ނިމިދިޔަ ހަފުތާ ބަންދެވެ. ނިދިން މަހްރޫމް ވެފައިވާ ހާލުގައި އަންކިތް ސެތިއާ މަސައްކަތް ކުރަމުން ދިޔައީ އިންޑިއާގެ ވިޔަފާރި މަރުކަޒު – މުމްބާއީގެ ރަށް ބޭރުގައި އޭނާ ހިންގާ 50 އެނދުގެ ހޮސްޕިޓަލަށް ބޭނުންވާ އޮކްސިޖަން ސަޕްލައި އަތުޖެއްސޭތޯއެވެ.
ސެތިއާގެ އެސްއެސް ހޮސްޕިޓަލް އެންޑް ރިސާޗް ސެންޓަރުގައި ހުރި 4 އޮކްސިޖަން ޓޭންކުގެ ތެރެއިން މިވަގުތު ސަޕްލައި ހުރީ އެންމެ 2 ޓޭންކުގައެވެ. ހޮސްޕިޓަލުގެ 44 އެނދުގައި އޮތީ، އަދި މިހާތަނަށްވެސް ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ ޕޭޝަންޓުންނެވެ. މީގެ ތެރެއިން ގިނަ ޕޭޝަންޓުން ނޭވާލުމަށް، އޮކްސިޖަން ހޮޅި ގުޅަންޖެހެއެވެ.
އޮކްސިޖަން ޓޭންކެއް ހުސްވާން އާންމު ގޮތެއްގައި 9 ގަޑިއިރު ނެގި ނަމަވެސް، ޕޭޝަންޓުންގެ އަދަދު އިތުރުވަމުން ދިއުމުގެ ސަބަބުން މިހާރު 6 ގަޑިއިރެއްހާއިރުގެ ތެރޭގައި އޮކްސިޖަން ޓޭންކު ހުސްވެއެވެ. ސެތިއާއާއި އޭނާގެ ޑީލަރުންގެ އަތުންވެސް އޮކްސިޖަން ސަޕްލައި ހުސްވިއެވެ.
ސެތިއާއަށް އޮކްސިޖަން ސަޕްލައި އަތުޖެހޭ ވަރުވީ ފަތިހަށް އަލިވިލެން އުޅެނިކޮށެވެ. އެވެސް އޭނާ ހުރި ސަރަހައްދާ 30 ކިލޯމީޓަރު ދުރުގައި ހިންގާ އެހެން ހޮސްޕިޓަލަކުންނެވެ. އެ ސަރަހައްދުގައި ދުއްވާ އެއްޗެއްވެސް ނޯވެއެވެ. ސެތިއާއަށް ޖެހުނީ، ހޮސްޕިޓަލުގެ އެމްބިއުލާންސް ބޭނުންކޮށްގެން، 20 ސިލިންޑަރުގެ އޮކްސިޖަން އުފުލުމަށް، 5 ބުރު ޖަހާށެވެ.
ސެތިއާ ބުނާ ގޮތުގައި ކޮންމެ ދުވަހަކީވެސް ހަނގުރާމައެކެވެ. އެކަށީގެންވާ މިންވަރަށް އޮކްސިޖަންގެ ސަޕްލައި ކަށަވަރު ކުރުމަކީ ސެތިއާ ސިފަކުރި ގޮތުގައި ހަނގުރާމައެކެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނާ ގޮތުގައި ކޮވިޑް-19އަށް ޕޮޒިޓިވް ވާ މީހުންގެ ތެރެއިން 15 ޕަސެންޓް ޕޭޝަންޓުންނަކީ އޮކްސިޖަން ގުޅަންޖެހޭ މީހުންނެވެ. ބައެއް ޕޭޝަންޓުންނަކީ ނެވާލާ ނިޒާމުގެ ބައްޔެއް ނެތް މީހުން ކަމުގައި ވީ ނަމަވެސް، ހަށިގަނޑުގެ އޮކްސިޖަން ލެވަލް ނުރައްކާ ދަރަޖައަށް ދަށްވާ ޕޭޝަންޓުންނެވެ.
