ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓުތައް ފްރީޒް ކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ)ގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުމެއް މާދަމާ ބޭއްވުމަށް ތާވަލު ކޮށްފިއެވެ.
ސުޕްރީމް ކޯޓުން ބުނީ ރައީސް ޔާމީންގެ އަޑުއެހުން ތާވަލް ކޮށްފައި ވަނީ މާދަމާ ހެނދުނު 10:00 އަށް ކަމަށެވެ.
ރައީސް ޔާމީންގެ އެ މައްސަލައިގައި އެންމެ ފަހުން އަޑުއެހުމެއް ބާއްވާފައި ވަނީ މިދިޔަ އަހަރުގެ މެއި މަހުގެ 16 ވަނަ ދުވަހެވެ. އޭރު އެ މައްސަލަ ބަލަމުން ދިޔައީ ކުރީގެ ސުޕްރީމް ކޯޓުގެ ބެންޗުންނެވެ. އެ މައްސަލަ ނިންމާލައްވަމުން އޭރުގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެފައި ވަނީ މައްސަލައިގެ އަޑުއެހުންތައް ނިމުނީ ކަމަށާއި ދެން އޮންނާނީ ހުކުމް އިއްވުން ކަމަށެވެ.
ކްރިމިނަލް ކޯޓުން ނެރުނު އަމުރު ބާތިލް ކުރުމަށް ހައިކޯޓުން ނިންމާފައި ވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫގެ 72 ވަނަ މާއްދާ އަދި 73ވަނަ މާއްދާއަށް ރިއާޔަތްކޮށެވެ. ރައީސް ޔާމީންގެ އެކައުންޓްތައް ފްރީޒް ކޮށްފައި ވަނީ، ސަރުކާރުގެ އިދާރާތަކުން ފުލުހުންނަށް ހުށަހެޅި މައްސަލައަކާއި ގުޅިގެން، ޔާމީންގެ އެކައުންޓްތައް ފްރީޒް ކޮށްދިނުމަށް ޕީޖީން ކްރިމިނަލް ކޯޓުގައި އެދުމުން، އެކޯޓުން އެކަމަށް އަމުރު ކޮށްފައި ވާތީއެވެ. ނަމަވެސް ރައީސް ޔާމީންގެ އެކައުންޓުތަކުގައި ހުރި 100 މިލިއަނަށް ވުރެ ގިނަ ރުފިޔާ ފްރީޒް ކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު ހައިކޯޓުން ބާތިލު ކޮށްފައި ވަނީ މިދިޔަ އަހަރުގެ މާޗް މަހުގެ 31 ވަނަ ދުވަހެވެ.
ރައީސް ޔާމީންގެ ޖުމްލަ 3 މައްސަލައެއް މިހާރު ކޯޓުގައި ކުރިއަށް އެބަގެންދެއެވެ. އެގޮތުން، ގއ. ވޮޑަމުއްލާ ކުއްޔަށް ދޫކުރުމުގައި މަނީ ލޯންޑާ ކުރި ކަމުގެ ކުށް އެމަނިކުފާނުގެ މައްޗަށް ސާބިތުވެފައި ވާއިރު، މި މައްސަލައިގެ އިސްތިއުނާފު އަޑުއެހުންތައް މި މަހުގެ 1 ވަނަ ދުވަހު ހައި ކޯޓުގައި ވަނީ ނިންމާލާފައެވެ. އަދި ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން މަނީ ލޯންޑަރިންގެ ކުށުގެ ދައުވާއާއި، ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާ ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.
ސާބިތެއްނުވާނެ.