ބާޒާރުގައި މުދާ ލިބެން ހުންނަ އަގުތަކަށް ވުރެ ބޮޑު އަގުގައި، ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން ތަކެތި ގަނެފައިވާ ކަމަށް އޮޑިޓް އޮފީހުން ބުނެފިއެވެ.
ކޮވިޑް19 އާ ގުޅޭ ހަރަދުތަކުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުގައި ބުނެފައި ވަނީ، ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓްގެ ކަރަންޓީން ފެސިލިޓީގެ ގޮތުގައި ބޭނުންކުރެވުނު ބައެއް ރިސޯޓުތަކުގައި ތިބި ފަރާތްތަކަށާއި މާލޭގައި ހާލުގައި ޖެހުނު ފަރާތްތަކުގެ ކެއުން ބުއިމުގެ ކަންކަން ހަމަޖެއްސުމަށްޓަކައި އެތަންތަނަށް ކާބޯތަކެތި ފޯރުކޮށްދީފައި ވަނީ، ސަރުކާރުން ކަނޑައަޅާފައިވާ ކޮންޓްރޯލްޑް އަގުތަކަށް ވުރެ ބޮޑު އަގުގައި ކަމަށެވެ.
އާންމުކޮށް ތަކެތި ގަންނަން ލިބެން ހުންނަ އަގަށް ވުރެ އެތައް ގުނައެއް ބޮޑު އަގުގައި ތަކެތި ގަނެފައިވާކަން އެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.
އެގޮތުން ބައެއް ތަކެތި ގަނެފައި ވަނީ ވަރަށް ބޮޑެތި އަގުތަކެއްގައި ކަން އެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ. އޭގެތެރޭގައި ހަނޑޫ ހަކުރު ފުށް ފަދަ ކާޑުގެ ބާވަތްތައް ހިމެނެއެވެ. އަދި ކެއުން ބުއިމަށް ބޭނުންވާ މަސްދަޅާއި ފިޔާ މުގު ވަޅޯމަސް ރިހާކުރު ފަދަ ތަކެތިވެސް ހިމެނެއެވެ.
އޮޑިޓް ރިޕޯޓުގައި މިކަން އިސްލާހުކުރަން ލަފާދެމުން ބުނެފައި ވަނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވަލޮޕްމަންޓުން އަގު ކޮންޓްރޯލް ކޮށްފައިވާ ތަކެއްޗަށް އިތުރަށް ދައްކާފައިވާ ފައިސާ އަނބުރާ ހޯދައި ދައުލަތުގެ މާލިއްޔާއަށް އަނބުރައި ޖަމާ ކުރުމަށެވެ. ހަމައެއާއެކު މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން އިއުލާނު ކޮށްފައިވާ އަގުތަކަށް ވުރެ ބޮޑު އަގުގައި ތަކެތި ވިއްކި ފަރާތްތަކާ މެދު އަޅަންޖެހޭ ފިޔަވަޅު އެޅުމަށް އެ މިނިސްޓްރީ އަށް ހުށަހެޅުމަށް ވެސް ވަނީ އަންގާފައެވެ.
މީގެ އިތުރުން ސިންގަލް ސޯސްގެ އުސޫލުން ތަކެތި ހޯދި ނަމަވެސް، ތަކެތި ފޯރުކޮށްދޭ ފަރާތުން ހުށަހަޅާ އަގާއި ބާޒާރުގައި ތަކެތި ހުރިއަގު އަޅާ ކިޔުމަށްފަހު އެކަށީގެންވާ އަގެއްގައި މެނުވީ ތަކެތި ނުގަތުމަށް ވަނީ އިލްތިމާސް ކޮށްފައެވެ.
ޑިޒާސްޓާ މެނޭޖްމަންޓުން ކޮވިޑާ ގުޅިގެން ކޮށްފައިވާ ހަރަދުތަކުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުގައި ގިނަ މައްސަލަަތަކެއް ވަނީ ފާހަގަ ކޮށްފައެވެ. އޭގެތެރޭގައި ފްރަންޓްލައިންގައި މަސައްކަތް ކުރާ ބައެއް ފަރާތްތަކަށް އެކޮމޮޑޭޝަން ހަމަޖެއްސުމުގައި ވެސް ގެސްޓް ހައުސްތަކާ އެކު އެއްވެސް އެއްބަސްވުމެއް ތައްޔާރުކޮށްފައި ނުވެއެވެ. އަދި ގެސްޓް ހައުސްތަކުގައި ތިބި މީހުން ކަށަވަރު ނުކޮށް ބިލްތައް ދައްކާފައިވާ ކަމަށް ވެސް ރިޕޯޓުގައި ވެއެވެ.
ހަމައެއާއެކު ކަރަންޓީން ފެސިލިޓީއެއް ގޮތުގައި ހަމަޖައްސާފައިވާ ރިސޯޓަކަށް ސަރުކާރުން އެއްބަސްވެފައިވާ ވަރަށް ވުރެ އިތުރަށް ފައިސާ ދައްކާފައިވާ ކަމަށްވެސް އެ ރިޕޯޓުގައި ވެއެވެ.
މީގެ އިތުރުން ހިލޭ އެހީގެ ގޮތުގައި ލިބިފައިވާ ތަކެތީގެ ސްޓޮކް ބަލަހައްޓާފައި ނުވާ ކަމަށާއި ހުޅުމާލެ މެޑިކަލް ފެސިލިޓިއަށް ބޭނުންވާ މެޑިކަލް އިކުއިޕްމަންޓުތައް އެސްޓީއޯއިން އޯޑަރު ކޮށްފައިވާ އިރު އެ ތަކެތި ލިބުނު ކަން ރެކޯޑްކޮށްފައި ނުވާ ކަމަށް ވެސް އެ ރިޕޯޓުގައި ބުނެއެވެ.