މިދިޔަ އަހަރުގެ ޑިސެމްބަރު މަހުވެސް އެމެރިކާގައި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ފެތުރިފައިވުން އެކަށީގެންވާކަމަށް ބާރުދޭ ހެކި ލިބިފައިވާކަމަށް ދިރާސާ ކުރާ ފަރާތްތަކުން ބުނެފިއެވެ.

މިއީ އެމެރިކާއަށް ކޮވިޑް-19 އައި ކަމަށް އެގައުމުގެ ސެންޓާ ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) އިން ކުރިން ބުނެފައިވާ މުއްދަތަށްވުރެ މަހެއްހާ ދުވަސް ކުރީގެ ތާރީހެކެވެ.

ޖާނަލް އޮފް މެޑިކަލް އިންޓަނެޓް ރީސާޗްގައި ޝާއިއުކޮށްފައިވާ ދިރާސާ ބުނާ ގޮތުގައި، ނޭވާލާ ނިޒާމުގެ ބަލިތަކުގެ ޝަކުވާތަކައިގެން އެމެރިކާގެ ހޮސްޕިޓަލުތަކާ ކުލިނިކުތަކުން ފަރުވާ ހޯދި މީހުންގެ އަދަދު، 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 22 ވަނަ ދުވަހާ ހިސާބުގައި އިތުރުވެފައިވާކަމަށް ބުނެވެއެވެ.

ދިރާސާ ޓީމުން މިކަން ފާހަގަ ކޮށްފައި ވަނީ ޔޫސީއެލްއޭ ހެލްތް ސިސްޓަމްގައި ރެކޯޑް ކޮށްފައިވާ 3 ހޮސްޕިޓަލަކާ 180 ކުލިނިކަކުން އެއްކުރި ތަފާސް ހިސާބުތަކުގެ މައްޗަށް ބިނާކޮށެވެ.

ސީޑީސީއިން ބުނާ ގޮތުގައި އެމެރިކާއިން ފުރަތަމަ ފަހަރަށް ކޮވިޑް-19 ފެނިފައިވަނީ، ޗައިނާގެ ވޫހާންއަށް ދަތުރުކުރުމަށްފަހު ވޮޝިންގްޓަންގައި ހުރި މީހެއްގެ ހަށިގަނޑުންނެވެ. އުމުރުން 35 އަހަރުގެ އެ ޕޭޝަންޓް، އަލާމާތްތަކާއެކު ޑޮކްޓަރަށް ދައްކަން ދިޔައީ ޖަނަވަރީ 19 ވަނަ ދުވަހު ކަމަށްވެއެވެ. އެމެރިކާގައި ކޮވިޑް-19ގެ ކޮމިއުނިޓީ ސްޕްރެޑެއް އުޅޭކަމަށް ސީޑީސީއިން ކަނޑައެޅީ މިއަހަރުގެ ފެބުރުވަރީ މަހުގެ ފަހުކޮޅުއެވެ.

ދަ ލޭންސެޓްގައިވާ ދިރާސާއެއް ބުނާ ގޮތުގައި ޗައިނާއިން ކޮވިޑް-19ގެ އަލާމާތްތަކާއެކު ފުރަތަމަ ކޭހެއް ރެކޯޑް ކުރީ 2019 ވަނަ އަހަރުގެ ޑިސެމްބަރު 1 ވަނަ ދުވަހުއެވެ. މީގެ މާނައަކީ، ނޮވެމްބަރު މަހު އެމީހާ ވައިރަހަށް ހުށަހެޅިފައި އޮތުމެވެ. އިތުރު ދިރާސާތަކަކަށް ބަލާއިރު، 2019 ވަނަ އަހަރުގެ ޑިސެމްބަރު ނުވަތަ އޭގެ ކުރިންވެސް ވިލާތުގައިވެސް މި ވައިރަސް އުޅުނު ކަމަށް ވެއެވެ.

