ޗައިނާގެ ކުންފުންޏަކުން އޮޕަރޭޓްކުރާ މަޝްހޫރު ވީޑިއޯ ޝެއާރިންގް އެޕް "ޓިކްޓޮކް"ގެ އެމެރިކާގެ އޮޕަރޭޝަންތައް ގަތުމަށް މައިކްރޮސޮފްޓް ކުންފުނިން ހުށަހެޅި ހުށަހެޅުމަށް ޓިކްޓޮކް ކުންފުނިން އެންމެ ފަހު ވަގުތު ނޫނެކޭ ބުނެފައި ވާކަމަށް މައިކްރޮސޮފްޓްއިން ހާމަކޮށްފިއެވެ.

ދުނިޔޭގެ އެންމެ ނުފޫޒުގަދަ ސުޕާޕަވާގެ ލަގަބު ކަށަވަރު ކުރުމުގެ ރޭހުގައި އެމެރިކާއާއި ޗައިނާގެ "ހަނގުރާމަ" ގަދަވެފައި ވާއިރު، އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވަނީ، ޗައިނާގެ ބެލެނިވެރިކަމުގެ ދަށުން އެމެރިކާގައި އޮޕަރޭޓް ކުރާ ލައިސަންސް ވިއްކާލުމުގެ ސުންގަޑިއަކީ ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަސް ކަމުގައި ކަނޑައަޅުއްވާފައެވެ. ނޫންނަމަ އެމެރިކާގައި ޓިކްޓޮކް އެޕްލިކޭޝަން ބޭނުން ކުރުން މުޅިން މަނާވާނެއެވެ.

އެމެރިކާގެ ސަރުކާރުން ދައުވާކުރާ ގޮތުގައި ޓިކްޓޮކްއާއި އެނޫންވެސް ޗައިނާއިން އޮޕަރޭޓްކުރާ އެޕްލިކޭޝަންތަކަކީ އެމެރިކާގެ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެކެވެ. ޗައިނާއިން މި އެޕްލިކޭޝަންތައް ބޭނުންކުރަނީ ފާރަލުމާ ޖާސޫސުކޮށް، މައުލޫމާތު އެއްކުރުމަށް ކަމަށް ޓްރަމްޕްގެ ސަރުކާރުން ބުނެއެވެ.

ޓިކްޓޮކްގެ ޗައިނާ ކުންފުނި، ބައިޓްޑާންސް އަތުން އެމެރިކާގެ އޮޕަރޭޓިންގް ލައިސަންސް ގަތުމަށް އެމެރިކާގެ މައިކްރޮސޮފްޓްއާއި އޮރަކަލް ކުންފުނިން މަސައްކަތް ކުރިއިރު، މައިކްރޮސޮފްޓަށް ޗައިނާ ކުންފުނިން ނޫނެކޭ ބުނުމާއެކު، އެމެރިކާގެ އޮޕަރޭޝަންތައް ގަތުމަށް އެދި ހުށަހެޅުމުގެ ފުރުސަތު، އޮރަކަލް ކުންފުންޏަށް މިވަނީ ތަނަވަސްވެފައެވެ.

ނަމަވެސް މިކަމާ ބެހޭ ގޮތުން އެއްޗެއް ބުނުމަށް ޓިކްޓޮކް ކުންފުނިން ވަނީ އިންކާރު ކޮށްފައެވެ.

ކަންމިހެން އޮތްއިރު، ޗައިނާ ސަރުކާރުންވެސް ދަނީ އެމެރިކާގެ ނިންމުމަށް ހުރަސްތަކެއް ކުރިމަތިކުރަމުންނެވެ. އެގޮތުން ޗައިނާއިން ޓެކްނޮލޮޖީގެ އުފެއްދުންތައް އެކްސްޕޯޓްކުރުމާ ދެކޮޅަށް އެގައުމުން ވަކީ ފިޔަވަޅުތައް ހަރުކަށި ކޮށްފައެވެ. ވަކިން ހާއްސަކޮށް އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އެކުލެވޭ ޓެކްނޮލޮޖީ އެކްސްޕޯޓް ކުރުމުގެ ފިޔަވަޅުތައް ވަނީ ވަރުގަދަ ކޮށްފައެވެ. އޭއައި ޓެކްނޮލޮޖީ އެކްސްޕޯޓްކުރާނަމަ ސަރުކާރުގެ ހުއްދަވެސް ބައެއް އުފެއްދުންތަކަށް ބޭނުންވެއެވެ.

ޓިކްޓޮކްއަކީ ކަސްޓަމަރުން ބޭނުންވާ ގޮތަށް ކޮންޓެންޓް ފަރުމާ ކުރުމުގައި ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ، ޒަމާނީ ޓެކްނޮލޮޖީ އެކުލެވޭ އެޕްލިކޭޝަނެކެވެ. އެހެންކަމުން، މިއީވެސް ޗައިނާ ސަރުކާރުގެ ރާޑަރަށް ނާރާ އެކްސްޕޯޓް ކުރެވިދާނެ އުފެއްދުމެއް ނޫން ކަމަށްވެސް ބެލެވިދާނެއެވެ.