ޝަންހާއި ޗައިނާ ކޯޕަރޭޝަން އޯގަނައިޒޭޝަންސް (އެސްސީއޯ)ގެ ޗާޓަރާ ޕާކިސްތާނުން ހިލާފުވެފައިވާކަމަށް އިންޑިއާއިން ތުހުމަތު ކޮށްފިއެވެ.

އެސްސީއޯގެ ޗާޓަރާ ޕާކިސްތާނުން ހިލާފުވެފައި ވާކަމަށް އިންޑިއާއިން ބުނަނަނީ، ސީސީއޯގެ ގައުމީ ސަލާމަތާ ބެހޭ މުޝީރުން (އެންއެސްއޭ) ގެ ވާޗުއަލް ބައްދަލުވުމުގައި ޕާކިސްތާނުގެ މުޝީރުގެ ބެކްޑްރޮޕްގެ ގޮތުގައި ބޭނުންކުރެއްވި ޗާޓުގައި، ކަޝްމީރަކީ ޕާކިސްތާނުގެ ބައެއްގެ ގޮތުގައި ހިމަނާފައި އޮތުމުންނެވެ.

ކަޝްމީރަކީ ޕާކިސްތާނުގެ ބައެއްގެ ގޮތުގައި ހިމަނާފައިވާ ޗާޓުގެ މައްސަލާގައި އިންޑިއާއިން ދެކޮޅުވެރިކަން ފާޅުކުރިއިރު، ބައްދަލުވުން ހޮސްޓުކުރަމުންދިޔަ ރިޔާސަތުގެ މަގާމުގައި އޮތް ރަޝިއާއިންވެސް ވަނީ އެކަން އެގޮތަށް ނުކުރުމަށް ޕާކިސްތާނަށް ލަފާ ދީފައި ކަމަށް އިންޑިއާ މީޑިއާއިން ރިޕޯޓްކޮށްފައި ވެއެވެ. ރަޝިއާގެ އިރުޝާދަށްވެސް ޕާކިސްތާނުން ބޯލަނބާފައި ނުވާ ކަމަށް ޚަބަރު ލިބެއެވެ.

ޕާކިސްތާނުގެ ނިންމުމަށް ބަދަލު ނުގެނައުމުން އިންޑިއާގެ އެންއެސްއޭ އަޖީތު ދޯވާލް ވަނީ، ރަޝިއާއާއި މަޝްވަރާ ކުރުމަށްފަހު ވާޗުއަލް ބައްދަލުވުން ދޫކޮށްލައްވާފައެވެ.

އިންޑިއާ ސަރުކާރުގެ މަސްދަރުތަކުން ބުނާ ގޮތުގައި ޕާކިސްތާނުގެ އަމަލީ އެސްސީއޯގެ ޗާޓަރާ ކަނޑައެޅިގެން ހިލާފު އަމަލެކެވެ. އަދި މިއީ އެސްސީއޯގެ މެމްބަރު ގައުމުތަކުގެ މިނިވަންކަމާ އިސްތިގުލާލު ކަށަވަރު ކުރުމަށް އެއިއްތިހާދުން ހިފާފައިވާ އަމާޒުގެ ރޫހާވެސް ހިލާފު އަމަލެއް ކަމަށް އިންޑިއާއިން ސިފަކުރެއެވެ.

ކަޝްމީރުގެ މައްސަލައަކީ އިންޑިއާއާއި ޕާކިސްތާނާ ދެމެދު ދިގުލާ ގޮސްފައިވާ ހައްސާސް މައްސަލައެކެވެ. ދެ ގައުމު ހިއްސާކުރާ ބޯޑަރު ސަރަހައްދުގައި އޮންނަ ކަޝްމީރުގެ ފުރިހަމަ މިލްކުވެރި ކަމަށް އިންޑިއާއާއި ޕާކިސްތާނުންވެސް ވަކާލާތު ކުރެއެވެ.