އިންސާނާގެ ހަށިގަނޑުގައި ދައުރުވާ ލޭގެ ގުރޫޕާއި ކޮރޯނާވައިރަސް ޑިޒިޒް (ކޮވިޑް-19) އާ ގުޅުމެއް ވާކަމަށް ބުނާ ބުނުމަށް ބާރު ލިބޭ ހެކި ލިބިފައި ވާ ކަމަށް ޖެނެޓިކްސް ދާއިރާއަށް ހާއްސަ ކުންފުންޏެއް ކަމަށްވާ ޓްވެންޓީތްރީ އެންޑް މީއިން ބުނެފިއެވެ.
ކަން މިހެން އޮތް ނަމަވެސް، މިއީ އެކަމާ ދެކޮޅަށް ފިޔަވަޅެއް އެޅިދާނެ ކަމެއް ކަން ނުވަތަ އެއްވެސް ވަރަކަށް ހައްލު ހޯދިދާނެ ކަމެއްކަން އަދި ސާފެއް ނުވެއެވެ.
ޖެނެޓިކްސް ކުންފުނި ޓްވެންޓީތްރީ އެންޑް މީއިން ވަނީ އެކުންފުނީގެ ޑީއެންއޭ ޓެސްޓުތައް ހެދި 1 މިލިއަނަށް ވުރެ ގިނަ މީހުންގެ ޑީއެންއޭ ނަތީޖާތައް މުރާޖައާ ކޮށްފައެވެ. މީގެ ތެރެއިން 15000 އަށްވުރެ ގިނަ ކްލަޔަންޓުން ވަނީ ކޮވިޑް-19އަށް ޕޮޒިޓިވްވި ކަމަށް ބުނެފައެވެ. އަދި އޭގެ ތެރެއިން 1131 ކްލަޔަންޓަކު ހޮސްޕިޓަލުގައި އެޑްމިޓް ކުރި ކަމަށްވެސްވެއެވެ.
ޓްވެންޓީތްރީ އެންޑް މީގެ ސައެންސްވެރިން ބުނާ ގޮތުގައި، ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު، އޭބީއޯ ބްލަޑް ގުރޫޕާ، ކޮވިޑް-19 ހޮސްޓް ޖެނެޓިކްސްއާ ގުޅުމެއް ވާ ކަމަށް ބާރުލިބެއެވެ.
ސިއްހަތު ސައެންސާ ބެހޭ ގޮތުން މިހާތަނަށް ޝާއިއުކޮށްފައި ނުވާ އީޕްރިންޓްތައް ހިއްސާކުރާ ސައިޓްއެއްގައި އާންމު ކޮށްފައިވާ ދިރާސާގައި ޓްވެންޓީތްރީ އެންޑް މީގެ ސައެންސްވެރިން ބުނެފައިވަނީ، ކޮވިޑް-19ގެ ބަލިމަޑުކަމުގައި އޯ ގުރޫޕުގެ ލޭ ހުންނަ މީހުންނަކީ އެނޫން ގުރޫޕުތަކުގެ ލޭ ހުންނަ މީހުންނާ އަޅާ ބަލާއިރު، ކޮންމެވެސް ވަރެއްގެ ހިމާޔަތެއް ލިބިފައިވާ ބައެއް ކަމަށް ހޯދުންތަކުން ބުރަވާ ކަމަށެވެ. ސިއްހީ ދާއިރާގެ އެއްވެސް ތަޖުރިބާކާރަކު އަދި މި ދިރާސާ މުރާޖައާ ކޮށްފައެއް ނުވެއެވެ.
ދިރާސާގެ ހޯދުންތަކަށް ބަލާއިރު، ލޭގެ ގުރޫޕުގެ އިތުރުންވެސް ކޮވިޑް-19ގެ ނުރައްކަލާ ގުޅިފައިވާ އިތުރު ކަންތައްތަކެއް ހުރިކަން ވަނީ ފާހަގަކޮށްފައެވެ. އެ ގޮތުން އާދަޔާ ހިލާފަށް ފަލަވުމަކީވެސް ބަލިޖެހިގެން ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް މަގުފަހި ކުރާ ސަބަބުތަކުގެ ތެރެއިން ސަބަބެއް ކަމަށް ދިރާސާގައިވެއެވެ. މީގެ އިތުރުން ދޮން ނަސްލުގެ މީހުންނާ އަޅާ ބަލާއިރު، ކަޅު ނަސްލުގެ މީހުންނާ ލަޓީނޯ ދަރިކޮޅުގެ މީހުންނަށް ނުރައްކާ ބޮޑު ކަމަށްވެސް މި ދިރާސާގައި ބަޔާންކޮށްފައިވެއެވެ.
ކަން މިހެން އޮތްއިރު، ޓްވެންޓީތްރީ އެންޑް މީގެ ސައެންސްވެރިން ކުރި ދިރާސާގައި ހައްދުތަކެއް ވެއެވެ. އެގޮތުން، މިދިރާސާއަށް މައުލޫމާތު އެއްކޮށްފައިވަނީ ކްލަޔަންޓުން އަމިއްލައަށް ފޯރުކޮށްދިން މައުލޫމާތުގެ މައްޗަށް ކަން ފާހަގަކުރަންޖެހެއެވެ. އެންމެ ބަލިވި ޕޭޝަންޓުން ނުވަތަ މި ބަލީގައި މަރުވި ޕޭޝަންޓުންގެ މައުލޫމާތު ރެކޯޑް ކުރެވިފައި ނެތުމަކީވެސް ފުރުސަތު ބޮޑު ހާލަތެކެވެ. އަދި ބަލިޖެހިފައިވާ ހުރިހާ އެންމެނަކީ، އެ ބައްޔަށް ޓެސްޓު ކޮށްފައިވާ މީހުން ނޫން ކަމީ އެންމެންވެސް ގަބޫލުކުރާ ހަގީގަތެކެވެ. އެހެންކަމުން އަދަދުތަކަށް ބަލައިގެން ގޮތް ނިންމުމުގައިވެސް ނަތީޖާ ބަދަލުވުމުގެ ފުރުސަތު ބޮޑެވެ.