އދގެ އިގުތިސޯދި އަދި އިޖުތިމާއީ ކަންކަމާ ބެހޭ ކައުންސިލް (އިކޮސޮކް) ގެ ގޮތްޕެއް ކަމަށްވާ ކޮމިޝަން އޮން ސްޓޭޓަސް އޮފް ވިމެން (ސީއެސްޑަބްލިއު)ގެ މެމްބަރުކަން، ސަރަހައްދީ ވާދަވެރި ޗައިނާ ބަލިކޮށް، އަވަށްޓެރި އިންޑިއާއިން ކަށަވަރުކޮށްފިއެވެ.

54 މެމްބަރުން ބައިވެރިވެން ކުރިއަށް ގެންދިޔަ ވޯޓުގައި ސީއެސްޑަބްލިއުގެ މެމްބަރު ކަމަށް އިންޑިއާއާއި ޗައިނާގެ އިތުރުން ދެން ވާދަކުރީ އަފްގާނިސްތާނެވެ. ވޯޓު ހަމަޖެހިފައި އޮތް ގޮތުން އަފްގާނިސްތާނާއި އިންޑިއާއަށް ވަނީ މެމްބަރުކަން ލިބިފައެވެ. ވޯޓުގެ ނަތީޖާއަށް ބަލާއިރު އަފްގާނިސްތާނަށް 39 ވޯޓު ލިބުނުއިރު އިންޑިއާއިން ވަނީ 38 ވޯޓު ކަށަވަރު ކޮށްފައެވެ. ޗައިނާއަށް ލިބުނީ 27 ވޯޓެވެ.

އިކޮސޮކްއިން ޖާގަ ކަށަވަރުވުމާއެކު، އިންޑިއާގެ މަންދޫބު ޓީއެސް ތީރުމުރުތީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިއީ ޖިންސުގެ ހަމަހަމަކަން ޕްރޮމޯޓް ކުރުމަށް އިންޑިއާއިން ދޭ އަހަމިއްޔަތު ބަލައިގެންފައި ވާ ކަމުގެ ރަމްޒެއް ކަމަށެވެ.

އދގެ ކޮމިޝަން އޮން ސްޓޭޓަސް އޮފް ވިމެންއަށް އިންޑިއާ އިންތިހާބު ކޮށްފައިވަނީ 2021 ވަނަ އަހަރުން ފެށިގެން 2025 ވަނަ އަހަރަށް އޮންނަ ދައުރަށެވެ.

އިންޑިއާއިން ވަނީ މިއަހަރުގެ ޖޫން މަހުގެ 18 ވަނަ ދުވަހު ކުރިއަށް ގެންދިޔަ ވޯޓުގައި އދގެ ސަލާމަތީ މަޖިލީހުގެ ދާއިމީ ނޫން މެމްބަރު ގައުމުތަކަށް ހާއްސަކޮށްފައިވާ ގޮނޑިތަކުންވެސް ޖާގަ ކަށަވަރުކޮށްފައެވެ.