ވައިގެ ތެރެއިން އޮކްސިޖަން ސަޕްލައި ނަގާ، އެ ސާފު ކުރާ 500 އެއްހާ ކާރުހާނާ، އިންޑިއާގައި އޮޕަރޭޓްކުރެއެވެ. މުޅި ސަޕްލައިއަށް ބަލާއިރު، މެޑިކަލް ފެންވަރަށް ސާފުކޮށްފައިވާ އޮކްސިޖަން ހިއްސާކުރަނީ ސަޕްލައިގެ 15 ޕަސެންޓެވެ. ބާކީ ހުންނަނީ ސިނާއީ ބޭނުންތަކަށް ނަގާ އޮކްސިޖަން ސަޕްލައިއެވެ.
ކާރުހާނާތަކުން ހޮސްޕިޓަލުތަކަށް އޮކްސިޖަން ފޯރުކޮށްދެނީ ދިޔާ މާއްދާއެއްގެ ގޮތުގައި ޓޭންކުތަކުގައެވެ. މި ދިޔާ މާއްދާ، ޕޭޝަންޓުންނަށް ގޭހުގެ ގޮތުގައި ފޯރުކޮށްދެނީ ހޮސްޕިޓަލު އެނދުތައް ކައިރީގައި ހަރުކޮށްފައިވާ ހޮޅިތަކުގެ ނިޒާމުގެ ތެރެއިންނެވެ. ބައެއް ހޮސްޕިޓަލުތަކަކީ ދަގަނޑާ އެލުމިނިއަމްއިން ހަދާފައިވާ ސިލިންޑަރުތަކުގައި އޮކްސިޖަން ގޭސް ގެންގުޅޭ ހޮސްޕިޓަލުތަކެވެ. ނަމަވެސް މި ގޮތަށް ސިލިންޑަރުގައި އޮކްސިޖަން ގޭސް ގެންގުޅޭނަމަ، އަވަސް އަވަހަށް ސިލިންޑަރުތައް ބަދަލު ކުރަންޖެހެއެވެ. އަނެއް ބައި ހޮސްޕިޓަލުތަކަކީ ކޮންސަންޓްރޭޓާ ބޭނުންކޮށްގެން ވައިގެ ތެރެއިން އޮކްސިޖަން ނަގައިގެން ފިލްޓަރުކޮށްދޭ ޕޯޓަބަލް މެޝިން ގެންގުޅޭ ހޮސްޕިޓަލުތަކެވެ.
މި ދަނޑިވަޅަކީ ދުނިޔޭގެ އެއްވެސް މަންޒިލަކުން ނުފެންނަ ދަރަޖައަށް އިންޑިއާއިން ކޮވިޑް-19ގެ ކޭސްތައް ރެކޯޑް ކުރަމުންދާ ދަނޑިވަޅެކެވެ. ނިމިދިޔަ ހަފުތާއަށް ބަލާއިރުވެސް، ކޮންމެ ދުވަހަކުމެހެން ކޭސް ނަމްބަރުތައް އުޅެނީ ލައްކައާއި ގާތް ކުރާ ހިސާބުގައެވެ. އިންޑިއާއިން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 4.9 މިލިއަނަށްވުރެ މައްޗަށް އަރާފައިވާއިރު، އެކްޓިވް ކޭސްތަކުގެ އަދަދުވެސް ލައްކައާއި ގާތް ކުރެއެވެ.
ހޮސްޕިޓަލުތަކުން އޮކްސިޖަން ސަޕްލައިއަށް ކުރާ ޑިމާންޑް އިތުރުވަމުން ދަނީ އިންތިހާއަށެވެ. އޯލް އިންޑިއާ ގޭސަސް މެނުފެކްޗަރާޒް އެސޯސިއޭޝަންގެ ރެކޯޑްތަކަށް ބަލާއިރު، މިމަހުގެ މިހާތަނަށް ކޮންމެ ދުވަހަކުމެހެން 2700 ޓަނުގެ އޮކްސިޖަން ހޮސްޕިޓަލުތަކާ، އެހީދޭ މަރުކަޒުތަކުން ބޭނުންކުރެއެވެ. މިއަހަރުގެ އޭޕްރިލް މަހު މިއަދަދު އޮތީ 750 ޓަނުގައެވެ.
