ގެއްލިގެން ހޯދަމުން ދިޔަ ފޯނު، ގޭ ބިއްދޮށުގައި އޮތް ޖަންގަލި ތެރެއިން ފެނުނުއިރު، އޭގައި ހުރީ ރާމާމަނުކުގެ ސެލްފީއާއި ވީޑިއޯތަކެއް ކަމަށް މެލޭޝިއާ މީހަކު ބުނެފިއެވެ.

ޒެކްރައިޑްޒް ރޮޑްޒީގެ ނަމުގައި ބޭނުން ކުރާ ޓްވިޓާ އެކައުންޓަކުން އާންމުކޮށްފައިވާ މަންޒަރުތަކުގައި، ރާމާމާނަކުނު، މޯބައިލް ފޯނު ކާލަން އުޅޭ މަންޒަރުވެސް ފެނެއެވެ.

ފޯނުގެ ވެރި ފަރާތުން ކިޔައިދިން ގޮތުގައި ފޯނު ގެއްލުނީ އޭނާ ނިދާފައި އޮތް ވަގުތުއެވެ. އެހެންކަމުން ފޯނު ވަގަށް ނެގީ ކަމަށް ހީކުރި ކަމަށް އޭނާ ބުންޏެވެ. އަދާ ޖެހުނުއިރުވެސް އޭނާގެ ފޯނު ގެއްލުނު ގޮތް ސާފުވެފައެއް ނުވެއެވެ.

ކޮމްޕިއުޓާ ސައެންސްގެ ރޮނގުން މަތީ ތައުލީމު ހާސިލު ކުރަމުން އަންނަ، އުމުރުން 20 އަހަރުގެ ޒެކްރައިޑްޒް ބުނި ގޮތުގައި ގެއިން ވައްކަން ކުރި ކަމުގެ އެއްވެސް ނިޝާނެއް ފެންނާކަށް ނެތެވެ.

ޒެކްރައިޑްޒް ބުނި ގޮތުގައި ހޮނިހިރު ދުވަހު ގެއްލުނު ފޯނުގެ އެއްވެސް ހިލަމެއް، އާދީއްތަ ދުވަސް ވީއިރުވެސް ނުލިބެއެވެ. ނަމަވެސް އެގޭ ކައިރީގައި ރާމާމަކުނެއް އުޅޭކަން ޒެކްރައިޑްޒްގެ ބައްޕައަށް ފާހަގަކުރެވުނެވެ. ގެއްލިފައިވާ ފޯނަށް އަނެއްކާވެސް ގުޅި ކަމަށާ، ގޭ ބިއްދޮށުގައި އޮންނަ ޖަންގަލި ތެރެއިން ފޯނުގެ އަޑު އިވުނު ކަމަށް ޒެކްރައިޑްޒް ބުންޏެވެ. އަދި ކިސަޑާ އެކުވެފައި އޮތް ފޯނު ފެނުނީވެސް އެ ތަނުން ކަމަށާ، ފޯނު އޮތީ ފަތްތަކެއްގެ އަޑީގައި ކަމަށްވެސް ޒެކްރައިޑްޒް ބުންޏެވެ.

މަޝްހޫރު ފޮޓޯގްރާފާ ޑޭވިޑް ސްލޭޓާގެ ކެމެރާއިން ރާމާމަކުނު ނަގާފައިވާ ސެލްފީ/ފޮޓޯ: ވައިލްޑްލައިފް ޕާސަނާލިޓީޒް | ޑޭވިޑް ސްލޭޓާ

މިއީ ރާމާމަކުނުގެ ސެލްފީތަކެއްގެ ވާހަކަ މީޑިއާއިން ޖާގަ ހޯދި ފުރަތަމަ ފަހަރެއް ނޫނެވެ. އެގޮތުން 2011 ވަނަ އަހަރު އިންޑޮނޭޝިއާގެ ޖަންގައްޔެއްގައި މަޝްހޫރު ފޮޓޯގްރާފާ ޑޭވިޑް ސްލޭޓާ މަސައްކަތް ކުރަމުންދިޔައިރު، ރާމާމަކުނެއް ނެގި ސެލްފީތަކެއްގެ ހައްގުވެރިއަކީ ސްލޭޓާ ކަމަށް ކަނޑައެޅުމަށް އޭނާ މައްސަލަ ކޯޓަށްވެސް ގެންގޮސްފައެވެ. ނަމަވެސް ޖަނަވާރުގެ ހައްގުތަކަށް ވަކާލާތު ކުރާ ޖަމިއްޔާއަކުން ވަނީ، މި ފޮޓޯތަކުގެ ފައިދާ ލިބެންޖެހޭ ހައްގުވެރިއަކީ ރާމާމަކުނު ކަމަށާ، އެހެނީ ފޮޓޯނަގާ ފިތަށް އޮބާފައިވަނީ ރާމާމަކުނު ކަމަށް ބުނެ، ސްލޭޓާއާއި ދެކޮޅަށް ވަކާލާތު ކޮށްފައެވެ.