ކިންގްޑަމް އޮފް މޮރޮކޯ ނުވަތަ މަޣްރިބްކަރައިގެ އަވަށެއްގައި އުމުރުން އެންމެ 11 އަހަރުގެ ފިރިހެން ކުއްޖަކު ރޭޕްކޮށް މަރާލި މައްސަލައެއްގައި، ތުހުމަތު ކުރެވޭ މީހަކު ހައްޔަރު ކޮށްފައި ވާ ކަމަށް އެ ގައުމުގެ ފުލުހުން ހާމަކޮށްފިއެވެ.

މޮރޮކޯގެ ޖެނެރަލް ޑައިރެކްޓަރޭޓް އޮފް ނޭޝަނަލް ސެކިއުރިޓީ (ޑީޖީއެސްއެން) އިން އާންމު ކުރި ބަޔާނެއްގައި ބުނެފައިވަނީ، ފުޅާ ދާއިރާއެއްގައި ހޯދި ހޯދުންތަކާ ހިންގި ވަރުގަދަ ތަހުގީގުތަކަށް ފަހު، އުމުރުން 24 އަހަރުގެ މީހަކު ހައްޔަރު ކޮށްފައި ވާ ކަމަށެވެ.

ތަހުގީގުން މިހާތަނަށް ހޯދިފައިވާ ހޯދުންތަކަށް ބަލާއިރު، ހައްޔަރު ކޮށްފައިވާ މީހާއަކީ ކުއްޖާ މަރާލުމާ، އެކުއްޖާއަށް ޖިންސީ ގޯނާ ދިނުމާ ގުޅޭ މީހެއް ކަން އެނގިފައި ވާ ކަމަށް ޑީޖީއެސްއެންގެ ބަޔާނުގައިވެއެވެ.

ރޭޕްކޮށް، މަރާލުމަށްފަހު ވަޅުލާފައި އޮއްވާ ފެނުނު އުމުރުން އެންމެ 11 އަހަރުގެ އަދުނާން ޔޫސުފަށް އިންސާފު ހޯދާ ދިނުމަށް ގޮވާލާ، ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ ތަސްވީރެއް/ފޮޓޯ: ގަލްފް ނިއުސް | ސޯޝަލް މީޑިއާ

ފުލުހުންގެ މަސައްކަތުން، ފިރިހެން ކުއްޖާގެ ހަށިގަނޑު ހޯދާފައިވަނީ، އެކުއްޖާގެ އާއިލާއަށް ނިސްބަތްވާ ގެއާ މާ ދުރު ނޫން ހިސާބުގައި، ވަޅުލާފައިވަނިކޮށެވެ. ރޭޕް ކުރުމަށްފަހު އެކުއްޖާ މަރާލާފައިވަނީ ކިހިނެއް ކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ފުލުހުންވަނީ އަދުނާނު ރޭޕްކޮށް މަރާލި މައްސަލާގައި ހައްޔަރުކޮށްފައިވާ މީހާ، ތަހުގީގު ނިމެންދެން ބަންދުގައި ބަހައްޓަން ނިންމާފައެވެ.

އުމުރުން އެންމެ 11 އަހަރުގެ އަދުނާން ޔޫސުފް ވަގަށް ނެގީ، އޭނާގެ ބައްޕައަށް ބޭސް ގަންނަން ނިކުތް ވަގުތުއެވެ. އެއީ މީގެ 6 ދުވަސް ކުރިއެވެ.

ހައްގުތަކަށް ވަކާލާތުކޮށް ސޯޝަލް މީޑިއާގައި އަޑުއުފުލަމުންދާ އެކްޓިވިސްޓުން ދަނީ، ކުޑަކުދިން ރޭޕްކުރާ މީހުންނާ، މަރާ މީހުންގެ މައްޗަށް، މަރުގެ ހުކުމް ތަންފީޒު ކުރަން އަލުން ފެށުމަށް ގޮވާލަމުންނެވެ. މި ފަހަކަށް ޖިންސީ ޝިކާރައަކަށް ކުޑަކުދިން ވަމުން އަންނަ މައްސަލައަކީ މޮރޮކޯއަށް ބޮޑުވަމުން އަންނަ މައްސަލައެކެވެ.