ކަން މިހެން އޮތް އިރު، ކޮވިޑް-19 ކޮންޓްރޯލް ކުރަން އިއުލާން ކުރި ލޮކްޑައުންއަށް ލުއިދީ، އިގުތިސޯދު ނެގެހެއްޓުމުގެ މަސައްކަތްތައް ފަށާފައިވާއިރު، ސިނާއީ ބޭނުންތަކަށް ނަގާ އޮކްސިޖަންގެ ޑިމާންޑްވެސް ދަނީ އިތުރުވަމުންނެވެ. އޯލް އިންޑިއާ ގޭސަސް މެނުފެކްޗަރާޒް އެސޯސިއޭޝަންގެ ރައީސް ސަކެތު ޓިއްކޫ ވިދާޅުވާ ގޮތުގައި މިހާރު އުފައްދާ އޮކްސިޖަން ސަޕްލައިއިން ސިނާއީ ބޭނުންތަކަށް ދަނީ 45 ޕަސެންޓްއެވެ. އަނެއް 55 ޕަސެންޓް ނަގަނީ ހޮސްޕިޓަލުތަކާ އެފަދަ ތަންތަނަށެވެ.
ދެކޮޅުން ކުރެ ކޮޅެއް ހިޔާރު ކުރުމުގައި ވިސްނަން ޖެހޭ ކަންތައްތައް ގިނައެވެ. އަދުގެ ހާލަތަށް ބަލާއިރު، އެންމެ ބުއްދިވެރި ކަމަށް ފެންނަނީ ސަޕްލައި އިތުރު ކުރުމެވެ. ނަމަވެސް، އޮކްސިޖަން ކާރުހާނާތައް އަޅާފައިވާ ސަރަހައްދުތަކުގެ ގޮތުން، ކައިރި ހިސާބަކުން ސަޕްލައި ލިބޭނެ ފަދައެއް ނެތް ސިޓީތައްވެސް އެބަހުއްޓެވެ.
އެކަށީގެންވާ މިންވަރަށް އޮކްސިޖަން ސަޕްލައި ނުކުރެވިއްޖެނަމަ ހޮސްޕިޓަލުގައި މަރުވާ ކޮވިޑް-19ގެ ޕޭޝަންޓުންގެ އަދަދު އިތުރުވާނެއެވެ. ހުސްވި ހަފުތާގައިވެސް މަދްޔަ ޕްރަދޭޝްގެ ހޮސްޕިޓަލަކުން 4 ޕޭޝަންޓުން މިފަދަ ގޮތަކަށް މަރުވި ކަމަށް ވަނީ ރިޕޯޓްކޮށްފައެވެ. ނަމަވެސް އޮފިޝަލުންވަނީ އެ ތުހުމަތުތަކަށް އިންކާރު ކުރައްވާފައެވެ. މިއީ އިންޑިއާއަށް އާ ކަމެއް ނޫނެވެ. ބިލް ނުދައްކާ އޮވެގެން ސަޕްލަޔަރު އެޅި ފިޔަވަޅެއްގެ ސަބަބުން ހޮސްޕިޓަލުން އޮކްސިޖަން ސަޕްލައި ހުސްވެ، ހޮސްޕިޓަލުގައި ފަރުވާ ދެމުންދިޔަ 70 ކުއްޖަކު މި ދުނިޔެއާއި ވަކިވެ ދިޔަ ހާދިސާ ހިނގީ 2017 ވަނަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައެވެ.
ދެން އޮތީ އަގުގެ ވާހަކައެވެ. އަގުތައް ކޮންޓްރޯލް ކުރި ކަމުގައި ވީ ނަމަވެސް، އޮކްސިޖަން ވިޔަފާރީގެ ކަޅު ބާޒާރެއް އިންޑިއާގައި ވަނީ އުފެދިފައެވެ. ސަރުކާރުން އަގު ކަނޑައެޅީ އޮކްސިޖަން ސިލިންޑަރެއް ވިއްކޭނެ އެންމެ މަތީ އަގެވެ. ދިޔާ މާއްދާގެ ގޮތުގައި އޮކްސިޖަން ވިއްކޭނެ އެންމެ މަތީ އަގެއް ކަނޑަނާޅައެވެ. ނަޖާއިޒު ފައިދާ ނަގާނެ ބަޔަކު އެކަންވެސް ކުރަން ފުރުސަތު އޮތީ ތަނަވަސްކޮށްދީފައެވެ.