މި ފަހުގެ ތާރީހުގައި އެންމެ ދިގު މުއްދަތަކަށް ޖަޕާނުގެ ބޮޑުވަޒީރު ކަމުގެ މަގާމުގައި ހިދުމަތް ކުރެއްވި ޝީންޒޯ އަބޭ، ސިއްހީ ހާލުކޮޅު ހުރި ގޮތުން މަގާމުން އިސްތިއުފާ ދެއްވާފައި ވާއިރު، އަބޭގެ ޒިންމާތައް ދެން އަދާކުރައްވާނޭ ބޭފުޅެއްގެ މަގާމަށް، ޔޮސިހީދޭ ސުގާ އިންތިހާބުކޮށްފިއެވެ.

ޖަޕާނުގެ ވެރިކަން ކުރާ ޕާޓީގެ އިސް ލީޑަރު ކަމަށް ޔޮސިހީދޭ ސުގާ އިންތިހާބުކޮށްފައި ވާއިރު، މިއީ ޖަޕާނުގެ ބޮޑުވަޒީރު ކަމުގެ މަގާމުވެސް އޭނާއަށް ކަށަވަރުވުން ކަމަށް ބުނެވެއެވެ.

އުމުރުން 71 އަހަރު ސުގާއަކީ މިހާރު ޖަޕާނުގައި އޮތް ސަރުކާރުގައި ހިމެނިވަޑައިގަންނަވާ އިސް ވަޒީރެކެވެ. އަބޭގެވެސް އަރިސް ބޭފުޅެއްގެ ގޮތުގައި ހުންނެވި ސުގާއަކީ، އަބޭ ގެންގުޅުއްވި އުސޫލުތަކާ ސިޔާސަތުތައް ހަމަ އެގޮތުގައި ތަންފީޒު ކުރައްވާނެ ލީޑަރެއް ކަމަށް ބުނެވެއެވެ.

ޖަޕާނުގެ ވެރިކަންކުރާ ލިބަރަލް ޑިމޮކްރަޓިކް ޕާޓީ (އެލްޑީޕީ) ގެ ރައީސް ކަމުގެ މަގާމަށް ސުގާ އިންތިހާބު ކޮށްފައި ވަނީ ބޮޑު އަގުބަލިއްޔަތަކުންނެވެ. އެގޮތުން ޕާޓީގެ މަޖިލީސް މެމްބަރުންނާ ސަރަހައްދީ މެމްބަރުންގެ 534 ވޯޓުގެ ތެރެއިން ސުގާ ވަނީ 377 ވޯޓު ކަށަވަރު ކުރައްވާފައެވެ.

ޖަޕާނުގެ ބޮޑުވަޒީރު ކަމުގެ މަގާމަށް ރަސްމީކޮށް ބޭފުޅަކު އިންތިހާބު ކުރުން ކުރިއަށްދާނީ އެ ގައުމުގެ މައި، ގާނޫނު ހަދާ މަޖިލީހުގައެވެ. އެ ބައްދަލުވުން އޮންނާނީ އަންނަ ބުދަ ދުވަހުއެވެ. މި ބައްދަލުވުމުގައިވެސް އަގުލަބިއްޔަތު ގެންދަވާނީ ސުގާކަމަށް ބުރަވެވެއެވެ.

ޖަޕާނުގެ ބޮޑުވަޒީރު ކަމުގެ މަގާމާ ސުގާ މި ހަވާލުވެވަޑައިގަންނަވަނީ ދައުރެއްގެ މެދު ތެރެއިން ކަމަށްވާއިރު، ސުގާ އެންމެ ފުރަތަމަ ފުރިހަމަ ކުރައްވާނީ ދައުރުގެ ބާކީ އޮތް ބައި ކަމަށް ބެލެވެއެވެ. މިހާރު ހިނގަމުންދާ ދައުރުގެ މުއްދަތު ހަމަވާނީ އަންނަ އަހަރުގެ ސެޕްޓެމްބަރު މަހަށެވެ.

ޖަޕާނުގެ ކުރީގެ އެމްޕަރާ އަކިހީޓޯއިން މިހާރުގެ އެމްޕަރާ ނަރުހީޓޯއަށް ވެރިކަމުގެ ބާރުތައް ބަދަލުވެގެން ދިޔައިރުވެސް ޓްރާންސިޝަން މަރުހަލާގައި އެންމެ އިސް ދައުރެއް އަދާކުރެއްވި އެއް ޕޮލިޓީޝަނަކީ ސުގާއެވެ.

ޖަޕާނުގެ ބޮޑުވަޒީރު ކަމުގެ މަގާމަށް ސުގާއާއިއެކު ދެން ވާދަކުރައްވަނީ އަބޭގެ ސަރުކާރުގެ ހާރިޖީ ވަޒީރެއްގެ ގޮތުގައި މީގެ ކުރިން ހިދުމަތް ކުރެއްވި ފޫމިއޯ ކިޝީދާއާއި ދިފާއީ ވަޒީރެއްގެ ގޮތުގައި ހިދުމަތް ކުރައްވާފައިވާ ޝިގޭރޫ އިޝީބާއެވެ.