ދެކުނު އޭޝިއާ ސަރަހައްދުގެ ކެއުންތަކުގެ އަސާސް ކަމަށްވާ ފިޔާ އެކްސްޕޯޓް ކުރުން މިހާރުން މިހާރަށް މަޑުޖައްސާލުމަށް، އަވަށްޓެރި އިންޑިއާއިން ނިންމައިފިއެވެ.

މިއަދުން ފެށިގެން އިންޑިއާއިން ފިޔާ އެކްސްޕޯޓްކުރުން މަޑުޖައްސާލާފައިވާ ކަމަށް އެ ގައުމުގެ ޑައިރެކްޓަރޭޓް ޖެނެރަލް އޮފް ފޮރިން ޓްރޭޑްއިން އާންމުކުރި ނޯޓިސްއެއްގައި ވަނީ ބަޔާންކޮށްފައެވެ.

އެކްސްޕޯޓް ކުރުން މަޑުޖައްސާލި ބްރޭންޑްތަކުގެތެރޭގައި ބެންގަލޫރު ރޯސް އަދި ކްރިޝްނަޕޫރަމް އަނިއަން އޭ ކިއާ ޒާތުގެ ފިޔާ ހިމެނެއެވެ. މިއީ އިތުރު އެއްވެސް އަގަކާ ނުލާ އިންޑިއާއިން މީގެ ކުރިން އެކްސްޕޯޓް ކުރަމުންދިޔަ ބާވަތްތަކެކެވެ.

އިންޑިއާއިން ފިޔާ އެކްސްޕޯޓް ކުރުން މަޑުޖައްސާލާފައިވަނީ، އެ ގައުމުގެ ބާޒާރުގައި ފިޔާގެ އަގު ބޮޑުވަމުންދާތީ ކަމަށް ޚަބަރު ލިބެއެވެ. އެގޮތުން އިންޑިއާގެ އެތެރޭގެ ބާޒާރުތަކަށް ފިޔާ ލިބުން ދަތިވެ، އަގުތައް އުފެލެމުންދާ ކަމަށް މައުލޫމާތު ލިބެއެވެ. އަދު ތަހައްމަލު ކުރަމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމުގައި އިންޑިއާއިން ގިނަ އަދަދެއްގެ ފިޔާ އެކްސްޕޯޓް ކޮށްފައި ވާއިރު، މޫސުމާ ދިމާކޮށްވެސް އިންޑިއާއަށް ފިޔާގެ ދަތިކަން ކުރިމަތިވެއެވެ.

ހިނގަމުން މިދާ މާލީ އަހަރުގެ އޭޕްރިލް-ޖޫން މަހާ ދެމެދު ފާއިތުވީ ކުއާޓަރަށް ބަލާއިރު، އިންޑިއާއިން ވަނީ 198 މިލިއަން ޑޮލަރުގެ ފިޔާ އެކްސްޕޯޓް ކޮށްފައެވެ. 2019-2020 އަށް ފާއިތުވީ މާލީ އަހަރަށް ބަލާއިރު އެކު ޖުމުލަ އިންޑިއާއިން އެކްސްޕޯޓް ކުރީ 440 މިލިއަން ޑޮލަރުގެ ފިޔާ ކަމަށް މައުލޫމާތު ލިބެއެވެ.

އިންޑިއާއިން ފިޔާ އެކްސްޕޯޓް ކުރާ ބޯޑެތި މާކެޓްތަކުގެ ތެރޭގައި ބަންގްލަދޭޝް، މެލޭޝިއާ، އެކުވެރި އަރަބި އިމާރާތް އަދި ސްރީލަންކާ ހިމެނެއެވެ.

2019 ވަނަ އަހަރުވެސް އިންޑިއާއިން ވަނީ ފިޔާ އެކްސްޕޯޓް ކުރުން މަޑުޖައްސާލާފައެވެ. އެގޮތުން، އެންމެ ކުޑަކޮށް މުދާ އެކްސްޕޯޓް ކުރެވޭނެ އަގުތަކުގެ ލިސްޓުގައި ފިޔާ ހިމެނިއެވެ. އެ ނިންމުމަށް ބަދަލު ގެނެސް، އެއްވެސް އަގަކާ ނުލާ ފިޔާ އެކްސްޕޯޓް ކުރެވޭ ގޮތަށް އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން ނިންމީ މިއަހަރުގެ މާޗް މަހުއެވެ.

އިންޑިއާއިން އަނެއްކާވެސް ފިޔާ އެކްސްޕޯޓް ކުރުން މަޑުޖައްސާލި ނަމަވެސް، ކޮށާފައި ހުންނަ ފިޔާގެ އިތުރުން ޕައުޑަރަށް ހަދާފައި ހުންނަ ފިޔާގެ އުފެއްދުންތައް އެކްސްޕޯޓް ކުރެވޭނެ ކަމަށް މައުލޫމާތު ލިބެއެވެ.