"ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީ" އިން އިއުލާނު ކުރައްވާފައިވާ "ހިޔާ" މަޝްރޫއުގެ ހަތަރު ކެޓެގަރީގެ ވަގުތީ ލިސްޓުތަކަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތުގެ މުއްދަތު ހަމަވުމާއި ގުޅިގެން، އެ މުއްދަތުގެ ތެރޭގައި ހުށަހަޅާފައިވާ ޝަކުވާތައް ބަލައި، އެ ޝަކުވާތަކަށް ޖަވާބު ދިނުމުގެ މަސައްކަތްތައް ކުރަމުން ގެންދާކަމަށް އެ ކޮމިޓީން މިއަދު ހާމަކޮށްފިއެވެ.
"ހިޔާ" މަޝްރޫއުގެ ދަށުން ފްލެޓްތައް ދިނުމުގެ ކަންކަން ކުރިއަށް ގެންދިޔަގޮތް މުރާޖައާ ކުރެއްވުމަށްފަހު ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީން H08, H05, H04 އަދި H10 ކެޓެގަރީގެ ވަގުތީ ލިސްޓުތައް ނެރެފައިވަނީ އޮގަސްޓު 24، 2020 ވީ ހޯމަ ދުވަހުއެވެ.
އެ ކެޓެގަރީތަކުގެ ވަގުތީ ލިސްޓުތަކުގައި ޕޮއިންޓް ދީފައިވާ ގޮތާމެދު ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ ސެޕްޓެންބަރު 14، 2020 ވީ ހޯމަ ދުވަހުގެ 15:00 ގެ ނިޔަލަށެވެ. އެމި މުއްދަތުގެ ތެރޭގައި ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީއަށް ޖުމްލަ 3,068 ޝަކުވާ ހުށަހަޅާފައިވާ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.
އޭގެތެރޭގައި ހިމެނެނީ ލިބިފައިވާ ޕޮއިންޓާއި މެދު ހުށަހަޅާފައިވާ 2,430 ޝަކުވާއަކާއި، އެހެން ފަރާތަކަށް ލިބިފައިވާ ޕޮއިންޓާއި މެދު ހުށަހަޅާފައިވާ 140 ޝަކުވާއަކާއި، ފޯމު ހުށަހެޅުމަށް ޝަރުތު ހަމަނުވާ ލިސްޓުގައި ހިމެނިގެން ހުށަހަޅާފައިވާ 57 ޝަކުވާއަކާއި، "އިތުރު ކޮމެންޓްސް" ގެ ގޮތުގައި ދީފައިވާ މައުލޫމާތާއި ގުޅިގެން ހުށަހަޅާފައިވާ 85 ޝަކުވާއަކާއި، މަޢުލޫމާތުގައި ކުށެއް އޮވެގެން ހުށަހަޅާފައިވާ 78 ޝަކުވާއެއްގެ އިތުރުން އެހެނިހެން ކަންކަމާއި ގުޅޭ ގޮތުން ހުށަހަޅާފައިވާ 278 ޝަކުވާއެއް ކަމަށް ވެސް ރައީސް އޮފީހުން ވަނީ ބުނެފައެވެ.
ރައީސް އޮފީހުން ބުނީ މިހާރު އިއުލާނު ކުރައްވާފައިވާ "ހިޔާ" މަޝްރޫޢުގެ ހަތަރު ކެޓެގަރީގެ ވަގުތީ ލިސްޓުތަކަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލައިވަނީ އެކަމަށް ހާއްސަކޮށްފައިވާ ޕޯޓަލްއެއް މެދުވެރިކޮށް ކަމަށެވެ.
ޝަކުވާ ހުށަހެޅުގެ މުއްދަތުގެ ތެރޭގައި ހުށަހަޅާފައިވާ ޝަކުވާތައް ބަލައި، އެ ޝަކުވާތަކަށް ޖަވާބު ދިނުމުގެ މަސައްކަތް ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީން މިހާރު ފަށާފައިވާއިރު، އެ ކެޓެގަރީތަކުން ފްލެޓަށް އެދި ފޯމު ހުށަހަޅާފައިވާ މީހުންގެ ދާއިމީ ލިސްޓުތައް އެކުލަވައިލެއްވުމުގައި އެ ޝަކުވާތަކަށް ރިއާޔަތްކުރާނެކަމަށް އެ ކޮމިޓީން ހާމަކުރައްވައެވެ.