އެމެރިކާގެ އާ ދިރާސާ ކުރުމުގައި އިސްކޮށް މަސައްކަތް ކުރެއްވި ޑރ ޖޯން އެލްމޯ ވިދާޅުވީ، ޖަނަވަރީ މަހު ރޯގާ ޖެހުނު ބައެއް ޕޭޝަންޓުންގެ ފަރާތުން ސުވާލުތަކެއް ކުރިމަތިވި ކަމަށެވެ. އެގޮތުން ޖަނަވަރީ މަހު އެމީހުންނަށް ޖެހުނީ ކޮވިޑް-19ތޯ ޕޭޝަންޓުން މާޗް މަހު ސުވާލު ކުރަން ފެށި ހިސާބުން ޝައްކުތަކެއް އުފެދި، އިތުރު ހޯދުންތައް ހޯދަން ފެށި ކަމަށް ޑރ އެލްމޯ ވިދާޅުވިއެވެ. މިމޭރުމުން ކުރި ދިރާސާތަކުން 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު، ނޭވާލުމުގެ ބަލިތަކުގެ އަލާމާތްތަކާއެކު ފަރުވާ ހޯދަން އެދުނު ޕޭޝަންޓުންގެ އަދަދު އިތުރުވިކަން ފާހަގަވީއެވެ.

ފާއިތުވީ 5 އަހަރެއްހާ ދުވަހުގެ ތަފާސް ހިސާބުތަކަށް އަޅާކިއާއިރުވެސް 2019 ވަނަ އަހަރުގެ ޑިސެމްބަރާއި މިއަހަރުގެ މާޗް މަހާ ދެމެދު، ނޭވާލާ ނިޒާމުގެ ބަލިތަކުގެ އުނދަގޫތަކައިގެން ފަރުވާ ހޯދި ޕޭޝަންޓުންގެ އަދަދު އިތުރު ކަމަށް ދައްކާކަމަށްވެއެވެ. ނަމަވެސް މި ހުރިހާ ޕޭޝަންޓުންނަކީ ކޮވިޑް-19ގެ ޕޭޝަންޓުން ކަމެއް ނުވަތަ ނޫންކަމެއް ކަށަވަރު ކުރެވޭކަށް ނެތެވެ.

ކަން މިހެން އޮތް ނަމަވެސް، އަދުގެ ދުނިޔެއަކީ ގުޅިލާމެހިފައިވާ ދުނިޔެއެއް ކަމުން، މި ކޭސްތަކުގެ ތެރޭގައި ކޮވިޑް-19ގެ ކޭސްތައް ނެތް ކަމަށްވެސް ނިންމޭކަށް ނެތެވެ. ޑރ އެލްމޯ ވިދާޅުވީ ކޮންމެ މަހަކުވެސް ޗައިނާއިން އެމެރިކާގެ އެލްއޭއެކްސް އެއާޕޯޓަށް 500 އެއްހާ ފްލައިޓް ޖައްސާއިރު، އެކެއް ނުބަތަ ދެ ކޭހެއް އިމްޕޯތް ވުމަކީ ފަސޭހަ ކަމެއް ކަމަށާ، މިއާއެކު އާބާދީގެ ތެރެއަށް ވައިރަސް ފެތުރިގެން ދިއުމުގެ ފުރުސަތު އޮތް ކަމަށެވެ.

ޑރ އެލްމޯ ވިދާޅުވީ، ސިއްހީ ފަރުވާ ހޯދަން އަންނަ ފަރާތްތަކުގެ ތަފާސް ހިސާބުތައް ވަގުތުން ވަގުތަށް ދިރާސާ ކުރެވޭނެ އިންތިޒާމެއް ހަމަޖެހިއްޖެ ނަމަ، ބަލިމަޑުކަމެއްގެ އިންޒާރު ދެނެގަނެވޭނެ ކަމަށެވެ.

ކޮވިޑް-19ގެ ފުރަތަމަ ކޭސްތައް ރެކޯޑް ކުރީ ޗައިނާއިން ކަމުގައި ވީ ނަމަވެސް، އެ ބަލީގެ އަސްލު ފެށުމަކީ އެ ގައުމު ކަމަށް ނުވުން އެކަށީގެންވާ ކަމަށް ޗައިނާއިން ވަނީ ބުނެފައެވެ. ކަން މިހެން އޮތްއިރު، ވައިރަހުގެ އަސްލާ ބެހޭ އެއްވެސް މައުލޫމާތެއް އަދި ސާފުވާ ގޮތެއް ނުވެއެވެ.