު ވިދާޅުވީ، ކަނޑުގެ ވެށި ތަޣައްޔަރު ކުރުމާ ދެކޮޅަށް އެކުލަވާލާފައިވާ ގާނޫނާއި، ޕީނަލް ކޯޑުގެ ދަށުން ޖިނާއީ އިހުމާލެއްގެ ގޮތުގައި ބޯޓުގެ ކެޕްޓަނާ ދެކޮޅަށް ދައުވާ ކުރުމުގެ ފުރުސަތު ތަނަވަސްވާކަމަށެވެ. މީގެ އިތުރުން އަލިފާން ނިއްވުމުގެ އޮޕަރޭޝަނަށް ހިނގި 1.88 މިލިއަން ޑޮލަރުގެ ބޮލްވެސް ޕެނަމާގެ ކަމާ ބެހޭ ފަރާތްތަކަށް ފޮނުވުމުގެ ފުރުސަތު އެބައޮތް ކަމަށް ތަރުޖަމާނު ވަނީ ވިދާޅުވެފައެވެ.

ޕެނަމާގައި ރަޖިސްޓްރީ ކޮށްފައިވާ ނިއު ޑައިމަންޑް ކާގޯ ބޯޓު ނުވަތަ ތެޔޮ ޓޭންކަރަކީ ލައިބީރިއާގައި ދަފުތަރު ކޮށްފައިވާ ޕޯޓޯ އެމްޕޯރިއޯސް ޝިޕިންގް އިންކޯޕަރޭޝަންގެ ބޯޓެކެވެ. މި ބޯޓު މެނޭޖް ކުރަނީ ގްރީސްގެ ބޯޓު ކުންފުންޏެއް ކަމަށްވާ ނިއު ޝިޕިންގް ލިމިޓަޑުން ކަމަށް ސްރީލަންކާގެ ކަނޑުގެ އަސްކަރިއްޔާއިން ޚަބަރުދެއެވެ.

ސްރީލަންކާގެ ކަމާބެހޭ ފަރާތްތަކުން ވަނީ، ސްރީލަންކާގެ އިގުތިސޯދީ ކަނޑުގެ ސަރަހައްދު (އީއީޒީ) އިން ބޭރަށް، 1100 ފޫޓުގެ ނިއު ޑައިމަންޑް ބޯޓު ކަފުޖަހައިގެން ގެންދިއުމަށް ބޯޓުގެ ވެރި ފަރާތަށް އަންގާފައެވެ. ސްރީލަންކާގެ ކަނޑުގެ ސަރަހައްދުގައި ބާއްވައިގެން މި ބޯޓުގައި ހުރި ތެޔޮތައް އެހެން ބޯޓަކަށް ބަދަލު ކުރަން އުޅުމުގެ ތެރޭގައި ކަނޑު މަތީގެ ނުރައްކާތެރި ހާދިސާއެއް ހިނގާފާނެ ކަމުގެ ބިރު އެބައޮތް ކަމަށް ސްރީލަންކާގެ ތިމާވެއްޓާ ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.

ނިއު ޑައިމަންޑް މިހާރު އޮތީ، ސްރީލަންކާގެ އިރުމަތީ ބިތުން، ބައްޓިކަލޯއާގެ އައްސޭރި ފަށުގެ ސަރަހައްދުން 70 ނޯޓިކަލްމޭލު (130 ކިލޯމީޓަރު) ބޭރުގައެވެ.

ގިނަ އަދަދަކަށް ތެޔޮ ބަރުކޮށްގެން ކުވައިތުން ފުރައިގެން އިންޑިއާއަށް ދަތުރު ކުރަމުން ދަނިކޮށް، ސްރީލަންކާގެ ކަނޑުގެ ސަރަަހައްދުގައި ހާލުގައި ޖެހިފައިވާ ނިއު ޑައިމަންޑް ކާގޯ ބޯޓު/ފޮޓޯ: ޓްވިޓާ

ގިނަ އަދަދަކަށް ތެޔޮ ބަރުކޮށްގެން އިންޑިއާގެ ޕްރަދީޕް ބަނދަރަށް ދަތުރުކުރަމުންދިޔަ ބޯޓުގައި އަލިފާނުގެ ހާދިސާއެއް ހިނގާ، ހާލުގައި ޖެހުނުކަން ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނައީ ސެޕްޓެމްބަރު މަހުގެ ކުރީކޮޅުގައެވެ. މިހާދިސާގައި، ބޯޓުގެ ކުރޫއިންގެ ތެރޭގައި ހިމެނުނު ފިލިޕީންސް މީހެއްގެ ފުރާނަ ވަނީ ގެއްލިފައެވެ. ބޯޓުގައި ބާކީ ތިބި 22 މީހުން ވަނީ، ކަނޑުގެ އަސްކަރިއްޔާގެ ބެލުމުގެ ދަށުން، ގޯލްގެ ހޮޓަލެއްގައި ކަރަންޓީނު ކޮށްފައެވެ. މި 22 މީހުންގެ ތެރޭގައި ބޯޓުގެ ކެޕްޓަންވެސް ހިމެނެއެވެ. ބޯޓުގެ ކެޕްޓަނަކީ ގްރީސްއަށް ނިސްބަތްވާ މީހެކެވެ.