މިދިޔަ ޖޫން މަހު ކުއްލި ގޮތަކަށް ވަކިވެގެންދިޔަ ބޮލީވުޑްގެ ޒުވާން ބަތޮލް، ސުޝާންތު ސިންހް ރާޖްޕުތްގެ މަރާ ގުޅިގެން ފެންމަތިވެފައިވާ ޑްރަގްގެ މައްސަލާގައި މިހާތަނަށް 6 މީހަކު ހައްޔަރު ކޮށްފައި ވާކަމަށް، އިންޑިއާގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) ގެ އޮފިޝަލަކާ ހަވާލާދީ، އެގައުމުގެ މީޑިއާއިން ރިޕޯޓް ކޮށްފިއެވެ.

ފިލްމް ސިޓީ މުމްބާއީއާއި ގޯއާއިންވެސް މީހުން ހައްޔަރު ކުރަމުންދާއިރު، މިއަދުގެ ވަގުތެއްގައި އަދިވެސް އިތުރު "ވަރުގަދަ" ޝަހްސުތަކެއް ހައްޔަރު ކުރެވިގެންދާނެ ކަމަށް އިންޑިއާގެ މީޑިއާއިން ވަކާލާތު ކުރެއެވެ. ސުޝާންތުގެ މަރުގެ ތަހުގީގުގެ ތެރެއިން ފެންމަތިވި މަސްތުވާތަކެތީގެ މައްސަލާގައި މިހާތަނަށް ޑްރަގް ސަޕްލަޔަރުންތަކެއް ހައްޔަރުކޮށްފައި ވާއިރު، ސުޝާންތުގެ ލޯބިވެރިޔާ އަދި ބަތޮލާ، ރިއާ ޗަކްރަބަތީ ވެސް ވަނީ، ހަމަ މިމައްސަލާގައި ޖަލަށް ލާފައެވެ.

އިންޑިއާގެ ކަމާ ބެހޭ ފަރާތްތަކުގެ ބެލުމުގެ ދަށަށް ރިއާ ގެންގޮސްފައިވާއިރު، އިންޑިއާގެ މައި އިދިކޮޅު، ސިޔާސީ ޕާޓީގެ މަގާމުގައި އޮތް ކޮންގްރެސްއިން ވަނީ ކަލްކަޓާގައި ވަރުގަދަ މުޒާހަރާއެއް ފަށާފައެވެ. މި މުޒާހަރާއަކީ އެންސީބީއިން ރިއާގެ މައްސަލަ ބަލާ، ހައްޔަރު ކުރުމާ ދެކޮޅަށް ކުރާ މުޒާހަރާއެއް ކަމަށް ޚަބަރު ލިބެއެވެ.

ކޮންގްރެސްއިން އިންތިޒާމު ކޮށްގެން ކުރިއަށް ގެންދާ މުޒާހަރާގައި ވެސްޓް ބެންގޯލްގެ ކޮންގްރެސް މެމްބަރުން ބައިވެރިވެއެވެ. ވެސްޓް ބެންގޯލްއަކީ އެ ސްޓޭޓަށް ނިސްބަތްވާ ޒުވާނެކެވެ. މުޒާހަރާގެ ބައިވެރިން ގޮވަމުންދަނީ "ރިއާއަކީ ބެންގޯލްގެ ދަރިއެއް" ކަމަށާ، މީޑިއާއިން ރިއާއާއި މެދު އަމަލު ކުރަމުންދާ އިހާނެތި ގޮތް، ބަލައިގަނެވެން ނެތްކަމަށެވެ.

ސުޝާންތުގެ މަރާ ގުޅިގެން ހިންގާ ތަހުގީގުގައި ބޮލީވުޑްގެ ވަރުގަދަ ނަންތަކެއް ކިލަނބުވެގެންދާއިރު، މިކަމުގައި ސިޔާސީ މަގުސަދު އޮތްކަމަށް ބުނާ ބަޔަކުވެސް އުޅެއެވެ. ސުޝާންތުގެ މަރަށް އިންޑިއާގެ މީޑިއާއިން ދެމުންދާ ސަމާލުކަމަކީ، އިންޑިއާގައި ހިންގަމުންދާ ނުރައްކާތެރި ކަންތައްތަކެއް ފޮރުވުމަށް ޖައްސާ ސްޓަންޓެއް ކަމަށްވެސް އަނެއް ބަޔަކު ދައުވާ ކުރެއެވެ.